ދަރިންގެ ހިތުގަ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިޖައްސުވަން މަސައްކަތްފަށަންޖެހޭ ޢުމުރާ ޢަމަލުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދަރިންގެ ހިތުގަ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިޖައްސުވަން މަސައްކަތްފަށަންޖެހޭ ޢުމުރާ ޢަމަލުކުރާނެ ގޮތް-

ލޮބުވެތި މައިންބަފައިންނޭވެ! ދަރިއަކު ލިބި އެދަރިފުޅު ހިނގައިގަންނަން މަސައްކަތްކުރަން ފެށުމުން އެދަރިފުޅުގެ އަތުގައި ހިފަގެން ހިންގުވަމުއެވެ. ހިނގަން ބޭނުން ކުރާނެ ވަސީލަތްތައްވެސް ހޯދައިދެމުއެވެ. އެދަރިފުޅު އަވަހަށް ހިނގަން ފަށާތަން ދެކެންވެސް ބޭނުންވަމުއެވެ. އެދަރިފުޅު ހިނގަން މަސައްކަތްކުރަމުން ގޮސް ކިތަންމެ ކުޑަ ތަނަކޮޅަކަށް ނަމަވެސް އެކަނި ހިނގާތަން ފެނުމުން ލިބޭ އުފާވެރިކަން ބޮޑުކަމުން ހިތް ފުރިގެންދެއެވެ. 

މިއިން އެއްވެސް ކަމަކަށް ފާޑުކިޔާކަށް ނެތީމެވެ. މިކަންކަން މިގޮތަށް މެދުވެރިވާނެއެވެ. އެއީ އިންސާނުންގެ ކިބައިގައި ލައްވަވާފައިވާ ކަންކަމެވެ. އެހެނަސް ފާހަގަކުރަން މިއުޅެނީ މާމުހިންމު ކަމެކެވެ. 

އެއީ ލޯބިވާ ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް އެދަރިފުޅުގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖެއްސުވުމަށް ކުރަންޖެހޭ މަސައްކަތުގެ ވާހަކައެވެ. ދަރިންނަށްޓަކައި ކޮށްދޭންޖެހޭ އެންމެ މުހިންމު ކަމަކީވެސް އެއީއެވެ. 

ﷲ ތަޢާލާ ވޮޑިގެންވާކަމާއި ދަރިފުޅަށް ބޭނުންވާ ހުރިހާ ކަންކަން މިންވަރުކުރައްވަވަނީ ﷲ ތަޢާލާކަން ދަރިފުޅަށް ވިސްނައިދޭން މަސައްކަތްކުރަން ފަށަންވީ އެންމެ ތުއްތުއިރުގައެވެ. ހިންގުވަން މަސައްކަތްކުރި ފަދައިން އެ މަސައްކަތްކޮށް ﷲ ތަޢާލާގެ ޙަޟްރަތާއި ގާތަށް ދަރިން ގެންދުވުމަށް ނުވަތަ ކުއްތަން ކުރުވުމަށް މަސައްކަތްކުރަންވާނެއެވެ. 

ހަދިޔާއެއް ދިންނަމަވެސް އެހަދިޔާ ލިބުނީ ﷲ ތަޢާލާ ދެއްވެވުމުންކަން ބުނެދޭށެވެ. މީރު ކާއެއްޗެއް ދިން ނަމަވެސްމެއެވެ. މަންމައަށްވެސް ބައްޕައަށްވެސް ދަރިފުޅަށްވެސް އަދި ދުނިޔޭގައި އުޅޭހައި ބައަކަށް ރިޒުޤް ދެއްވަވަނީ ﷲ ތަޢާލާކަން ދަރިފުޅަށް އަންގައިދޭންވާނެ އެވެ. 

3 އަހަރު ފުރެންވާއިރަށް މިކަންކަން ބުނެދީ 4 އަހަރުފުރޭއިރު ކުއްޖާގެ ހިތުން އެކަންކަން ޤަބޫލުކުރެވޭވަރަށް ބުނެދޭންވާނެއެވެ. 5 އަހަރު ފުރެންވާއިރު ކުއްޖާއަކީ އަމިއްލައަށް އެފަދަ ވާހަކަތައް ދައްކާ ކުއްޖަކަށް ހެދުމަށް މަސައްކަތްކުރަންވާނެއެވެ. ބޮޑުވަމުން އަންނަ ވަރަކަށް އެކަންކަން އިތުރަށް ދަރިފުޅަށް އަންގައިޑޭން މަސައްކަތްކުރަންވާނެއެވެ. 

މިކަންކަން މިގޮތަށް ދަރިފުޅަށް ކޮށްދެވިއްޖެނަމަ އެދަރިފުޅު ބޮޑުވާނީ ﷲ ތަޢާލާ ދެކެ ލޯބިވާ، ﷲ ތަޢާލާއަށް ބިރުވެތިވާ އަދި ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން