ދުނިޔޭގައި ތިބި އެންމެ ނުބައި ނުލަފާ މީހުންގެ ތެރޭގައި ތިބާގެ މައިންބަފައިން ހިމެނިދާނެއެވެ. އެހެނަސް ހަނދާންކުރާށެވެ! ތިބާގެ މައިންބަފައިންނާއިމެދު ނުބައިކޮށް ކިތަންމެ ކުޑަކުޑަ ކަމެއް ކުރުމުގެ ހުއްދަވެސް ތިބާއަށް ﷲ ތަޢާލާ ނުދެއްވަވަތެވެ. ތިބާ ކަންތައް ކުރަންޖެހޭނީ ވީހާރަނގަޅަކަށެވެ. ވީހާ ހެޔޮކޮށެވެ.
ތިބާގެ މައިންބަފައިންނަކީ އެފަދަ ބައަކު ކަމުގައި ވެއްޖެނަމަ އެއީ ﷲ ތަޢާލާ ތިބާއަށް ކުރިމަތިކުރެއްވެވި ވަރަށް ބޮޑު އިމްތިޙާނެއްކަން ދަންނާށެވެ! އަދި ތިބާގެ ފަރާތުން މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ގެންދާށެވެ!
މިބަސް ތަކުރާރުކުރަން މިޖެހެނީ މައިންބަފައިން ތިމާމެންނަށް ނުބައިކޮށް ކަންތައްތައް ކުރާނަމަ އެމީހުންނާ އަޅާނުލައި ދުރުވެގެން ތިބުން ހުއްދަވާނެތޯ ގިނަބައަކު ސުވާލުތަކުރާރުކުރާތީއެވެ.
މިކަމަށް ހުރި ވަޙީބަސްފުޅުތައް ޤުރައާނުގައި ފެންނަން އެހުރީއެވެ. މައިންބަފައިން ނުބައިވެއްޖެނަމަ އެމީހުންނާއި އަޅާނުލައި ދޫކޮށްލާކަށް ނެތެވެ. އެމީހުންގެ ބަސް ޤަބޫލުނުކުރަން އޮތީ އެންމެ ޙާލަތެއްގައެވެ. އެއީ ﷲ ތަޢާލާއަށް އުރެދުމެއްވާ ކަންކަމުގައެވެ. އެފަދަ އެއްވެސް ކަމެއްގައި އެމީހުންނާއި އެއްބައިވުމެއް ނެތެވެ.
އެންމެ ގިނަ ބައަކު ޝަކުވާކުރާ އެއްކަމަކީ ދެމަފިރިންގެ ދިރިއުޅުމާއިބެހުމެވެ. އެހާލަތުގައިވެސް އެމީހުންގެ ކުރިމަތީގައި ރުޅިވެރިބަސްތައް ނުބުނާށެވެ. އެމީހުން ދައްކާ ވާހަކަ ޤަބޫލުކުރަން ބޭނުންނުވާނަމަ، ނުވަތަ ބޭއިންޞާފުން ބަސްބުނާނަމަ އެކަމަށް އަޅައިވެސް ނުލާށެވެ.
އެހެނަސް މައިންބަފައިންގެ ކުރިމަތީގައި ޙައްޤުބަސް ބުނަންޖެހޭނެ ޙާލަތެއްވެއެވެ. އެއީ ތިމާގެ އަނބިމީހާ އާއި ޖެހޭ މައްސަލަތަކުގައި ކަންކަން ނިންމަންވާނީ އިންޞާފުންނެވެ. މައިމީހާ ކަމަށްވީތީ ރުއްސަން އަނބިމީހާ ކުށްވެރިކޮށްގެންނުވާނެއެވެ. ސަބަބަކީ އެއީ އަނބިމީހާ ފޫހިވެ ދެމަފިރިންގެ ގުޅުމަށް ހުރަސްއެޅިދާނެ ކަމަކަށްވާތީއެވެ.
އެކަމަކު ބުނަންހެއްޔެވެ؟ އެހާލަތުގައިވެސް މުޢާމަލާތުކުރަންވާނީ ވީހާ ރިވެތި ގޮތުގައެވެ. ނުބައިބަސްބުނެ ހަދައިގެންނުވާނެއެވެ. ޙައްޤުބަސްބުނެފައި އެހިސާބުން އެކަން ނިންމައިލާށެވެ. އަދި މައިންބަފައިންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެމުން ގެންދާށެވެ.
މައިންބަފައިންނާއިމެދު ޢަމަލުކުރަން ދީނުގައި އޮތްމަގަކީ މިއީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން