ތިބާއަކީ އެއްވެސް ފާފައެއް ނެތް މީހެއްގެ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ދާން އެދޭނަމަ ޞަޙާބީންގެ ވިސްނުންފުޅުން މިކަންކަމަށް ސަމާލުކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތިބާއަކީ އެއްވެސް ފާފައެއް ނެތް މީހެއްގެ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ދާން އެދޭނަމަ ޞަޙާބީންގެ ވިސްނުންފުޅުން މިކަންކަމަށް ސަމާލުކަންދޭށެވެ!

މުސްލިމަކަށް ވަރުބަލިކަމެއް ލިބުނަސް، ހިތްދަތިކަމެއް ލިބުނަސް، އަނިޔާއެއް ލިބުނަސް، ބައްޔެއްގައި އުޅެންޖެހުނަސް، މީސްތަކުންގެ ނަފްރަތުގައި ލިބުނަސް (ޙައްޤު ގޮތުގައި ހުއްޓައި)، ދަތިޙާލެއްގައި އުޅެންޖެހުނަސް، ފިކުރުބޮޑުވާފަދަ ކަމެއް މެދުވެރިވެގެން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް ވޭނެއް، ތަކްލީފެއް، އުފުލަންޖެހިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ.  

އޭނާ އެކަންކަމަށް މާޔޫސް ނުވެ ކެތްތެރިވެއްޖެނަމަ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އެއީ އެމީހެއްގެ ގައަށް ކަސްޓެއް ހެރުން ފަދަ ކުޑަކުޑަ ކަމަކާއި ގުޅިގެން ލިބުނު ތަދެއް ނަމަވެސް މެއެވެ.  

އެހެންވެ ކުރިން މިބަޔާންކުރި ފަދަ އެއްވެސް ކަމެއް ޞަޙާބީ ބޭކަލަކަށް ކުރިމަތިވެވަޑައިގެންފިނަމަ އެކަމަށްޓަކައި އުފާފުޅު ކުރައްވަވަތެވެ. އަދި އެބޭކަލުން އެދިވަޑައިގަންނަވަމުން ގެންދެވީ އެފަދަ ކަމެއް ކުރިމަތިވެވަޑައިނުގަތުމަކަށް ނޫނެވެ. ގިނަގިނައިން ކުރިމަތި ކުރެއްވެވުމަށެވެ.  

އެއީ ކީއްވެގެންހެއްޔެވެ؟ އެއީ އެބޭކަލުންނަށް ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުކުރައްވަވަން ޖެހިވަޑައިގަންނަވާއިރު އެބޭކަލުންގެ ކިބައިގައި އެއްވެސް ފާފައެއް ނުވުމަށެވެ. ހުރިހާ ފާފަތަކަކަށް ﷲ ތަޢާލާ ޢަފޫކުރައްވަވާފައިވުމަށްޓަކައެވެ.  

އަހުރެންނަށް އެނގިފައި އޮތްގޮތުން ތަކްލީފްތަކަށް ކެތްތެރިވެ، ތަކްލީފްތައް އުފުލަންޖެހުމަކީ އެމީހެއްގެ ހިތްވަރު އިތުރަށް ވަރުގަދަވެގެންދާ ކަމެއްކަން ބަޔާންކޮށްދީ މީސްތަކުންނަށް ހިތްވަރުދޭ ހަމައެކަނި ދީނަކީ އިސްލާމްދީނެވެ.  

ވީމާ ދުނިޔޭގައި އުލެމުން އަންނައިރު ކުރިމަތިވާ އެއްވެސް ކަމަކަށް މާޔޫސްނުވާށެވެ! ހިތްވަރުގަދަކުރަން މަސައްކަތްކުރާށެވެ! ކޮންމެ ފަދަ ކަމެއް ޖެހުނަސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބެން ގަދައަޅައި މަސައްކަތްކުރާށެވެ. އެކަމުގެ ސަބަބުން ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދޭށެވެ. އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމަށްވުރެ ބޮޑު އުފަލެއް ހަމަ އެކަކަށްވެސް ނުލިބޭނެއެވެ. އިން ޝާ ﷲ  

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން