މިލިއަނަރުންނާ ބިލިއަނަރުން ހަފްތާއަކު ފޮތެއް ކިޔަނީ ކީއްވެ؟ ކިޔަނީ ކޮންކަހަލަ ފޮތެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މިލިއަނަރުންނާ ބިލިއަނަރުން ހަފްތާއަކު ފޮތެއް ކިޔަނީ ކީއްވެ؟ ކިޔަނީ ކޮންކަހަލަ ފޮތެއް؟

ދުނިޔޭގައި ތިބި މިލިއަނަރުންނާއި ބިލިއަނަރުންނަށް ބަލައިފިނަމަ 85 އިންސައްތަ މީހުންނަކީ މައިންބަފައިންގެ ކިބައިން ތަނަވަސްކަން ވާރުތަވެގެން ތިބި މީހުންނެވެ. ވީމާ އެނގިގެން މިދަނީ އަމިއްލަ މަސައްކަތުން އެހިސާބުގެ ތަނަވަސްކަމެއް ހޯދެނީ އެންމެ 15 އިންސައްތަ މީހުންނަށް ކަމެވެ. 

ދެން ފާހަގަކުރަން ބޭނުންވާ ކަމަކީ އެމީހުން ފޮތްކިޔާކަމެވެ. ތަނަވަސްކަން ލިބިގެންތިބި މިބުނި މީހުން އެވްރެޖްކޮށް ހަފްތާއަކު ފޮތެއް ކިޔައެވެ. ކިޔަނީ ޚިޔާލީ ވާހަކަތަކެއް ނޫނެވެ. އެމީހުންގެ ދިރިއުޅުމަށް ފައިދާކުރާނެ ފޮތްތަކެވެ. 

އަހުރެންގެ ސުވާލަކީ އެމީހުންގެ ބޮޑު ތަނަވަސްކަމުގައި ތިބެ، ތަނަވަސްކަން އަދިވެސް އިތުރުކުރަން މަސައްކަތްކުރަމުން ފޮތްކިޔުމަށް އެހައި ބޮޑު ސަމާލުކަމެއްދީގެން ފޮތްކިޔަނީ ކީއްވެގެންހެއްޔެވެ؟ މިސުވާލު ކުރުމުން ބައެއް މީހުން ބުނެފައިވަނީ ކަންކަން ކުރިއަށް ގެންދަންވީ ގޮތުގެ ރަނގަޅު މަޢުލޫމާތާއި ޚިޔާލުތައް ލިބޭތީ ކަމަށެވެ. އަދި ކޮންމެ ރަނގަޅު ޚިޔާލަކީ 1 މިލިއަން ޑޮލަރަށްވުރެ އަގުހުރި އެއްޗެއް ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ. 

ދެން ކުރަންޖެހޭ ސުވާލަކީ އަހުރެމެން ދިރިއުޅޭ ޙާލަތު ކުރިއަރުވަން ބޭނުންނަމަ، ތަނަވަސްކަން އިތުރުކުރަން ބޭނުންވާނަމަ އަހުރެމެން ފޮތްކިޔައި ރަނގަޅު ޚިޔާލުތައް ހޯދަން މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

އަހުރެންގެ ނަޞޭޙަތަކީ ފޮތް ގަންނަން އުނދަގޫވާނަމަ އޮންލައިންކޮށްވެސް ތިމާއަށް ފައިދާކުރާނެ ފޮތްތައް ކިޔާށެވެ. ޚިޔާލުތަނަވަސްކުރަން މަސައްކަތްކުރާށެވެ. ދުނިޔޭގެ ކޮންމެވެސް ޤައުމެއްގައި ކޮންމެވެސް ބައަކުކުރާ، ތިމާއާއި ގުޅުމެއް ނެތް، އެކަންކަން އެނގުމުން ތިމާއަށް ފައިދާ ނުކުރާނެ ކަންކަން ހޯދައި އޮޅުންފިލުވަން މަސައްކަތްކުރުމުގެ ބަދަލުގައި ތިމާއަށް ފައިދާ ކުރާނެ ކަންކަމުގެ މަޢުލޫމާތު ހޯދާށެވެ. ފައިދާކުރާނީ އެއިރުންނެވެ. 

މިވާހަކަކޮޅު އަޑުއިވުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރަނީ އެކަމުން ފައިޑާކުރާނެކަމުގެ އުންމީދުގައެވެ. 

- އަލަފް

މިއަދު އޮންލައިން