ބަނގުރާ ބުއިމަށް ދެވި ހިފި ބޮޑުބޭބެއަށް ޖެހިފައިވާ ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބަނގުރާ ބުއިމަށް ދެވި ހިފި ބޮޑުބޭބެއަށް ޖެހިފައިވާ ޙާލުގެ ވާހަކަ-

އަޅުގަނޑުގެ އެއް ބޮޑުބޭބެ ދެދަރިން މަސައްކަތްކުރަނީ ކުވައިތުގައެވެ. އެދަރިންނަށް ރަނގަޅު މުސާރައެއް ލިބެއެވެ. ބޮޑުބޭބެ ބޭނުންވާ ހުރިހާ ކަންކަން ކުރެވޭނެ ވަރަށް ކޮންމެ މަހަކުވެސް ފައިސާ ފޮނުވައެވެ. އެއިގެ އިތުރުން ބޮޑުބޭބެއަކީ މާރުކޭޓުގައި އަމިއްލައަށް ވިޔަފާރިކޮށްގެންވެސް އާމްދަނީ ހޯދާ މީހެކެވެ. 

ބޮޑުބޭބެގެ ޢުމުރަކީ އަދި 50 އަހަރެވެ. ފައިގައި ޖެހި ފާރުކޮޅެއް ރަނގަޅު ނުވެގެން ޑޮކްޓަރަށް ދައްކައިގެން ޓެސްޓްތައް ހެދިއިރު ހަކުރުހުރީ 540 ގައެވެ. ޖެހުނީ ފައިތިލަ ބުރިކޮށްލާށެވެ! އެވަރަކުންވެސް ނުފުދުނެވެ. ޑޮކްޓަރުން މިހާރުބުނަނީ ޖެހޭނީ ކަކުލުހުޅުން ފެށިގެން ބުރިކޮށްލަން ކަމަށެވެ. ބޮޑުބޭބެ އެއްބަހެއް ނުވެއެވެ. މަރުވެދާނެތީ ބިރުންނެވެ. 

ބޮޑުބޭބެއަކީ ކޮންމެ ރެއަކު އިންތަނަށް ވެއްޓެންދެން ބަނގުރާބޯ މީހެކެވެ. ހަކުރުގެ މައްސަލަ މިހައި ބޮޑުވީ އެހެންވެގެންނެވެ. އެކަމަކު މިހާރުވެސް ރާބުއިން މަދެއް ނުކުރެއެވެ. ބުނަނީ ހުއްޓައި ނުލެވޭނެ ކަމަށެވެ. 

ގަނެ ނުދީފިނަމަ ދަނޑިގަނޑު ވިއްދައިގެންވެސް ބަނގުރާ ހޯދަން ނުކުމެގެންދެއެވެ. އެޙާލުގައިވެސް ނުކުންނާތީ ޢާއިލާއަށް މަޖުބޫރުވަނީ ގަނެދޭށެވެ. 

ބޮޑުބޭބެއަކީ މުސްލިމެއް ނޫނެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ބަނގުރާ ނުބޯންވީ ހަމައެކަނި ތިމާއަކީ މުސްލިމަކަށް ވެގެނެއް ނޫނެވެ. ތިމާގެ އަމިއްލަ ޞިއްޙަތަށްޓަކައެވެ. އަމިއްލަ ފައިދާއަށް ކަމަށެވެ. އަމިއްލަ ފުރާނަ ސަލާމަތްކުރަން ކަމަށެވެ. 

(މިއީ މާލޭގައި މަސައްކަތްކުރާތާ 10 ވަރަކަށް އަހަރުވެފައިވާ ސްރީލަންކާގެ އަންހެނަކު މިއަދުނޫހާއި ޙިއްޞާކޮށްފައިވާ ވާހަކައެކެވެ.)

މިއަދު އޮންލައިން