ގިނަ ބައެއްގެ ތެރޭގައި ތިބާ ހުއްޓައި މީހަކު އައިސް ތިބާ ރުޅިއަރުވާލަން މަސައްކަތްކޮށްފިނަމަ އެތަނުގައި ތިބި އެންމެންވެސް އުންމީދުކުރާނީ ތިބާ އެމީހަކަށް ރައްދުދޭނެކަމަށެވެ. ނަމަވެސް ރައްދުނުދީ ބުނެލާށެވެ. "އެކުވެރިޔާއަށް ﷲ ހެޔޮ ޖަޒާދެއްވާށިއެވެ. އަހުރެންނަށް ދޭނެ ހެޔޮ ނަޞޭޙަތެއް އެބައޮތް ހެއްޔެވެ؟"
މީހަކު ތިބާގެ ޙައްޤަކަށް އަރައިގަތީއެވެ. އެއްޗެއް އަތުލައިގަތީއެވެ. ތިބާއަށް ލިބެން އޮތް ނިޢުމަތަކަށް ހުރަސް އަޅަން މަސައްކަތްކުރީއެވެ. އަޅައިވެސް ނުލައި އޭނާއަށްޓަކައި ހެޔޮދުޢާކޮށްލާށެވެ! "ޔާ ﷲ! މިއަޅާ އޭނާއަށް މާފުކޮށްފީމެވެ. މިއަޅާއަށް ހެޔޮ ގޮތް މިންވަރުކުރައްވަވާނދޭވެ! އާމީން"
ބަންގިދިނުމުން ނަމާދުކުރަން އަވަސްވެގަންނާށެވެ! ކުރާ ފުރަތަމަ ކަމަކަށް ނަމާދުކުރުން ހަދާށެވެ! ނަމާދުކުރާއިރު ހަމައެކަނި ނަމާދަށް ސަމާލުކަންދީގެން ނަމާދުކުރާށެވެ! ނަމާދުން ލިބެން އޮތް ޘަވާބު އެންމެ ފިރިހަމައަށް ލިބިގަތުމަށް މަސައްކަތްކުރާށެވެ.
މި 3 ކަންތަކުގައި ތިބާ ޘާބިތުވެ ހުރެއްޖެނަމަ ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. ދުނިޔެއާއި އާޚިރަތްވެސް އެމީހަކަށް އުފާވެރިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
އެކަމަކު ބުނަންހެއްޔެވެ؟ މި 3 ކަންތައްވެސް ކުރެވޭނީ ވަރަށް ހިތްވަރުގަދަ މީހުންނަށެވެ. އެކަންކަން ކުރަން ފިސާރި ޢަޒުމާއިއެކު މަސައްކަތްކުރާ މީހުންނަށެވެ. ވީމާ ފުރަތަމަކަމަކަށް އޮތީ އެފަދަ މީހަކަށްވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން