ހުކުރު ދުވަހަކީ ގިނަގިނައިން ޛިކުރުކޮށް ތައުބާވާ ދުވަހަށް ހަދަންޖެހޭ ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ހުކުރު ދުވަހަކީ ގިނަގިނައިން ޛިކުރުކޮށް ތައުބާވާ ދުވަހަށް ހަދަންޖެހޭ ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބުތައް-

ހުކުރު ދުވަހުގެ މާތްކަމާއިބެހޭ ގޮތުން ވަރަށް ގިނަ ބަސްފުޅުތައް އެބަހުއްޓެވެ. ހުކުރު ދުވަހަކީ ﷲ ތައާލާއަށް ޛިކްރްކުރުން ގިނަކުރަންޖެހޭ ދުވަހެވެ. ވީމާ ޗުއްޓީ ދުވަހެއްގެ ގޮތުގައި ހުކުރު ދުވަސްވެފައި އޮތުމުން ހުކުރު ދުވަހަކީ ހަމައެކަނި އުފާކުރާ ދުވަހުގެ ގޮތުގައި ދޫކޮށްނުލާށެވެ. ޛިކްރް ކުރުމާއިއެކު ޗުއްޓީގެ ބޭނުން ހިފާށެވެ. 

ބައެއް ކަލަންޑަރުތަކުގައި ހަފްތާ ފަށާފައި ހުންނަނީ އާދީއްތަ ދުވަހުންނެވެ. ނަމަވެސް މުސްލިމުންގެ ކަލަންޑަރުތަކުގައި ހަފްތާ ފަށަން ޖެހޭނީ ހުކުރު ދުވަހުންނެވެ. އެހެނީ ހުކުރު ދުވަހަކީ ހަފްތާގެ ފަހު ދުވަހެއް ނޫނެވެ. ހުކުރު ދުވަހަކީ މުސްލިމުން ހަފްތާ ފާށާ ދުވަހެވެ. އާދީއްތަ ދުވަހުން ހަފްތާ ފަށަނީ ޞަލީބީންނެވެ. މުސްލިމުންނަށް އޮތީ ކޮންމެ ކަމެއްގައިވެސް ކާފިރުންނާއި ތަފާތުވުމެވެ.  

ކޮންމެ ހުކުރު ދުވަހަކީވެސް އިތުރު ހިތްވަރާއެކު އައު ފެށުމަކުން ފަށަން ޖެހޭ ދުވަހަކަށް ހަދަން ޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. އާދަމްގެފާނު އުފެއްދެވީ ހުކުރު ދުވަހުއެވެ. އާދަމްގެފާނު ފުރާނައެޅުއްވެވީ ހުކުރު ދުވަހަކުއެވެ. ސުވަރުގެ ވެއްދެވީ ހުކުރު ދުވަހަކުއެވެ. އާދަމްގެފާނުގެ ތައުބާ ޤަބޫލުފުޅު ކުރެއްވެވީ ހުކުރު ދުވަހުއެވެ. ބިމަށް ފޮނުއްވެވީ ހުކުރު ދުވަހަކުއެވެ. ޤިޔާމަތްވާނީ ހުކުރު ދުވަހަކުއެވެ. ވިސްނައިލާށެވެ. މިއިން ކޮންމެ ކަމަކީވެސް އައު ފެށުމެކެވެ. 

ކޮންމެ ހުކުރު ދުވަހަކީ އާދަމްގެފާނުގެ ފާފަ ފުއްސަވައި ދެއްވެވިފަދައިން އަހަރެމެންގެ ފާފަތައް ވެސް ފުއްސަވައި ދެއްވަވާ ދުވަހަކަށް ހައްދަވައި ދެއްވެވުން އެދި ހުކުރު ދުވަހު ގިނަގިނައިން ދުޢާކުރަންވާނެއެވެ. ދުޢާ އިޖާބަ ކުރައްވަވާނެ ވަގުތުކޮޅެއް އެދުވަހު ލައްވަވާފައިވުމަކީ ވެސް އެވަގުތުކޮޅު ހޯދުމުގެ ބޭނުމުގައި ގިނަގިނައިން ދުޢާ ކުރުމުގެ މުހިންމުކަން އެނގިގެންދާ ކަމެކެވެ. 

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ﷲ ތައާލާ އެންމެ މާތްކުރެއްވެވި ހުކުރު ދުވަހެވެ. ނަމަވެސް ނަޞާރާއިން ވަނީ އާދީއްތަ ދުވަހަށް ބަދަލުކޮށްފައެވެ. ޔަހޫދީން ވަނީ ހޮނިހިރު ދުވަހަށް ބަދަލުކޮށްފައެވެ. ނަމަވެސް މުސްލިމުން ހިފަހައްޓައިގެން މިތިބީ ހުކުރު ދުވަހުގައެވެ. އެކަމުގެ ސަބަބުން އިސްލާމީ އުންމަތަށް ﷲ ތަޢާލާ ދެއްވަވާފައިވާ މަތިވެރި ނިޢްމަތްތަކުގެ ތެރޭގައި އިސްލާމީ އުންމަތަކީ އެންމެ ފަހުގެ އުންމަތް ނަމަވެސް ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބައްލަވައި ސުވަރުގެ ވައްދަވައިދެއްވެވުން ވެސް ހިމެނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން