ލޮބުވެތި ކަނބަލުންނޭވެ! ފަހުން ލަދުގަންނަންޖެހޭނެ ވީޑިއޯއާ ފޮޓޯ ހާމަކުރީމާ ވާނީ މިހެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ލޮބުވެތި ކަނބަލުންނޭވެ! ފަހުން ލަދުގަންނަންޖެހޭނެ ވީޑިއޯއާ ފޮޓޯ ހާމަކުރީމާ ވާނީ މިހެން!

ބައެއް އަންހެނުން އެމީހުންގެ އަޢުރަ ނިވާނުވާ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ހާމަކުރަނީ ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފުމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން އަންހެނުންނަށް ނުލިބި އޮތް މިނިވަންކަމެއް ލިބިއްޖެކަމަށް ޤަބޫލުކުރެވި އެމިނިވަންކަމުގެ ބޭނުން ހިފުމަށެވެ. 

އެމީހުންނާއިއެކު އުޅޭ އެހެން އަންހެނުންނަށްވުރެ ތިމާއަކީ "ނުކުޅެދޭ" މީހަކުކަމުގައި ނުވުމަށްވެސް އެފަދަ ކަންކަން ކުރެއެވެ. އެފަދަ ކަންކަން ފުޅައުވެ އިތުރުވަމުން އައިސް މިއަދު މިވަނީ ހައްދުން ނެއްޓިފައެވެ. 

މިފަދަ ވިސްނުމުގައި ކަންކަން ކުރަމުން ދަނިކޮށް މިކުރެވެނީ ނުބައިކަމެއްކަން ވިސްނި ތައުބާވެ ބުރުގާ އަޅައި ނިވާވެ އަމިއްލަ އެކައުންޓުން ކުރިން ޕޯސްޓްކުރި ވީޑިއޯތަކާއި ފޮޓޯތައް ޑިލީޓްވެސް ކުރެއެވެ. ނަމަވެސް އެއިރު އޮންނަނީ ވާނެ އެއްޗެއްވެ ނިމިފައެވެ. 

ބުރުގާ އަޅައިގެން ނަގާ ފޮޓޯ އާއި ވީޑިއޯތައް ހާމަކުރަން ފެށުމުން "މިއީ ކަލޭ ނޫންހެއްޔެވެ؟ ކުއްލިއަކަށް ބަދަލުވީ މޮޔަވެގެން ހެއްޔެވެ؟" ސުވާލުކޮށް ކުރިން ޕޯސްޓްކުރި ފޮޓޯތަކާއި ވީޑިއޯތައް ފޮނުވަން ފެށުމުން ދެރަވެ ހިތާމަކުރަންޖެހެއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނުއޮވެއެވެ. އެމީހުން ހުންނަނީ އެތަކެތި ސޭވްކޮށްފައެވެ. 

ލޮބުވެތި ކަނބަލުންނޭވެ! މިކަންކަމަށް ރައްކައުތެރިވާށެވެ! ކިޔަވަން ނަމަވެސް އެހެން ބޭނުމަކު ނަމަވެސް ދުނިޔޭގެ ކޮންމެ ޤައުމެއްގައި ކިތަންމެ މިނިވަންކަމާއިއެކު އުޅުނު ނަމަވެސް ތިމާކުރާ ކޮންމެ ޢަމަލެއް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ހިތުގައި ބާއްވާށެވެ! އެންމެ ބޮޑަށް ލަދުވެތިވާންވީ ﷲ ތަޢާލާއަށެވެ! ބިރުވެތިވާންވީ ﷲ ތަޢާލާގެ ޢަޛާބަށެވެ. ވީމާ ﷲ ތަޢާލާ ނުދެއްވަވާ މިނިވަންކަމެއް ލިބިގަންނަން މަސައްކަތްނުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން