ހިތްހަމަޖެހޭ، އުފާވެރި އަދި ތަނަވަސް ދިރިއުޅުމެއް ބޭނުން ކޮންމެ ދެމަފިރިއަކަށް މިއީ ޢިބްރަތްތެރި ފިލާވަޅަކަށްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ހިތްހަމަޖެހޭ، އުފާވެރި އަދި ތަނަވަސް ދިރިއުޅުމެއް ބޭނުން ކޮންމެ ދެމަފިރިއަކަށް މިއީ ޢިބްރަތްތެރި ފިލާވަޅަކަށްވާނެ! އިން ޝާ ﷲ

ލޯބި ނުލިބިގެން ގިނަބައަކު ޝަކުވާކުރަމުން އަންނައިރު ލޯބީގެ އަގު ވަޒަންކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ލޯތްބަށް ދޭންޖެހޭ ޙައްޤު ޤަދަރު އެބަދެވޭ ހެއްޔެވެ؟ އެހެންވީމާ އެކަންކަން މިވާގޮތަކާއި ލޯބީގެ ޙަޤީޤީ އަގާއިމެދު ވިސްނައިލަމާހެއްޔެވެ؟

އެއްދުވަހު ހެނދުނު ލައިޝާ ގޭގެ ދޮރު ހުޅުވައިލިތަނުން މަގުމަތީގައި 3 މުސްކުޅިއަކު ތިއްބައި ފެނުނެވެ. އެމީހުން ތިބި ގޮތުން ހީވަނީ ވަރަށް ބަނޑުހައިވެގެން ތިބިހެންނެވެ. އެހެންވެ ލައިޝާ އެމީހުން ގާތަށްގޮސް ކާން ގެއަށް ވަނުމަށް ދައުވަތުދިނެވެ.

އެމީހުން ކުރީ ސުވާލެކެވެ! "ފިރިމީހާ ގޭގައި އުޅޭތޯ؟"އެވެ. ނޫޅޭކަމަށް ބުނުމުން އެމީހުން ބުންޏެވެ. "ފިރިމީހާ ނެތި އަހަރެމެން އެއްވެސް ގެއަކަށް ނުވަންމުއެވެ."

އިރުކޮޅަކުން ފިރިމީހާ ގެއަށް އައުމުން އެ 3 މީހުންގެ ވާހަކަ ކިޔައިދިނެވެ. ފިރިމީހާ ބުންޏެވެ. "ދާށެވެ. އެމީހުން ތިބިނަމަ ދައުވަތުދީގެން ގެންނާށެވެ.

ލައިޝާ ގޮސް ދައުވަތު ދިނުމުން އެމީހުން ބުންޏެވެ. "3 މީހުންނަށް ދައުވަތުދީފިނަމަ އަހަރެމެން 3 މީހުން އެކުގައި ގޭގެއަކަށް ނުވަންނަމެވެ. އަހަރެމެންގެ ނަމަކީ ތަނަވަސްކަން، ކާމިޔާބު އަދި ލޯތްބެވެ. ފުރަތަމަ ދައުވަތުދޭނީ ކާކަށް ހެއްޔެވެ؟" ލައިޝާގެ ޖަވާބަކަށްވީ ފިރިމީހާގެ ގާތުގައި އަހައިލާނަމެވެ."

ލައިޝާ އައިސް އެވާހަކަ ކިޔައިދިނުމުން ފިރިމީހާ ބޭނުންވީ ތަނަވަސްކަމަށް ދައުވަތުދޭށެވެ! ގޭގެ ތަނަވަސްކަން އިތުރުވެގެންދާނެތީއެވެ. ލައިޝާ ބޭނުންވީ ކާމިޔާބީއަށް ދައުވަތުދޭށެވެ. ހުރިހާ ކަމެއް ކާމިޔާބުކުރެވޭނެތީއެވެ. މިއަޑުއަހަން ހުރެފައި އެމީހުންގެ ކުޑަ އަންހެން ދަރިފުޅު ބުންޏެވެ. "ލޯތްބަށް ދައުވަތުދޭންވީ ނޫންހެއްޔެވެ؟ އެއިރުން އަހަރެމެންނަށް ވަރަށް ލޯބިން އުޅެވޭނެއެވެ."

ދެމަފިރިން ދަރިފުޅުގެ ބަސް ޤަބޫލުކޮށް ލޯތްބަށް ދައުވަތުދޭން ނިންމިއެވެ. ލައިޝާ ގޮސް ލޯތްބަށް ދައުވަތު ދިނުމުން ފަހަތުން އަނެއް ދެ މީހުން ވެސް ހިނގައިގަތެވެ. އެވީގޮތަކާއިމެދު ލައިޝާ ސުވާލުކުރުމުން ބުންޏެވެ. "ގެއެއްގައި ލޯތްބަށް ދައުވަތުދީ އެންމެ ބޮޑު އިސްކަމެއް ދޭނަމަ އެގެއަކަށް ތަނަވަސްކަމާއި ކާމިޔާބު ލޯބީގެ ފަހަތުން ވަންނާނެއެވެ."

މިއީ ވަރަށް ޢިބްރަތްތެރިވާހަކަކޮޅެކެވެ. އަހަރެމެންނަށް މިއަދު ޤަބޫލުނުކުރެވިގެން މިއުޅެނީ ލޯބީގެ މުހިންމުކަމެވެ. ލޯބިވެ ލޯބި ދެމެހެއްޓުމުން ދެން ބޭނުންވާ ކަންކަން ޙާޞިލުކުރެވޭނެ ކަމެވެ. ކިޔުންތެރިންނަށް ޢބްރަތަކަށް ފުދނަމަ އެކުވެރިންނަށް ވެސް މިވާހަކަކޮޅު ހިއްޞާކޮށްލާށެވެ!

 

މިއަދު އޮންލައިން