އަހުރެންގެ ދަރިންނަށް ކުރާ ވަޞިއްޔަތެއް ބުނަން ހެއްޔެވެ؟ އެއީ އެއްވެސް މީހަކު ދެކެވެސް އެއްވެސް އެއްޗެއް ދެކެވެސް އެއެއްޗެއް ދަރިފުޅަށް ގެއްލިއްޖެނަމަ ހިތާމަކުރަންޖެހޭ މިންވަރަށް ލޯބިނުވުމަށެވެ. މިބަހުގައި އެއްވެސް އެއްވެސް މީހެއް، އެއްވެސް އެއްޗެއް އިސްތިސްނާއެއް ނުކުރަމެވެ.
އަހުރެމްނެ ކޮންމެ މީހަކުވެސް ލޯބިވާ އެއްޗެއްސާއި މީހުންނާއި ކަންކަން އަދި އެއްޗެތިވެސް ހުންނާނެއެވެ. ނަމަވެސް ލޯބިވުން ބަހައްޓަންވާނީ މިމިނުންނެވެ. އެހެން ނޫންނަމަ ހިތާމަކުރަންވާނެއެވެ.
ދުނިޔޭގައި ގެއްލޭނީ ހަމައެކަނި ޙަޔާތުގެ ބައިރިންނެއް ނޫނެވެ. ދަރިންވެސް އަދި ލޯބިވާ އެހެން މީހުންވެސް ގެއްލޭނެއެވެ. ވަކިވާންޖެހޭނެއެވެ. އެއްގޮތަކީ މަރުވުމެވެ. އަނެއް ގޮތަކީ ތިބާ ދޫކޮށްލާފައި ވަކިވެގެންދިއުމެވެ.
އަހުރެންގެ ވަޞިއްޔަތަކީ އަހުރެން ފަދައިން ތިއަ ބެލެނިވެރިން، މައިންބަފައިންވެސް މިފަދައިން ދަރިންނަށް ނަޞޭޙަތްދިނުމެވެ. ދުނިޔޭގެ ނިޒާމުގެ ތެރެއިން ހިނގަމުންދާ ހުރިހާ ކަންކަން ހަމަ އަހުރެމެންގެ ދަރިންނަސްވެސް ކުރިމަތިވާނެއެވެ. މަރުވާނެއެވެ. އެންމެ ލޯބިވާ ބައިވެރިޔާ ވަކިވެގެންވެސް ދާނެއެވެ. އެއީ އެކަކަށްވެސް ހުއްޓުވޭނެ ކަންކަމެއް ނޫނެވެ.
ވީމާ އަހުރެމެންނަށް އޮތީ އެކަންކަމަށް އަހުރެމެން ހޭލުންތެރިވެ ތިބެ އަދި އަހުރެމެންގެ ދަރިންވެސް ހޭލުންތެރިކުރުވަން މަސައްކަތްކުރުމެވެ. އެކަމަށް މަސައްކަތްކުރަމުން އެކަން ހިންމަވައި ދެއްވެވުން އެދިގެން ދުޢާވެސްކުރަންވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން