ދިރިއުޅެމުން އަންނައިރު އަބަދުވެސް ހުންނާނީ މައްސަލަތައް ކުރިމަތިވެ، ކުރިމަތިވެއެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އޭނާއަށް ކުރިމަތިލާންޖެހުނު މައްސަލައަށް ޙައްލެއް ހޯދައިދެވޭނީ އެހެން މީހަކަށް ކަމަށެވެ. އެހެންވެ މައްސަލައެއް ކުރިމަތިވާއިރަށް އެހެން މީހެއްގެ އެހީތެރިކަން ހޯދަން އަވަސްވެގަނެވެއެވެ.
ނަމަވެސް ބުނަން ހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް އެކަންކުރަން އޮތް ގޮތެއް ނޫނެވެ. އެކަމަށް ކުރިމަތިލަންވާނީ ތިމާއެވެ. ތިމާކުރާ މަސައްކަތުން މަގެއް ނުފެނުމުން މެނުވީ އެހެން މީހަކާއި އެންމެ ކުޑަމިނުން ޙިއްޞާކޮށްގެންވެސް ނުވާނެއެވެ.
ރަނގަޅަށް ވިސްނާށެވެ! ދިރިއުޅުމުގެ ކަންކަމުގައި އިތުބާރުކުރެވޭ މީހުން ވަރަށް މަދެވެ. އަމިއްލަ ޢާއިލާގައިވެސް އަދި އެކުވެރިންގެ ތެރޭގައިވެސް ވަރަށް މަދެވެ. ވީމާ ޖެހޭ ކޮންމެ މައްސަލައެއް އެހެން މީހުންނާ ވަޤުތުން ޙިއްޞާކުރާނަމަ ފުރަތަމަކަމަކަށް އެދަނީ ތިމާގެ ފަތިފުށް ބޭޒާރުވަމުންނެވެ. ވާންކޮށްލައި ދަމައިލަން ބޭނުންވާ މީހުންނަށް އެދަނީ ފުރުޞަތު އިތުރުވަމުންނެވެ. އެމީހުން އެކަންކުރާނީ ކޮންވަޤުތަކު ކޮން ގޮތަކަށްކަން ހަމައެއްގޮތަކަށްވެސް ނުވެސްއެނގޭނެއެވެ. އެކަންކަން ކުރިމަތިވާނެ ގޮތް ނުވެސް އެނގޭނެއެވެ.
ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު މިބުނި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. އިތުރަށް ސަމާލުވާންވާނެއެވެ. ޚާއްޞަކޮށް ދެމަފިރިން ދިރިއުޅެމުން އަންނަނީ އުފަލުގައިކަމަށްވާނަމަ އިތުރަށް ސަމާލުކަންދޭންޖެހޭނެއެވެ. ސަބަބަކީ ޙަސަދަވެރިން ގިނަވާނެތީއެވެ. ދެމަފިރިންގެ ދެމެދަށް ވަދެގަންނަން ބޭނުންވާ މީހުން ގިނަވާނެތީއެވެ.
ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް އެއްވެސް އެއްވެސް މީހަކާއި ޙިއްޞާކުރަންވާނީ އެމައްސަލައެއް ޙައްލުކުރަން އަމިއްލައަށް މަސައްކަތްކޮށް ކުރިއެރުމެއް ނުލިބުނުނަމައެވެ. އެގޮތުންވެސް ޙިއްޞާކުރަންވާނީ ކަމުގެ ތަޖުރިބާހުރި އިތުބާރުކުރެވޭ ބައަކަށެވެ. ޚާއްޞަކޮށް އެދާއިރާއަކުން ޢިލްމުވެރިންނަށެވެ. އެނޫން އެއްވެސް މީހަކާ ޙިއްޞާނުކުރާށެވެ! ދިރިއުޅުމުގަ ޖެހޭ މައްސަލަތައް އެއްވެސް މީހަކާ ޙިއްޞާކުރުމަކީ ހިތި ޒަހަރަކަށްވުރެވެސް ހިތިވެދާނެ ކަމެކެވެ!
--އަލަފް