އެކުވެރި އަޚުންނޭވެ! އަހުރެމެން އެއް އަންތބަށްވުރެ ގިނަ އަނބިންނަށް ބޭނުންވުމުން ދައްކަނީ ތަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ ވާހަކައެވެ. އެކަމަކު ބުނަންހެއްޔެވެ؟ ނޫނީ ސުވާލެއް ކުރަން ހެއްޔެވެ؟ އަނބިން ގިނަކުރަމުންގޮސް 4 އަނބިން ހަމަކުރެވުނީމާވެސް ތަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރެވޭ ހެއްޔެވެ؟ އެސުންނަތަކީ ކޮބައިކަމާއިމެދު ބަލައިލެވޭހެއްޔެވެ؟
ވިސްނާށެވެ! މިޘާލަކަށް 4 އަނބިން ހަމަކުރީއެވެ. 4 އަނބިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އަދި އެހެންވެސް ޛަރޫރީ ބޭނުންތައް ފުއްދައިދިނުމަކުން އަދި ނުފުދެއެވެ. އެކަންކަމަށްވުރެ މާމުހިންމު، މާބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއް އެބައޮތެވެ.
އެއީ ކައިވެނީގެ ތެރެއިން އަނބިންނަށް ހޯދައިދޭންޖެހޭ އުފާވެރިކަން އެމީހުންނަށް ދިނުމާއި އަނބިން ނޫން އަންހެނުންގެ ފަރާތުން އުފާވެރިކަން ނުހޯދުމެވެ. ނިކަން ބުނެބަލާށެވެ! ތިމާއަކީ ހިލޭ އަންހެނުންގެ ކިބައިން އުފާވެރިކަން ނުހޯދައި ހަމައެކަނި އަނބިންގެ ގާތުން އުފާވެރިކަން ހޯދައިގެން ހުންނަ މީހެއްކަމަށް ތެދުވެރިކަމާއިއެކު ބުނަންކެރޭނީ ކިތައް ފިރިހެނުންނަށް ހެއްޔެވެ؟
ދެން ބަލައިލަންވީ ތަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ، އިތުރުއެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ބެހެއްޓެވި އެހީތެރިކަމަށެވެ. ފޯރުކޮށް ދެއްވެވި އެހީތެރިކަމަށެވެ. އެކަނބަލުންނާއިމެދު ޢަމަލުފުޅު ކުރެއްވެވި ފުރިހަމަ އަޚްލާޤީ ސިފަފުޅުތަކަށެވެ. ނިކަން ބުނެބަލާށެވެ! އެކަންކަން އަހުރެމެންގެ އަނިބިންނަށް އެބަފޯރުކޮސްދެވޭހެއްޔެވެ؟
ލޮބުވެތިއަޚުންނޭވެ! ސުންނަތުގެ ވާހަކައަކީ ހަމައެކަނި އިތުރު އަނބިންނާއި ކައިވެނިކުރަން ބޭނުންވުމުން ދައްކާ ވާހަކައަކަށް ނުހަދަމާ ހިނގާށެވެ! އެއީ ކައިވެނިކުރުމުގެ ކުރިންވެސް އަދި ފަހުންވެސް މުޅި ޢުމުރުގައި އެންމެ ބޮޑަށް، އެންމެ ގިނައިން ދައްކަންޖެހޭ ވާހަކައެވެ. މިއިން ކޮންމެ ވާހަކައަކީވެސް ދިރިއުޅުމާއި ގުޅިލާމެހިފައިވާ ވާހަކައެކެވެ. އެއްވެސް ވާހަކައަކީ ވަކިކޮށް ބާކީކޮށްލެވެން އޮތް ވާހަކައެއް ނޫނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން