ރޭގަނޑު ނިދުމަށްފަހު ފަތިސްވުމުގެ ކުރިން ދަމުނަމާދުކޮށްލެވޭހައި ވަޤުތު ލިބި ހޭލެވިއްޖެ ނަމަ އެއީ އެމީހަކަށް ލިބޭ ވަރަށް ބޮޑު ނަޞީބެކެވެ. އެހެނީ އަބަދުވެސް ބުނާފަދައިން ދަމުނަމާދަށް މީހަކަށް ހޭލެވިއްޖެނަމަ އެއީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ޚާއްޚަޞަ ދަޢުވަތެކެވެ.
ﷲ ތަޢާލާ ތިމާއަށް ދަޢުވަތެއް ދެއްވެވުމުން ޤަބޫލުނުކޮށް ބަލައިނުގަނެ ދޫކޮށްލަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ އެއީ ކުރަން ހެޔޮވާނޭ ކަމެއް ނޫނެވެ. ވީމާ ނިދީންހޭލެވުމާއިއެކު ދެއްވެވި ދަޢުވަތު ޤަބޫލުކޮށް ތާހިރުވެލައި ވުޟޫކޮށްލައިގެން އެމީހަކަށް ކުރެވުނު ޢަދަދަކަށް އަވަހަށް ދަމުނަމާދުކޮށްލާށެވެ. 2 ރަކްޢަތް ނުވަތަ 4 ރަކްޢަތް ނަމަވެސް މައްސަލައެއް ނެތެވެ. އެންމެ މުހިންމީ ނަމާދުކުރުމެވެ.
ދެން އޮތީ ދަމުނަމާދަށްފަހު ދުޢާކުރުމެވެ. ދުޢާކުރާއިރު ހަމައެކަނި ތިމާގެ ބޭނުންތަކަށް އެދި ދުޢާކޮށްފައި ފުއްދައިނުލާށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތި ޙާލުގައި ޖެހިފައިތިބި އެންމެންގެމަތިން ހަނދުމަކޮށް އެއެންމެންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެން ދުޢާކުރަންވާނެއެވެ. އެދުޢާގެ ސަބަބުން އެމީހަކަށް ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- ނުފްތީ މެންކުގެ ދަރުސަކުން