ކައްވަޅުގަ ސުވާލުކުރެވޭ މަރުޙަލާ އާއިބެހޭގޮތުން އެނގެންޖެހޭ މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކައްވަޅުގަ ސުވާލުކުރެވޭ މަރުޙަލާ އާއިބެހޭގޮތުން އެނގެންޖެހޭ މުހިންމު ބައެއް ކަންކަން-

ކޮންމެ މީހަކަށްވެސް އިވޭނެ އެންމެ އުފާވެރިއަޑު އިވިގެންދާނީ މަރުވެ ވަޅުލެވުމުން ކައްވަޅުންނެވެ. މަލާއިކަތުން ކުރައްވަވާ ސުވާލުތަކަށް ޖަވާބު ދެވުމުންނެވެ. އެކަން ހިނގާ ގޮތް މިކިޔައިދެނީއެވެ. ރަނގަޅަށް އަޑުއަހައި ތިބޭށެވެ.

މީހާ މަރުވެ ކައްވަޅުގައި ވަޅުލެވުމުން 2 މަލާއިކަތުން ވަޑައިގެން 3 ސުވާލުކުރައްވަވާނެކަން އެބަ އެނގެއެވެ. އެ 3 ސުވާލުވެސް އެނގެއެވެ. މައްސަލަ އުފެދެނީ އެ 3 ސުވާލުގެ ޖަވާބު ރަނގަޅަށް ދިނުމުންނެވެ.

އެހެނީ އެ 3 ސުވާލުގެ ޖަވާބު ދިނުމުން އެކަންކަން އެނގުނު ގޮތަކާއި ބެހޭގޮތުން ސުވާލުކުރަވަވާނެތީއެވެ. ފުރިހަމަ މުސްލިމެއްގެ ޖަވާބަކަށްވާނީ "އަހުރެން ﷲ ތަޢާލާގެ ފޮތް (ކީރިތި ޤުރްއާން) ކިޔަވައި އުޅުނީމެވެ. އަދި އެފޮތުގައިވާ ކަންކަން ތެދު ކަމުގައި ޤަބޫލުކޮށް އެކަމަށް ހެކިވާ މީހަކުކަމުގައިވަމެވެ."

އެހިނދު ސުވަރުގެއިން އަޑެއް އަންނާނެއެވެ. "އޭނާ ތެދުހަދައިފިއެވެ!" އެއަޑާއިއެކު އޭނާ އެވަނީ ކައްވަޅުގެ އިމްތިޙާންތަކުން ފާސްވެފައެވެ. އޭނާގެ ނަން މުއުމިނުންގެ ލިސްޓުގައި ލިޔުއްވެވުމަށް މަލާއިކަތުންނަށް ﷲ ތަޢާލާ ދެވަނަ ފަހަރަށް އަންގަވާނެތެވެ.

ދެން ވިސްނައިލަންޖެހޭ ކަމަކީ ކައްވަޅުގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދެވޭނީ ތިމާއަށް އެނގިފައިވާ ޢިލްމަކުން ނޫންކަމެވެ. ޢަމަލުކުރި ގޮތުން ކަމެވެ. އެހެނީ މަރުވުމުން ކާފިރުންނަށްވެސް ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހަކީ ﷲ ތަޢާލާކަން އެނގޭނެއެވެ. ނަމަވެސް ދުނިޔޭގައި ހުރިއިރު ޢަމަލު ނުކުރާތީ ޖަވާބު ނުދެވެނީއެވެ. މުސްލިމުންގެ ތެރެއިންވެސް ޢަމަލުނުކުރާ މީހުންނަށް ޖަވާބެއް ނުދެވޭނެއެވެ.

އެހިސާބުން ސުވަރުގޭގެ ފޭރާން އޭނާއަށް ދެއްވުމަށާއި ސުވަރުގޭގެ ކައުޘަރު ދެއްކެވުމަށާއި ސުވަރުގެއިން އޭނާއަށް ލިބޭނެ މަޤާމް (ދަރަޖަ) ދެއްކެވުމަށް ﷲ ތަޢާލާ ވަޙީކުރައްވަވާނެތެވެ.

މީސްތަކުންނޭވެ! ޤަބުރު ވަޅުލުމަށްފަހު މަހާނަ ކައިރީގައި ތިބެގެން "މިހާރު އެބަ 2 މަލާއިތުން ވަޑައިގަންނަވައޭ! ކުރައްވާ ސުވާލުތަކަށް މިވެނި އެވެނި ޖަވާބު ދޭށޭ" ކިޔައިގެން ކިތަންމެ ގިނަ ބައަކު ގޮވި ނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މައްޔިތާއަށް ޖަވާބުދެވޭނީ އޭނާ ދުނިޔޭގައި ހުރިއިރު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށެވެ. މިފަދަ ބަސްތައް ބުނުމަކީ "ރަތް ރޮނގުން" ގޮވާ މީހާ ބޭރުވާނެ ކަމެކެވެ. ވީމާ ކުރަން އޮތް ހަމައެކަނި ކަމަކީ ދުނިޔޭގައި އުޅެން ލިބޭ މުއްދަތުގައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ!

--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން