ދަރިންގެ ޒަވާޖީ ޙަޔާތް ކާމިޔާބުވެ އުފާވެރި ދިރިއުޅުމެއް އުޅޭތަން ފެނުމަކީ މައިންބަފައިން އެންމެ އެދޭނެ އެއް ކަންތަކެވެ. ހަމައެފަދައިން ދަރިންގެ ޒަވާޖީ ޙަޔާތް ފޭލްވަމުންދާނަމަ އެކަމަށް ހިތާމަވެސް ކުރާނެއެވެ.
ކަންމިހެން އޮތް ނަމަވެސް ދަރިންގެ ޒަވާޖީ ޙަޔާތް ކާމިޔާބުކޮށްދޭން ފުރަތަމަ އަޅަންޖެހޭ ފިޔަވަޅު އަޅައި އެކަމަސްޓަކައި ދަރިންނަށް ދޭންޖެހޭ ތަރުބިއްޔަތު ދިނުމުގައި މައިންބަފައިންގެ ތެރެއިން ގިނަ ބައަކު މިއަދު މިވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. މިހެން މިބުނަނީ އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީއެވެ.
ރަނގަޅަށް ވިސްނާށެވެ! މަންމަ އާއި ބައްޕަ އެކަކު އަނެކަކަށް ބޭވަފާތެރިވެ ދޮގުހަދާތީ އެކަމަށް އެކަކު އަނެކަކަށް ކުރާ ޝަކުވާތަކުގެ އަޑު ދަރިންނަށް އިވުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ. އެންމެ ނުބައި އެއް ތަރުބިއްޔަތެވެ.
އެފަދަ އަޑުތައް އިވޭ ކުދިން ބޮޑެތިވެ ޒަވާޖީ ޙަޔާތަކަށް ފެށުމަށްފަހު ބައިވެރިޔާއަށް ބޭވަފާތެރިވުން ގިނަވެއެވެ. އަދި އެއީ މައްސަލައެއް ކަމަކަށްވެސް އެކުދިންނަކަށް ނުވިސްނެއެވެ. ބައިވެރިޔާ ޝަކުވާކުރުމުން ދޮގުބުނެ އޮޅުވައިލުމަކީ ކުށެއް ކަމަކަށްވެސް ޤަބޫލެއް ނުކުރެއެވެ.
އަހުރެމެންގެ ދަރިންނަށް ރަނގަޅު، ބާއްހަވެރި، އުފާވެރި ޒަވާޖީ ޙަޔާތަކަށް އެދޭނަމަ މިފަދަ އަޑުތައް ދަރިންނަށް އިއްވައިގެން ނުވާނެއެވެ. ދެމަފިރިންގެ މެދުގައި އެފަދަ މައްސަލައެއް އޮތްނަމަވެސް އެފަދަ އަޑެއް ދަރިންނަށް އިވުނަނުދީ އެކަން ޙައްލުކުރާށެވެ!
މިކަމުގައި އެންމެ މުހިންމީ ދެމީހުން ސިއްރުން އެކަމުގެ ވާހަކަދެއްކުން އެކަންޏެއް ނޫނެވެ. މައްސަލަ އުފަންވިޔަނުދިނުމެވެ. މައްސަލަ އުފަން ނުވާނީ ދެމަފިރިންވެސް އެފަދަ ކަމެއް ނުކުރުމުންނެވެ. އެފަދަ މައްސަލައެއް އުފަންވިޔަ ނުދޭނަމަ އެކަމުގެ ވާހަކަ ދައްކާކަށް ނުޖެހޭނެއެވެ.
އުންމީދުކުރަނީ ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް މިކަންކަމަށް ސަމާލުކަންދޭނެ ކަމަށެވެ. ތިމާމެންގެ އަމިއްލަ ދިރިއުޅުމަށްޓަކައިވެސް އަދި ދަރިންގެ ދިރިއުޅުމަށްޓަކައިވެސްމެއެވެ.
- އަލަފް