ތިބާއަށް ތިބާގެ ޙަޤީޤީ ރަހްމަތްތެރިން ވަކިކުރަން އެނގޭނެ ދުވަހަކީ ތިބާ ނިކަމެތިވެ ދަތިޙާލެއްގައި ދިރިއުޅެންޖެހޭ ދުވަހެވެ. އެކުވެރިންގެ ކިބައިން އެހީތެރިކަމަށް އެދެންޖެހޭ ދުވަހެވެ. ގޭގެ ކުލި ނުދެއްކިގެން މަގުމަތިވާ ދުވަހެވެ. ދަރިންތަކަކާއިއެކު އެކަނިވެރިވެ ނިކަމެތިވާ ދުވަހެވެ.
އުފާވެރިކަމާއިއެކު ދިރިއުޅެމުން އަންނަނަމަ ރަޙްމަތްތެރިން ވަރަށް ގިނަވާނެއެވެ. އަތުގައި ފައިސާހުރިނަމަ ރަހްމަތްތެރިން އަދި މާގިނަވާނެއެވެ. ރަޙްމަތްތެރިން އެދޭކަންކަން ކޮށްދެވޭނަމަ ހައްތަހާވެސް ތިބޭނީ ރަޙްމަތްތެރިންނެވެ. އެންމެ ގާތް ރަހްމަތްތެރިންކަމުގައިވުމަށް އެދޭކަން އެތައް ބައަކު ހާމަކުރަމުން ގެންދާނެއެވެ.
އެހެނަސް ދެރަވެ ނިކަމެތިވެ ދަތިޙާލެއްގައި އުޅެންޖެހޭ ދުވަހެއް އަތުވެއްޖެނަމަ ގާތުގައި ސާބިތުވެ ހުންނާނީ ވަރަށް މަދު މީހެކެވެ. ހަމަ އެކަކުވެސް ގާތުގައި ނެތިގެންދެއެވެ.
މިކަމުގައި އެންމެ ބޮޑަށް ވިސްނަންޖެހޭނެ އެއް ބައަކީ އަންހެނުންނެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހޭއިރަށް އަވަހަށް ވަރިވާން ހިތްވަރުދޭ ބައަކު ތިބޭނެއެވެ. ވަރިވެ ދަތިޙާލެއްގައި ޖެހުމުން އެއިން އެއްވެސް މީހަކު ލޮލަށް ނުފެންނާނެ ތަނުގައި ފޯނަށް ޖަވާބުދޭނީވެސް މަދުމީހެކެވެ. އެންމެ ދަރިއަކާއިއެކު މަގުމަތިވިނަމަވެސް އެންމެ ކުޑަމިނުން ބޯހިޔާވަހިކަން ފޯރުކޮށްދެވެން އޮތްނަމަވެސް އެކަންވެސް ކޮށްލައިދޭނެ މީހަކު އޮންނަނީ ނެތިފައެވެ.
މިއީ އަބަދުހެން ފެންނަމުން އަންނަ ކަންކަން ކަމަށްވުމުން މީހުން ދޭ ނަޞޭޙަތަށް ބުރަވެ ކައިވެނި ރޫޅައިނުލާށެވެ! ކައިވެނި ރޫޅައިލަންވާނީ އެކަމާއިމެދު ވަރަށް ފުންކޮށް ވިސްނުމަށްފަހުގައެވެ. ދެން އެހެން ގޮތެއް ނެތިއްޖެ ޙާލުގައެވެ. މާމޮޅު ގޮތްތަކެއް ވެދާނެކަމަށް މީހުން ދައްކާ ވާހަކަތަކަށް ބުރަވެ އެފަދަ ކަމެއް ނުކުރާށެވެ. އެކަމުގެ ބުރަ އުފުލަންޖެހޭ ދުވަހު އެބުރަ އުފުލަންޖެހޭނެ މީހަކީ ތިމާކަމާއި އެހެން މީހަކު އެއްވެސް ކަމެއް ކޮށްދީފާނެ ކަމަށް އުންމީދުވެސް ނުކުރާށެވެ!
- އަލަފް