ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެ ދުނިޔޭގައި އުޅޭނަމަ އެކަމާ ތިބާގެ ފުރާނަ ދެކޮޅު ހަދާކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެ ދުނިޔޭގައި އުޅޭނަމަ އެކަމާ ތިބާގެ ފުރާނަ ދެކޮޅު ހަދާކަން އެނގޭހެއްޔެވެ؟

ފުރާނަ ހުރި ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ތިމާ އުފެއްދެވި ފަރާތް އެކުއްޖަކަށް އެނގޭ ޙާލުގައެވެ. އެހެނީ ކޮންމެ ފުރާނައަކަށްވެސް އެކަން އެނގޭނެއެވެ. އެކަން ނުއެނގޭ އެއްވެސް ފުރާނައެއް ނުވާނެއެވެ. 

މައްސަލަ ޖެހެނީ ކުއްޖާ ބޮޑުވަމުން އަންނައިރު ނުވަތަ ބޮޑުވުމުން ކުއްޖާގެ ސިކުނޑިއަށް ވައްދުވައިދޭ ދޮގު މަޢުލޫމާތުތަކުގެ ސަބަބުންނެވެ. ޝައްކުތައް އުފެދެނީ އެހެންވެގެންނެވެ. 

މިހާލަތު މެދުވެރިވުމުން ދަރިން ސަލާމަތްކުރުވޭނީ މައިންބަފައިންނަށެވެ. ކުރަންޖެހޭނެ ކަމަކީ ބޮޑުވަމުން އަންނަ ވަރަކަށް ﷲ ތަޢާލާ އާއިމެދު ރަނގަޅު މަޢުލޫމާތު ދަރިންނަށް ދިނުމެވެ. ކަންކަން އޮޅުންފިލުވައިދީ ހޭލުންތެރި ކުރުވުމެވެ. ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތައް ދަރިންނަށް ވިސްނައިދީ އެކަންކަމަށް ދަރިން ހޭލުންތެރިކުރުވުމެވެ. ކުއްޖާއަށް އޮތް ކަމަކީ ބޮޑުވަމުން އަންނަ ވަރަކަށް ﷲ ތަޢާލާ އާއިމެދު ވިސްނައި ކިޔަމަންތެރިކަން އިތުރުކުރުމެވެ. 

ﷲ ތަޢާލާ އާއިމެދު ހިތުގައި ޝައްކުތައް އުފެދެނީ ޤުރްއާނާއި ސުންނަތާއި ދުރުހެލިވެ ޝައިޠޯނާގެ ބަސް ޤަބޫލުކުރެވޭތީއެވެ! ކޮންމެ މީހަކަސް ނަމަވެސް ނަރަކައަށް ވަންނަންޖެހޭ ސަބަބަކީވެސް މިއީއެވެ. ﷲ ތަޢާލާ އާއިމެދު އެމީހަކަށް އެނގެންޖެހޭ ކަންކަން ނުއެނގޭކަމަށް ހަދާތީއެވެ. ހިތުގައި އުފެދޭ ޝައްކުތަކުގެ ޙަޤީޤަތް އޮޅުންފިލުވަން މަސައްކަތް ނުކުރެވޭތީއެވެ. އެއީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަން ނުކޮށްފައި ޤިޔާމަތް ދުވަހު ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. 

ކާފިރުންގެ ފުރާނަ ހިއްޕަވާ ވަޤުތު ހަށިގަނޑުން ނުނުކުންނަން ފުރާނަ ގަދަހަދާނެއެވެ. އެއީ އެމީހާ އުޅުނު ގޮތާއި ކުރި ނުބައިކަންކަމުގެ ސަބަބުން ވަންނަން ޖެހޭނީ ނަރަކައަށްކަން ފުރާނައަށް ރަނގަޅަށް އެނގޭތީއެވެ. ނަމަވެސް ގަދަކަމުން މަލާއިކަތުން އޭނާގެ ހަށިގަނޑުން ފުރާނަ ނެރުއްވަވާނެތެވެ. 

މިކަމުންވެސް އެނގިގެންދަނީ ކޮންމެ ފުރާނައަކަށްވެސް އޭނާގެ ވެރި ފަރާތަކީ ﷲ ތަޢާލާކަން އެނގޭކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމުން ނަރަކަށް ވަންނަންޖެހޭނެކަންވެސް އެނގޭކަމެވެ. އެހެނަސް އިންސާނާ މަގުފުރެދި ޝައިޠޯނާގެ ބަސް ޤަބޫލުކޮށް ހިތަށް އެރިހައި ގޮތަކަށް އުޅެނީއެވެ. 

އަހުރެމެންނަށް ނަރަކައަށް ވަންނަން ނުޖެހި ސަލާމަތްވެވޭނީ މިކަންކަން ހިތުގެ އަޑިން ޤަބޫލުކޮށް ތިމާގެ ފުރާނައިގެ މިލްކުވެރި ފަރާތަށް ބިރުވެތިވެގެންނެވެ. ވީމާ ދުނިޔޭގައި އުޅެންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. އެނޫން ގޮތަކަށް ޙަޔާތްވޭތިކޮށްލާފައި ޤިޔާމަތް ދުވަހު ދެއްކޭނެ އެއްވެސް ބަހަނާއެއް ހަމައެކަކަށްވެސް ނުއޮންނާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން