ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކައިވެނި ކާމިޔާބުކުރެވޭނީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް މެދުވެރިވި ނަމަވެސް ދެމީހުން ދުވަހަކުވެސް ވަކިނުވާނެކަމުގެ ޔަޤީންކަން ދިނުމުން ކަމަށެވެ. އެންމެ ރަނގަޅު ބައިވެރިންނަކީ އެކަމަށް ޔަޤީންކަންދޭ މީހުން ކަމަށެވެ.
ނަމަވެސް މިއީ އެއްވެސް ބުރަދަނެއްހުރި ވިސްނުމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ސަބަބަކީ ކިތަންމެ ބޮޑެތި ވަޢުދުތަކެއްވެފައި އޮތްނަމަވެސް ބޭވަފާތެރިވާނަމަ އެކުގައި ދިރިއުޅެން އެކަކުވެސް ބޭނުން ނުވާނެތީއެވެ.
އެހެންވެ އަހުރެން ދެކޭ ގޮތުގައި ޢުމުރަށް އެކުގައި ދިރިއުޅެން ވަޢުދުވާންޖެހޭނީ ބޭވަފާތެރިވުން އިސްތިސްނާކޮށްފައެވެ. ދަތިޙާލަށްވެސް ކެތްތެރިވެވިދާނެއެވެ. ބަލިޙާލަށްވެސް ކެތްތެރިވެވިދާނެއެވެ. ބޭވަފާތެރިވުން ނޫން އެހެން ކޮންމެ ކަމަކަށްވެސް ކެތްތެރިވެވިދާނެއެވެ. ބޭވަފާތެރިވުމަކަށް ކެތްތެރިއެއް ނުވެވޭނެއެވެ.
ކެތްތެރި ނުވެވޭނެ އިތުރު 2 ކަމެއްވެސް ބައެއް ޢިލްމުވެރިން ފާހަގަކުރައްވައެވެ. އެއީ އަނިޔާވެރިކަމާއި ބަސްމަގު ނުބައިވުމެވެ. އަނެކާއަށް އަބަދު ނުބައި ބަސްތައް ބުނުމެވެ. އެބޭފުޅުންނަށްވެސް އަހުރެން ތާއީދުކުރަމެވެ.
ވީމާ އެކުގައި ދިރިއުޅެން ވަޢުދުވާންވީ ބޭވަފާތެރިވުމާއި އަނިޔާވެރިވުމާއި ނުބައި ބަސްތައް ބުނުން އިސްތިސްނާކޮށެވެ. އެހެން ނޫންނަމަ އެވަޢުދު އޮންނާނީ ނުފުއްދިފައެވެ. މި 3 ސިފަ ހުރިނަމަ އެމީހަކާއިއެކު ލޯބިން ދިރިއުޅުމަކީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ދެން އެހެން ގޮތެއް ނެތިގެން މަޖުބޫރު ޙާލަތުގައި އެކުގައި ދިރިއުޅަނަސް ލޯތްބެއް ނުވެވޭނެއެވެ. ދިރިއުޅެވޭނީ ފުރާނަހުރި ޤަބުރެއް ދިރިއުޅޭ ފަދަ ގޮތަކަށެވެ.
ވީމާ އަހުރެންނަށް ފެންނަ އެންމެ ރަނގަޅު ޙައްލަކީ މި 3 ސިފައިން ސިފައެއް ހުރިނަމަ، އެފަދަ މައްސަލައެއް ކުރިމަތިވާނަމަ ކައިވެނި ރޫޅާލަން ޖެހޭނެ ކަމުގެ ބިރު ދެމީހުންނަށްވެސް އޮތުމެވެ. އެއީ ބާއްވަންޖެހޭނެ ބިރެކެވެ.
- އަލަފް