ޢާއިޝަތު ރަފާޙް ޢަލީ
· ޢަޙްދުތަކަށް ވަފާތެރިނުވާ މީހުންނަށް ޢިޤާބު(ޢަޛާބު) ހުރި ވާހަކަ:
ﷲ ތަޢާލާ މާއިދާ ސޫރަތުގައި 54 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ ﴿٥٤﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ دين ދޫކޮށް مرتد ވާމީހާ (ދަންނާށެވެ!) ފަހެ، (އެއުރެންގެ ބަދަލުގައި) އެބަޔަކަށް އެކަލާނގެ ލޯބިވެވޮޑިގެންވާ، އަދި އެބަޔަކު އެކަލާނގެދެކެ ލޯބިވާ ބަޔަކު اللَّه ގެންނަވާނެތެވެ. އެއީ مؤمن ންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ. كافر ންގެ މައްޗަށް ގަދަފަދަ عزّة ތެރި ބަޔެކެވެ. اللَّه ގެ މަގުގައި އެއުރެން جهاد ކުރާނެތެވެ. އަދި މަލާމާތްކުރާ މީހެއްގެ މަލާމާތަކަށް އެއުރެން ބިރެއް ނުގަންނާނެތެވެ. އެއީ اللَّه ގެ فضل ވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަން ދެއްވަތެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (54)"
· އިސްލާމް ދީނަކީ ކުޅޭ ކުޅޭ އެއްޗެއް ނޫންކަން ކާފިރުންނަށް އަންގައިދިނުން:
ﷲ ތަޢާލާ މާއިދާ ސޫރަތުގެ 57 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِّنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ ۚ وَاتَّقُوا اللَّهَ إِن كُنتُم مُّؤْمِنِينَ ﴿٥٧﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން ތިޔަބައިމީހުންގެ دين އަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައިގެން އުޅުނު މީހުންނާއި، كافر ން އެއީ، އެހީތެރިން ކަމުގައި ނުހަދާށެވެ! އަދި ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމަ اللَّه އަށް تقوى ވެރިވާށެވެ! (57)"
· ﷲ ތަޢާލާ ޙަލާލު ކުރައްވާފައިވާ އެއްޗެއް ޙަރާމް ކުރުން ނަހީ ކުރެއްވުން:
ﷲ ތަޢަލާ މާއިދާ ސޫރަތުގެ 87 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّهُ لَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ ﴿٨٧﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި، اللَّه، حلال ކުރައްވާފައިވާ ރަނގަޅު ކަންތަކާއި ތަކެތި، ތިޔަބައިމީހުން حرام ނުކުރާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (87)"
· ވުޟޫގެ ޙުކުމްތައް:
ﷲ ތަޢާލާ މާއިދާ ސޫރަތުގެ 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَاطَّهَّرُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ ﴿٦﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން قصد ކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން طاهر ވެގަންނާށެވެ! އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ طاهر ވެލީން ތިޔަބައިމީހުން تيمّم ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކައެވެ. (6)"