އަނބިދަރިން ނަރަކައިން ސަލާމަތްކުރެވޭނީ ދީނުގަވާ މަގުން ފޭރާން ލައްވައި ނަމާދުވެސް ކުރުވައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަނބިދަރިން ނަރަކައިން ސަލާމަތްކުރެވޭނީ ދީނުގަވާ މަގުން ފޭރާން ލައްވައި ނަމާދުވެސް ކުރުވައިގެން!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

(އައްތަޙްރީމް: 6)

ވީމާ ތިމާގެ އަމިއްލަ ނަފްސާއި އަނބިދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރަން ޖެހެއެވެ. އެކަންވާންއޮތީ ދީނުގައި އޮތް ގޮތަށް (އަނބިދަރިން) ހެދުން އަޅުވައި ނިވާކޮށްގެންނެވެ. މިކަމާއިމެދު އެއްވެސް ޢިލްމުވެރިއަކު ޝައްކެއް ނުކުރައްވައެވެ. އެއްވެސް ޚިޔާލުތަފާތުވުމެއްވެސް ނެތެވެ.

މިއާޔަތުން އެނގިގެންދަނީ އަނބިދަރިން ނަރަކައިން ސަލާމަތްކުރުވަން މަސައްކަތްކުރުމުގެ މުހިންމުކަމާއި ނަރަކައިން ސަލާމަތްވުމަށްޓަކައި ދީނުގައިވާ ގޮތަށް އަނބިދަރިން އެޅުވުމުގެ މުހިންކަމެވެ.

މި އާޔަތުގައި "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި ތިއަބައިމީހުންގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ!" ވަޙީކުރައްވަވާފައި އޮތުމުން އެކަމަކީ ﷲ ތަޢާލާގެ އަމުރުފުޅެއްކަން މިއޮތީ ޤުރްއާނުން އެނގޭށެވެ!

ހަމައެއާއިއެކު އަމިއްލަ ނަފްސް ނަރަކައިން ސަލާމަތްކުރުމަށްޓަކައި މިސްކިތްތަކުން 5 އިރު ގޮވާ "ޙައްޔަޢަލައްޞަލާތި، ޙައްޔަޢަލަލްފަލާހް" ގެ އަޑު އިވުމުން ފިރިހެނުން މިސްކިތުގެ ޖަމާޢަތަށް ނަމާދަށްދާންޖެހޭކަން ވެސް ފާހަގަކުރެވެއެވެ. އަދި އެހެން މީހުންނަށް ދީނުގެ ކަންކަން އޮޅުންފިލުވައިދިނުން އޮތީ ތިމާގެ މައްޗަށް ވާޖިބުކުރައްވަވާފައިވާ ކަންކަން ކުރުމާއިއެކުގައިކަންވެސް ފާހަގަކުރެވެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން