ބޮޑަށް ކަންބޮޑުވާންވީ ފާފަ ކުރެވޭތީއެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ބޮޑަށް ކަންބޮޑުވާންވީ ފާފަ ކުރެވޭތީއެއް ނޫނެވެ!

މުއްމިނުންގެ ސިފަތައް ބަޔާންކުރައްވަވަވައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ.

"އެއުރެންނީ ހެޔޮ ކަންތައްތައް ކުރުމުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެއުރެންނީ އެކަންތައްތައް (ހެޔޮ ކަންތައްތައް) ކުރުމުގައި ކުރިއަރައިދާ މީހުންނެވެ." (އަލްމުއްމިނޫން: 61)

އަދިވެސް ﷲ ތަޢާލާ ވަޙީޚުރައްވަވާފައިވެއެވެ.

"ތައުބާވެ، އީމާންވެ ގިނަގިނައިން ޞާލިޙް ޢަމަލުތައް ކުޅަ މީހަކު މެނުވީއެވެ. ފަހެ އެއުރެންނާއިމެދު (ދަންނާށެވެ!) ﷲ، އެއުރެންގެ ނުބައިކަންތައް ހެޔޮ ކަންތަކަށް ބަދަލުކުރައްވަވާނެތެވެ. ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." (އަލްފުރްޤާން: 70)

މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ އެކަލާނގެ ދެއްވަވާ ޢުޤޫބާތާއި ކުރިމަތިލާންޖެހޭނީ ތައުބާވެ، އީމާންވެ ގިނަގިނައިން ޞާލިޙް ޢަމަލުތައް ނުކުރާ މީހުން ކަމެވެ. އަދި ﷲ ތަޢަލާއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ ކަމަށާއި ތައުބާވެ، އީމާންވެ ގިނަގިނައިން ޞާލިޙް ޢަމަލުތައް ކުރާ މީހުންގެ ނުބައިކަންތައް ހެޔޮ ކަންތަކަށް ބަދަލުކުރައްވަވާނެކަމެވެ.

ނަމަވެސް މިބުނި ބަހުގެ މާނަ ނުބައިކޮށް ނުނަގާށެވެ! މިބުނެވެނީ ފާފަކުރުންމަތީގައި ދެމިތިބޭ މީހުންގެ ވާހަކައެއް ނޫނެވެ. ފާފައެއް ކުރެވުމުން އަވަސް އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައް ކުރާ މީހުންގެ ވާހަކައެވެ. ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިތިބޭ މީހުންގެ ވާހަކައެވެ.

ހެޔޮ ޢަމަލުކުރުމަކީ ކުރެވުނު ނުބައި ޢަމަލުގެ ފާފަ ފުއްސަވައިދެއްވަވާ ކަމެކެވެ. އެކަން ޞަޙީޙް ޙަދީޘްފުޅުތަކުންވެސް ވަރަށް ރަނގަޅަށް ސާބިތުވެގެންދެއެވެ. އިންސާނުންނަކީ ފާފަކުރެވޭނެ ބައެކެވެ. އެއީ ކަންބޮޑުވެ މާޔޫސްވާންވީ ކަމެއް ނޫނެވެ. ﷲ ތަޢަލާއީ ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފެށުމުން ކުރެވިފައިވާ ނުބައި ކަންތައްތައް ހެޔޮ ޢަމަލުތަކަށް ބަދަކުރައްވަވައި ދެއްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ.

ފާފަ ކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑުކަންތަކެވެ. އެހެނީ ފާފަކުރެވުމަކީ ﷲ ތަޢާލާގެ ޢުޤޫބާތާއި ކުރިމަތިލާންޖެހޭނެ ކަމެކެވެ. ޝަރީކުކުރުމާއި މީހުން މެރުމާއި ޒިނޭކުރުން ފަދަ ފާފަތަކަކީ ބޮޑެތި ފާފަތަކެވެ. ނަމަވެސް އަހުރެންގެ ނަޒަރުގައި ބޮޑަށް ކަންބޮޑުވާންވީ ފާފަކުރެވޭތީއެއް ނޫނެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ނުކުރެވޭތީއެވެ. ހެޔޮ ޢަމަލުކުރުން އިތުރު ނުކުރެވޭތީއެވެ.

އިންސާނުން ކަމަށްވީތީ ފާފަތައް ކުރެވޭނެއެވެ. ވިއްދައިގެން ތައުބާވެ ހެޔޮ ޢަމަލުކުރާނަމަ އެމީހަކަށް އެދެވެނީ ރަނގަޅު ގޮތުގައި ކުރިއަރައިގެންނެވެ! އިން ޝާ ﷲ

---އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން