ކޮންމެ ދެމަފިރިއަކުނަމަވެސް ގުޅިގެންދަނީ ކައިވެނީގެ ގުޅުމުންނެވެ. އެގުޅުން ގުޅެވުމަށްފަހު ދެން ކުރަން އޮތް އޮންނަ އެންމެ މުހިންމު ކަމަކީ ދެމަފިރިންގެ ގުޅުން ބަދަހިކުރުމެވެ. ދެމީހުން ދުވަހަކުވެސް ވަކިނުވާން ޢަޒުމް ކަނޑައަޅައިގެން މަސައްކަތްކުރުމެވެ.
މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ފެނިގެންދާނީ ދެމީހުން ވަކިނުވެ ދެމިތިބެވޭނަމައެވެ. އެހެންވެ އެގުޅުން ބަދަހިކޮށް ދަމަހައްޓަން ދެމީހުން ތަތްކޮށްދޭ ތެރަހަކީ ނުވަތަ ޞާރަޚީ ކޮބައިކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ.
އެސުވާލުގެ ޖަވާބަކީ އެކަމަށް އެންމެ ބާރުގަދަ ތެރެހަކީ ދެމީހުންވެސް އެކަކު އަނެކަކަށް އަޅާލައި އެހީތެރިވުންކަމެވެ. ބޭވަފާތެރިނުވުމާއި ލޯބި ދިނުމުގައި އިހުމާލް ނުވުން ކަމަށެވެ.
ބުނަން ހެއްޔެވެ؟ ކޮންމެވެސް މައްސަލަތަކެއް ނުޖެހޭނެ އެއްވެސް ދެމަފިރިއަކު ނުތިބޭނެއެވެ. ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތަކެއް ހުންނާނެއެވެ. އެމަސަލަތައް ދިގުދެމިގެންވެސް ހިނގައިދާނެއެވެ. ނަމަވެސް މިބުނި ކަންކަމުގައި ދެމީހުން ޘާބިތުވެ ތިބޭނަމަ ދެމީހުންގެ ޒަވާޖީ ޙަޔާތް ހަމަ ބާރުމިނުގައި ކުރިއަށްދާނީ އުފަލުގައެވެ.
ވިސްނައިލާށެވެ. ކައިވެނިކުރަނީ ކޮންމެހެން އެކަނި ދިނުއުޅެވިގެނެއް ނޫނެވެ. އެހެން ޟީހެއްގެ ކިބައިން އަޅައިލުމާއި އެހީތެރިކަން ބޭނުންވާތީއެވެ. ވީމާ އެކަންކަން ނުލިބޭނަމަ ކައިވެނިކުރި ބޭނުން އެވަނީ ނެތިގެންގޮސްފައެވެ.
ހަމައެފަދައިން ކައިވެނިކުރުމަށްފަހު އެކަކު އަނެކަކަށް ވަފާތެރިނުވާނަމަ އިތުބާރު ގެއްލިގެން ދިއައީއެވެ. ދެން ޖެހޭނީ އަބަދުވެސް އެކަކު އަނެކަކަށް ފާރަލާށެވެ! އާމްދަނީ ހޯދަން މަސައްކަތްކުރަމުން ދިރިއުޅުމުގެ ކަންކަން ބަލަހައްޓަމުން އަބަދު ބައިވެރިޔާއަށް ފާރަވެރިވެވޭނީ ކާކަށް ހެއްޔެވެ؟
ދެން މިފާހަގަކުރީ ލޯބިދިނުމެވެ. ޙަޔާތަށް ބައިވެރިއަކު ހޯދަން ބޭނުންވާ އެންމެ މުހިންމު އެއް ސަބަބަކީ ބައިވެރިޔާގެ ކިބައިން ލޯބި ލިބެން ބޭނުންވުމެވެ. ބުނަންހެއްޔެވެ؟ ޞިއްޙީ ގޮތުން މެދުވެރިވާ ބަލިކަށިކަމެއްގެ ސަބަބުން އެއްދާންކުރަން ބޭނުންނުވާ، ނުވަތަ އެއްދާން ނުކުރެވޭ ޙާލަތެއް އަތުވެދާނެއެވެ.
އެހެނަސް ލޯތްބަށް ނުވަތަ ލޯބި ލިބުމަށް ބޭނުންނުވާނެ ޙާލަތެއް ނުއަންނާނެއެވެ. އަޅައިލުން ލިބުމަށް ބޭނުން ނުވާނެ ޙާލަތެއް ނުއަންނާނެއެވެ. ވީމާ ބައިވެރިޔާގެ ކިބައިން ލިބެންޖެހޭ ލޯބި ނުލިބޭނަމަ ޒަވާޖީ ހަޔާތް އެއޮތީ މަރުވެފައެވެ. ވެންޓިލޭޓަރުގައެވެ. ގިނަ ދުވަސްތަކެއް އެގޮތުގައި ފާއިތުވެއްޖެނަމަ މަރުވާނެއެވެ. އެހިސާބުން ޖެހޭނީ ދެމީހުން ދެތަންވާށެވެ!
ޚުލާޞާ ކޮށްލާނަމެވެ. ޒަވާޖީ ޙަޔާތް ބާއްޖަވެރިކޮށް އުޖާލާކޮށް އުފާވެރިކުރުވަން ބޭނުންވާނަމަ އަނެކަކަށް އަޅާލައި އެހީތެރިވާށެވެ. ބޭވަފާތެރިނުވާށެވެ. ލޯބި ދިނުމުގައި އިހުމާލް ނުވާށެވެ. މި 4 ކަންތަކުގައި ދެމިތިބެވިއްޖެނަމަ އެކަވެނި ވާނީ ކާމިޔާބު ކައިވެންޏަކަށެވެ. އިން ޝާ ﷲ
- އަލަފް