ފިރިމީހާގެ ރުހުން ހޯދަންކުރާ މަސައްކަތަށްވުރެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރާ މަސައްކަތްތައް ކުރިއަށް ނެރެގެން ޢަމަލުކުރާނަމަ ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ފިރިމީހާގެ ރުހުން ހޯދަންކުރާ މަސައްކަތަށްވުރެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރާ މަސައްކަތްތައް ކުރިއަށް ނެރެގެން ޢަމަލުކުރާނަމަ ކާމިޔާބުވާނެ! އިން ޝާ ﷲ

ބައެއް އަންހެނުންނަށް ވިސްނިފައި އޮންނަ ގޮތުގައި އެމީހުންގެ ފިރިން އެމީހުންނާއިއެކު ހިފަހައްޓުވައިލެވޭނީ ހަށިގަނޑު ރީތިކަންމަތީގައި ބަހައްޓައިގެން، ރީތިކޮށް މޭކަޕްކޮށްގެން، ޒަމާނީ ފެޝަންތަކަށް ހެދުން ލައިގެން، މީރުކޮށް ކައްކައި ކާންދިނުން ފަދަ ކަންކަން ކޮށްގެންނެވެ. ގިނައިން ދަރިން ވިހެއިވަރަކުން ކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ.

ނަމަވެސް ބުނަން ހެއްޔެވެ؟ މިބާވަތުގެ އެއްވެސް ކަމަކީ ފިރިން ހިފަހައްޓައިލެވޭނެ ކަންކަމެއް ނޫނެވެ. އެކަން ކުރެވޭނީ ހުރިހާ ކަމެއްގައިވެސް ފިރިމީހާ ބޭނުންވާ ރަހަތައް ރަނގަޅަށް ދަސްކޮށް އެމީހަކަށް ވެވުނު ވަރަކުން ހުރިހާ ކަމެއްގައިވެސް އިޚްލާޞްތެރިވެ ތިމާއަކީ ފިސާރި ކުރޭ ހިތްވަރުގަދަ އަންތބަކުކަން ދައްކައިދެވިގެންނެވެ. ކިޔަމަންތެރިވުމުގައި ނަމޫނާ އަންހެނެއްކަން ފިރިމީހާއަށް ޔަޤީންކޮށްދެވިގެންނެވެ. 

މީގެ މާނައަކީ ހުރިހާ ކަންކަން ކުރެވުނު އެންމެ ރަނގަޅަކަށް ކުރަމުން ދަނިކޮށްވެސް ވަކިނުވާނެ ވާހަކައެއް ނޫނެވެ. ވަކިވެސް ވެދާނެއެވެ. ނަމަވެސް ހުރިހާ ކަންކަމުގައިވެސް އިޚްލާޞްތެރިވެވޭނަމަ ވަކިވާންޖެހުން އޮންނާނީ ވަރަށް ދުރުގައެވެ. ވަރަށް މަދުން މެދުވެރިވާ ކަމެއްގެ ގޮތުގައެވެ. 

ހަމައެއާއިއެކު ފާހަގަކޮށްލާނަމެވެ! ފިރިމީހާގެ ލޯބިލިބި އުފާވެރި ދިރިއުޅުމެއް ލިބޭނީވެސް ﷲ ތަޢާލާ ދއްވެވުމުންކަން އަބަދުވެސް ޔަޤީންކުރަންވާނެއެވެ. ވީމާ ތިމާކުރަންޖެހޭ ކަންކަން ކުރަމުން އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެންޖެހޭނެއެވެ. ތަޤްވާވެރިކަން އިތުރުކުރަން އަބަދުވެސް މަސައްކަތްކުރަންވާނެއެވެ. ތިމާ ކުރާ ކަންކަމުގައި ބަރަކާތް ލައްވަވައި ދުޢާ ޢިޖާބަކުރެއްވެވުން ގާތީ ތިމާގެ ކިބައިން ﷲ ތަޢާލާއަށް ކިޔަމަންތެރިކަމާއި ތަޤްވާވެރިކަން އިތުރުކުރި މިންވަރަކުން ކަމަށްވާތީއެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ ފިރިންގެ ލޯތްބާއި އަލައިލުން ލިބުން އޮތީވެސް ﷲ ތަޢާލާ އިރާދަކުރެއްވެވުމުންކަން ޔަޤީންކޮށްގެން އެގޮތުގައި ކުރިއަށްދާން މަސައްކަތްކުރާށެވެ! އެފަދަ މީހަކު ދެރަ ނިކަމެތި ނުކުރައްވަވާނެތެވެ! ވީމާ ފިރިމީހާގެ ރުހުން ހޯދަންކުރާ މަސައްކަތުގެ ކުރިއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރާ މަސައްކަތްތައް ނެރެގެން މަސައްކަތްކުރަމުން ގެންދާށެވެ! ކާމިޔާބުވާނެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން