ގިނަ ބައަކު އަމިއްލައަށް މަރުވަނީ ޝައިޠޯނާ ޖައްސާ އެންމެ ނުބައި މަޅީގަ ޖެހުމުން! ނަމަނަމަ އެމަޅީގަ ނުޖެހޭތި!: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ގިނަ ބައަކު އަމިއްލައަށް މަރުވަނީ ޝައިޠޯނާ ޖައްސާ އެންމެ ނުބައި މަޅީގަ ޖެހުމުން! ނަމަނަމަ އެމަޅީގަ ނުޖެހޭތި!: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދް

އަހުރެން މަސައްކަތްކުރަނީ އަމިއްލައަށް މުރުވުމުގެ ވާހަކަ ނުދައްކާށެވެ! އެހެނަސް ނުދައްކައި ހުރެވޭކަށްވެސް ނެތެވެ. އެއީ މަދު ބައަކު ނަމަވެސް ޝައިޠޯނާގެ ބަސް ޤަބޫލުކޮށް މަގުފުރެދެމުންދާތީއެވެ.

"އެއް ރޭ މީހަކު ފޯނުކޮށްފައި ބުންޏެވެ. "އަހަރެން މިއުޅެނީ ދަންޖެހި މަރުވާށެވެ! އަހަރެންނަށް ޒިނޭ ކުރެވިއްޖެއެވެ. އަހަރެންނަށް ދެން ހިތްހަމަޖެހުމެއް ނެތެވެ!"

އަހުރެން އޭނާއަށް ވިސްނައިދިނީމެވެ.

ޒިނޭ ކުރުމަކީ ވެސް އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. ނަމަވެސް ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ނަމަވެސް ދަންޖެހި މަރުވުމެއް ނެތެވެ. އެމީހަކު ތައުބާވުމުން ނުފުއްސަވާނެ ފާފައެއް ނެތެވެ. ވީމާ ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ނަމަވެސް އޮތީ އެކަމުގ ހިތާމައިގައި އަމިއްލައަށް މަރުވުމެއް ނޫނެވެ. ތައުބާވުމަށް އަވަސްވެގަތުމެވެ. ﷲ ތަޢާލާއީ ތައުބާވުމުން ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ.

މިފަދަ ވިސްނުން މިއަންނަނީ ޝައިޠޯނާ ޖަހާ ދެމަޅީގައިވެސް ޖެހި ތާށިވާތީއެވެ. ފުރަތަމަ މަޅިއަކީ ﷲ ތަޢާލާ ފާފަ ފުއްސަވައިދެއްވަވާނެކަން ވިސްނައިދީ ފާފަ ކުރުވުމެވެ. ދެވަނަ މަޅިއަކީ ފާފަކުރުމުން އޭނާއަށް ދެން ސަލާމަތްކަމެއް ނެތްކަން ވިސްނައިދީ މާޔޫސްކުރުވައިގެން އަމިއްލައަށް މަރުވުން ފަދަ އެކަމަކުން ސަލާމަތް ނުވެވިދާނެ ފާފަތައް ކުރުވަން މަސައްކަތްކުރުމެވެ.

ޝައިޠޯނާގެ ބަހަށް ހެއްލެވި އަމިއްލައަށް މަރުވުމަކީ ތައުބާވުމުގެ ފުރުޞަތު ނުލިބި މީހާ ދުނިޔެއިން ވަކިވާންޖެހިދާނެ ފާފައަކަށްވާތީ އެކަން ހިމެނެނީ ސަލާމަތް ނުވެވިދާނެ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންނެވެ. ވީމާ އަހަރެމެންނަސް އޮތީ ޝައިޠޯނާ ޖައްސުވާ މިނުބައި މަޅީގައި ނުޖެހި ސަލާމަތްވުމެވެ.

--ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން