ނަމާދުކުރިނަމަވެސް ކުރަންވާ ފައިދާ ކުރާނީ ފާފަތަކުން ސަލާމަތްވެ ހުރުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނަމާދުކުރިނަމަވެސް ކުރަންވާ ފައިދާ ކުރާނީ ފާފަތަކުން ސަލާމަތްވެ ހުރުމުން!

ދިނީ ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ފަރުޟު 5 ނަމާދުކުރުމުން ފުއްސަވައި ދެއްވަވާނީ ދެ ނަމާދު ދޭތެރޭގައި ކުރެވޭ ކުދި ފާފަތަކެވެ. ބޮޑެތި ފާފަތަކަށް ޖެހޭނީ ތައުބާވާށެވެ! ނަމަވެސް މިކަން ބައެއް މީހުން އޮޅުވައިލައެވެ. އެމީހުން ހީކުރަނީ ކިތަންމެ ބޮޑެތި ފާފަތަކެއް ކުރަމުން އައި ނަމަވެސް ނަމާދުކުރާނަމަ ކުރާ ހުރިހާ ފާފަތަކެއް ދާނީ ފުހެވެމުން ކަމަށެވެ. އެއީ އެކަން އޮތް ގޮތެއް ނޫނެވެ.

ނަމާދުތަކަށް ރައްކައުތެރިވާށެވެ! ހަމަ އެއާއިއެކު ފާފަކުރުމުން ދުރުހެލިވާށެވެ! އޮޅުމަކުން ފާފައެއް ކުރެވުނު ނަމަވެސް އަވަހަށް ތައުބާވާށެވެ! ނަމާދުކުރުމުން ލިބޭ ފުރިހަމަ ފައިދާ ޙާޞިލުކުރެވޭނީ އެއިރުންނެވެ!

އަބޫ ހުރައިރަތުގެފާނު ރިވާ ކުރތައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. އެއް ދުވަހަކު ރަސޫލް (ﷺ) ސުވާލުކުރެއްވެވިއެވެ. "ގޭދޮރުމަތީގައި ކޯރެއް އޮވެ އެކޯރުން ކޮންމެ ދުވަހަކު 5 ފަހަރު ފެންވަރާ މީހެއްގެ ގައިގާ އެއްވެސް ކިލައެއް ހުންނާނެ ހެއްޔެވެ؟" ޖަވާބުގައި ޞަހާބީން އެފަދަ މީހެއްގެ ގައިގައި އެއްވެސް ކިލައެއް ނުހުންނާނެ ކަމަށް ދެންނެވުމުން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ފަރުޟު 5 ނަމާދު ކުރާމީހާގެ މިސާލަކީ އެއީއެވެ. އޭނާގެ ހުރިހާ ފާފަތަކެއް ﷲ ތައާލާ ފުއްސަވައިދެއްވަވާނެތެވެ."

މިޙަދީޘްފުޅުން އެނގެނީ އެމީހެއްގެ ގޭގެ ދޮރުމަތީގައި ކޯރެއް އޮވެ އެކޯރުން ދުވާލަކު 5 ފަހަރު ފެންވަރާ މީހެއްގެ ގައިގައި އެއްވެސް ކިލައެއް ނުހުންނާނެއ ފަދައިން ފަރުޟު 5 ނަމާދުކުރާ މީހާގެ މިސާލަކީ އެއީކަމެވެ. ފަރުޟު 5 ނަމާދުކުރާ މީހާގެ ފާފަތައް ދާނީ ފުހެވެމުން ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން