އަނބިން އަމިއްލައަށް ފަށަންއުޅޭ މަސައްކަތަކަށް ހުރަސް ނާޅާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަނބިން އަމިއްލައަށް ފަށަންއުޅޭ މަސައްކަތަކަށް ހުރަސް ނާޅާށެވެ!

ފުދުންތެރިކަން ހުންނަ މީހުންގެ އަނބިން، އެމީހުން އަމިއްލައަށް މަސައްކަތެއްކުރަން ވިސްނުމުން ވަރަށް ގިނަ ފަހަރު އެއީ މާކުޑަކުޑަ ވިޔަފާރިއެއް ކަމަށާއި ލިބޭނީ ވަރަށް މަދު ފައިސާކޮޅެއް ކަމަށް ބަލައި އެކަމަށް އޮންނަނީ ދެކޮޅު ހެދިފައެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. 

އަނބިމީހާ ކުރަންފަށަން އުޅެނީ ކިތަންމެ ކުޑަކުޑަ ވިޔަފާރިއެއް ނަމަވެސް އެކަމަށް ދެކޮޅު ނުހަދައި ހިތްވަރުދޭށެވެ. ހަމައެކަނި ވިސްނާލަންޖެހޭނެ ކަމަކީ އެމަސައްކަތް އަނބިމީހާކުރާނަމަ އަނބިމީހާގެ ވާޖިބުތައް އަދާކުރަން އެއްވެސް ހުރަހެއް އެޅިދާނެކަމާއިމެދުގައެވެ. އެއިން ކަމަކަށް ހުރަސް ނުއެޅޭނެ ނަމަ އަވަހަށް ޢިޖާބްދީ ހިތްވަރުދީ، މަގުފަހިކޮށްދޭށެވެ! 

ފިރިމީހާގެ ތަނަވަސްކަން ހުރިނަމަ އިތުރު މަސައްކަތެއް ފަށަން އަނބިމީހާ ވިސްނާނީ އެކަމުން އޭނާއަށް ފައިދާތަކެއް ކުރާނެތީއެވެ. އެގޮތުން ބަލާނީ ހަމައެކަނި މާލީ ގޮތުން ލިބިދާނެ ފައިދާއަށް އެކަންޏެއް ނޫނެވެ. އޭނާ މަސައްކަތް ނުކުރިނަމަވެސް ބޭނުންތައް ފުދޭނަމަ މާލީ ތަނަވަސްކަމަކަށް ނުވިސްނާނެއެވެ. 

މިޘާލަކަށް އެފަދަ އަންތބަކު އަމިއްލައަށް މަސައްކަތެއް ކުރަން ވިސްނާނީ އޭނާއަށް ހުސްވަޤުތުލިބޭތީއެވެ. އެވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. އަދި ފިރިމީހާއަށް އުނދަގޫނުކޮށް އަމިއްލައަށް ކޮންމެވެސް ވަރެއްގެ ފުދުންތެރިކަމެއް ހޯދުމަށެވެ. 

ދުނިޔޭގެ މިއަދުގެ ވިޔަފާރިތަކަށް ބަލައިފިނަމަ އެންމެ ބާރަށް ކުރިއަރަމުން އަންނަނީ އަންހެނުން އަމިއްލައަށް އިސްވެތިބެ ކުރާ ވިޔަފާރިތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ވީމާ އަނބިމީހާ ފަށަން އުޅޭ ކުޑަކުޑަ ވިޔަފާރި ކުރިއަރައި އެކަމުގެ ސަބަބުން ތިމާއަށް އެހީތެރިވެދޭތަން ލަސްތަކެއް ނުވެ ފެނުމަކީވެސް ދުރުގައި އޮތް ކަމެއް ނޫނެވެ. 

މިޒަމާނަކީ "އަހުރެންނަށް މިލިބޭވަރުން ފުދޭނެއޭ" ބުނެ ފިރިންނަށް ނިންމައިލެވެން އޮތް ޒަމާނެއް ނޫނެވެ. ދިރިއުޅެން ބޭނުންވާ ފައިށާގެ ޢަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށްވާތީއެވެ. 

ކާމިޔާބު ފިރިއަކަށް ވެވޭނީ އަނބިމީހާއަކީވެސް ތިމާފަދަ ކާމިޔާބު އަންހެނަކަށް ހެދުމުގެ ވިސްނުން ގެންގުޅެގެންކަން މިއަދު މިވަނީ ޤަބޫލުކުރަންޖެހިފައެވެ! ކުރިއަރައިދެވެން މިއަދު އޮތީ ދެމަފިރިންވެސް އެކަމަށް މަސައްކަތްކޮށްގެންނެވެ. 

- އަލަފް

މިއަދު އޮންލައިން