އަނބިންގެ ކިބައިން އުފާވެރިކަން ހޯދަން ޖެހޭނެއެވެ. އަދި އަނބިންވެސް ފިރިންގެ ކިބައިން އުފާވެރިކަން ހޯދަން ޖެހޭނެއެވެ. ކައިވެނީގެ ބޭނުމަކީވެސް އެއީއެވެ. ނަމަވެސްއުފާ ލިބިގަންނަން ޖެހޭނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އިންތަކުގެ ތެރެއިންނެވެ. އަނބިންގެ ކިބައިންވެސް އަދި ފިރިންގެ ކިބައިން ނަމަވެސް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އިމުން ބޭރުން އެއްވެސް އުފަލެއް ހޯދުން ހުއްދަވެގެނެއް ނުވެއެވެ. އަދި އެއިރުން އެކަން ބަދަލުވާނީ ހުއްދަ ނުކުރައްވަވާ ކަމަކަށް އަރައިގަތުން ކަމަށެވެ.
ފުރަތަމަ ކަމަކީ އަނބިމީހާގެ ފުރަގަސްފަރާތުން ބޭނުން ކުރުމެވެ. އެއީ ކަނޑައެޅިގެން ހަރާމް ކަމެކެވެ. ދެވަނައަށް ޙައިޟުގެ ދުވަސްވަރުގަ އާއި ނިފާސްކަމުގެ ދުވަސްވަރު އަންހެން މީހާގެ ގުނަވަން ބޭނުން ކުރުން ހުއްދައެއް ނޫނެވެ. އެކަން ނުކޮށް ލޯބިން ބީހިލައި އުޅުމަކީ ހުއްދަ ކަމެކެވެ.
ހަމަ އެއާއިއެކު ދެމީހުންގެ ގުޅުން ހިންގާ ވަގުތު އަނިޔާއަކަށްވެދާނެ ގޮތަށް ހަރުކަށިކަމާއެކު އަމަލުކުރުމާއި ހަޑިހުތުރު ބަސްތައް ބޭނުންކުރުންވެސް ހުއްދަވެގެނެއް ނުވެއެވެ. އިސްލާމް ދީނަކީ އޯގާތެރިކަމުގެ ދީނެވެ. ބަސްމަގު ރިވެތިކުރުމުގެ ދީނެވެ. ކޮންމެ ކަމެއްގައިވެސް ރިވެތި އަޚްލާޤީ މިންގަނޑުތަކުގައި ހިފެހެއްޓުމުގެ ދީނެވެ.
މިބާވަތުގެ ކަންކަން ޢާންމުވެގެން މިއުޅެނީ ބެލުން ހުއްދަނޫން ފިލްމްތައް ބެލުން ފަދަ ކަންކަން ކުރާތީއެވެ. އެފަދަ ކަންކަން ކުރާތަން ފެންނަން ފެށުމުން އެއީ ހުއްދަ ކަންކަން ކަމުގައި ޤަބޫލުކުރެވޭގޮތްވާތީއެވެ. އެއްވެސް ކަމެއްގައި ހައިވާނުންގެ ދަރަޖައަސް ވެއްޓުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
މިވާހަކަތައް ދައްކަން މިޖެހެނީ މިކަންކަމާއި ގުޅިގެން ގިނަ ބައަކު ސުވާލުކުރަން ބޭނުންވާތީއެވެ. ބޭނުންވި ނަމަވެސް ސުވާލުކުރަން ލަދުގަންނާތީއެވެ. ދީނީ ޢިލްމުވެރިއަކާއި ސުވާލުކުރަން ލަދު ގަންނާތީ ދެން ބަލަނީ އިންޓަރނެޓެވެ. އެއިރުން ލިބޭނީ އިސްލާމް ދީނުގައި ކަންކަން އޮތް ގޮތުގެ މައުލޫމާތެއް ނޫނެވެ. ވީމާ ކޮންމެވެސް ގޮތަކަށް މިކަންކަމުގެ ވާހަކަތައް ކިޔައިދޭން އެބަ ޖެހެއެވެ. މިހާރަކަށް އައިސް ކައިވެނިކުރެވުމުން އެއީ ދެމަފިރިން ކުރަން ބޭނުންހައި ކަންކަން ކުރުން ހުއްދަވުން ކަމަށް މާނަކުރާތީއެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ. ﷲ ތަޢާލާ ހުއްދަ ދެއްވަވަނީ އިންތަކެއްގެ ތެރެއިންނެވެ. އެއިންތައް ޤުރްއާނާއި ސުންނަތުން އެނގެން އެބައޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން