ފިނިފެންމަލަކީ އެންމެ ގިނަ މީހުންނަށް އެންމެ ރީތި މަލެވެ. ދުނިޔޭގެ އެންމެންވެސް ފިނިފެންމަލަށް ތަޢްރީފްކުރެއެވެ. ބޭނުންވެއެވެ. ފިނިފެންމާ ފެނުމުން ހިތްހަމަޖެހުން ލިބެއެވެ. އުފާވެރިކަންވެސް ލިބެއެވެ. ގޭގައި ހައްދަންވެސް ބޭނުންވެއެވެ.
ސުވާލަކީ ފިނިފެންމަލުގައި ކަށިހުންނަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އަދި އެކަށިތައް ބުނެދެނީ ކޮންވާހަކައެއްކަން އެނގޭހެއްޔެވެ؟ ރަނގަޅަށް ވިސްނާލައިފި ނަމަ އެއީ އާދައިގެ ވާހަކައެއް ނޫންކަން ވިސްނޭނެއެވެ. އެބުނަނީ އަހުރެމެންގެ ދިރިއުޅުމާއި ގުޅުން ހުރި ވަރަށް މުހިންމު ވާހަކައެކެވެ.
ފިނިފެންމާ އެބުނަނީ ކިތަންމެ ރީތިނަމަވެސް ރީތި ކޮންމެ މީހަކީ ހިތަށް އުފާވެރިކަން ދޭނެ މީހަކަށް ނުވެދާނެކަމެވެ. އެކަމަށް ނުވިސްނައިފިނަމަ އަތަށް ކަށިހެރޭނެ ކަމެވެ. ދިރިއުޅުން ޒަހަރަށްވުރެ ހިތިވެދާނެ ކަމެވެ.
އެކަމަސް ވިސްނަނީ ވަރަށް މަދު މީހެކެވެ. ޙަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ އެންމެ ރީތި މީހާއެވެ. ރީތި ބައިވެރިއަކު ލިބިފައިވަނިކޮށްވެސް އޭނާއަށް ވުރެ ރީތި މީހަކު ފެނިއްޖެނަމަ އެމީހެއްގެ ފަހަތުން ދުވެވެއެވެ. ބައެއް ފަހަރު އޭނާގެ ޖާދޫގައި ޖެހި ތިމާއަށް ލިބިފައިވާ ބައިވެރިޔާ ނިކަމެތިކޮށް އަދި ދޫކޮށްވެސް ލެވެއެވެ.
މިއީ ވަރަށް ހިތާމަހުރިކަމެކެވެ. އެއިރުން އެވާގޮތަކީ އަތަށް އަމިއްލައަށް ކަށިތައް ހަރައިލެވެނީއެވެ. ދިރިއުޅުން ބަރުބާދުކޮށްލެވެނީއެވެ. ރީތިވި މީހާ ލިބޭއިރު އޭނާގެ ކިބައިން ދެން ފެންނަ ކަންތައްތަކުގެ ސަބަބުން އަބަދު ހިތްދަތިކަމުގައި އުޅެންވެސް ޖެހެނީއެވެ.
ފިނިފެންމާ އެބުނެދެނީ އެވާހަކަތަކެވެ. ކިތަންމެ ރީތި ނަމަވެސް ބިންނަން އަތްލަން ވާނީ ވަރަށް ބަލައިގެންނެވެ. ރައްކައުތެރިވެ ހުރެގެންނެވެ.
އިތުރު ވާހަކައެއްވެސް އެކަށިތައް ބުނެދެއެވެ. ތިބާގެ ބައިވެރިޔާ ނިކަމެތިކޮށްލުމުގެ ކުރިން ފަރުވާތެރިވާށެވެ. ނޫންނަމަ ދެން އެޅޭ ފިޔަވަޅުގެ ސަބަބުން ކުރަންޖެހޭ ހިތާމަ މާބޮޑުވެދާނެއެވެ.
މިހުންނަނީ އަހުރެމެން ދަސްކުރަންޖެހޭ ފިލާވަޅުތަކެވެ. ދިރިއުޅުން އުފާވެރިކޮށް ބާއްޖަވެރިކުރެވޭނީ މިފިފަދަ ފިލާވަޅުތައް ދަސްކޮށް ޢިބްރަތް ޙާޞިލްކުރިވަރަކުންނެވެ.
- އަލަފް / މިއަދުނޫސް