ބަސަމަދު ބައިވެރިއަކު ލިބިއްޖެނަމަ އުފާކުރަންޖެހޭ ބައެއް ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ބަސަމަދު ބައިވެރިއަކު ލިބިއްޖެނަމަ އުފާކުރަންޖެހޭ ބައެއް ސަބަބުތައް-

ބައެއް ފިރިހެނުންނަކީވެސް އަދި އަންހެނުނަކީވެސް ތަންކޮޅެއް މަޑުމައިތިރި ބައެކެވެ. އެމީހުންނާއި ކުރެވޭ ހުރިހާ ސުވާލުތަކަށް ޖަވާބުވެސްނުދީފާނެއެވެ. އަދި އެމީހުން ކަންބޮޑުވާ ހުރިހާ ކަްނކަމުގެ ވާހަކަ ނުދައްކައިވެސްފާނެއެވެ. 

މިޙާލަތުގައި އެމީހުންނަކީ ތަންދޮރު ނުދަންނަ، ހޭލުންތެރިކަން ކުޑަ ނުވަތަ ފިނޑިބައެއްކަމަށްވެސް ބުނެފާނެއެވެ. އެކަމަކު އެއީ ޙަޤީޤަތެއް ނޫނެވ. އެމީހުންގެ ބުއްދިވެރިކަން މާބޮޑީއެވެ. އެފަދަ މީހުން މަޑުންތިބެފައި ނިންމާ ނިންމުންތައް މާވަރުގަދަވާނެއެވެ. މާހަރުދަނާވެސްވާނެއެވެ. އަދި އެފަދަ ގިނަ މީހުން ނިންމާ ނިންމުތައް ބަދަލުކުރާކަށްވެސް ބޭނުމެއްނުވާނެއެވެ. 

އެކުވެރިންނާވެ! ބަސްމަދު ކޮންމެ މީހަކީ އުނި މީހަކުކަމުގައި ނުދެކޭށެވެ. އަދި ހިތްވަރުދެރަ ނުވަތަ ތަންދޮރު ނުއެނގޭ މީހަކު ކަމުގައިވެސް ނުދެކޭށެވެ. އެކަމުގެ ރަނގަޅު ވަޤުތުޖެހުމުން އެމީހުން އަޅާ ފިޔަވަޅުތައް މާވަރުގަދަވެފައި ހަރުދަނާވެސް ވާނެކަމަށް ކުރިންވެސް ބުނެފީމެވެ. 

ޒަވާޖީ ޙަޔާތް ހޭދަކުރަމުން އަންނައިރުވެސް މިމައްސަލަ ކުރިމަތިވެއެވެ. ބަސްމަދު މީހާއާއިމެދު ދެކެވެނީ ރަނގަޅުގޮތުގައެއް ނޫނެވެ. ބަލަންވީ ބައިވެރިޔާގެ ބަސްގިނަކަމެއް ނޫނެވެ. ބައިވެރިޔާގެ ޢަމަލުތައް ހަރުދަނާތޯއެވެ. ދިރިއުޅުމުގެ ޒިންމާ ނަގައިތޯއެވެ. 

ފައިދާކުރާނީ ބަސްގިނަވުމަކުން ނޫނެވެ! އަނެކާއަށް ވަފާތެރިވެފައި އެހީތެރިކަން ފޯރުކޮށްދޭނަމަ އެނިމުނީއެވެ. ރިވެތި އަޚްލާޤެއްގެ މަތީގައި ދިރިއުޅޭނަމަ އެއޮތީ ފުދިއިތުރުވެފައެވެ. ތަޤްވާވެރިނަމަ މާބޮޑަށް ފުދި އިތުރުވީއެވެ. 

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ގިނައިން ބޭކާރު ވާހަކަތައް ދެއްކުމަކީ ބޮލަސް އުނދަގޫވާނެ ކަމެކެވެ. ދެމީހުންގެ މެދުގައި މައްސަލަޖެހުންވެސް ގިނަވާނެއެވެ. ވީމާ ބައިވެރިއަކަށް ބަސްމަދު މީހަކު ލިބިފައިވާނަމަ އޮތީ އުފާކުރުމެވެ.

 

- އަލަފް

މިއަދު އޮންލައިން