ރައްޔިތުން ބޭނުންވަނީ ހެޔޮވެރިކަމެއް ކަމަށާ ނިޒާމު ބަދަލުވާން ނޫންކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ

ކިޔުމަށް ހޭދަވާނީ 3މ 59ސ
ރައްޔިތުން ބޭނުންވަނީ ހެޔޮވެރިކަމެއް ކަމަށާ ނިޒާމު ބަދަލުވާން ނޫންކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ

ޢަލީ އިކްރާމް 

 

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގިނަ އަދަދެއްގެ ރައްޔިތުންނާ މުޙާތަބު ކުރައްވާ ރައްޔިތުން ބޭނުންވަނީ ހެޔޮވެރިކަމެއް ކަމަށާއި ނިޒާމު ބަދަލުވާން ނޫންކަމަށް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީގެ އުފާ ފާޅުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތުގައި އެވެ. 

އަދި މި ހަރަކާތުގައި އެމަނިުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނެގުމުގެ ކަންކަމުގައި  ފާޅުކަން ބޮޑު ގޮތެއްގައި އެމަނިކުފާނު ވިސްނުން ހުރިގޮތް ރަތްޔިތުންނަށް ހާމަކުރައްވާފައެވެ.  އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮތުމަށް ރައްޔިތުން ނިންމާފައި ވާއިރު، އިރުއިރުކޮޅަކާ ނިޒާމީ ވޯޓެއް ނަގާކަށް ރައްޔިތުން ބޭނުމެއް ނުވެ އެވެ.

"މިއީ ރިޔާސީ ނިޒާމެއް. ރައްޔިތުން ނިންމީ ރިޔާސީ ނިޒާމަކުން 240،00 އަށް ވުރެ ގިނަ ރައްޔިތުން ނުކުމެ ވޯޓުލާފައި މި އޮތީ. މި ގައުމުގެ ރައްޔިތުން ބޭނުންވަނީ މި ގޮތް [ރިޔާސީ ނިޒާމް]. އެހެންވީމަ، މި ގޮތުގައި މި ގައުމު ހިނގާނީ. މި ގައުމުގައި ރައްޔިތުން ބޭނުމެއް ނުވޭ އިރުއިރުކޮޅާ އެހެން ގޮތް ގޮތަކަށް ވާހަކަ ދައްކާކަށް. އިރާދަކުރެއްވިއްޔާ މި ގައުމު ދާނީ މިގޮތަށް،" މި ނިޒާމުގެ ތެރެއިން މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ފުރަތަމަ ފަހަރަށް އެއްވަނައިގައި ދެ ބުރު ވެސް ކާމިޔާބުކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މިއަދުގެ ވަގުތެއްގައި މަޖިލީހުގެ ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ސަރުކާރު ބަދަލުވާ އިންތިގާލީ މި މަރުހަލާގަ އާއި އޭގެ ފަހުން ވެސް މަޖިލީހުގެ އެއްބާރުލުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެސް ތިއްބެވީ އިންތިހާބުކުރެވިފައިވާ ބޭފުޅުން ކަމަށާއި، އެ ބޭފުޅުން ވެސް ޑިމޮކްރެޓިކް ޕްރޮސެސްއަށް އިހުތިރާމް ކުރައްވަން ބޭނުންފުޅުވާނެކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން މި ދުވަސްކޮޅު އެމަނިކުފާނަށް ދެއްވާނެކަން ޔަގީންކުރާކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރެއްވާ ފުރުސަތުގައި  މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ހޯއްދެވުމަށް ދަންނަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.  

އެއާ އެކު، ދެން މުއިއްޒު ވިދާޅުވީ، ގައުމަށް ބޭނުންވަނީ ހަމަޖެހުން ކަމަށާއި އެ މަނިކުފާނު ވެސް އެދިވަޑައިގަންނަވަނީ އެ ހަމަޖެހުން ގާއިމްވުމަށް ކަމަށެވެ.

"ޑިމޮކްރެޓިކް ޕްރޮސެސްއިން ރައްޔިތުން މި އޮތީ ގޮތެއް ނިންމާފައި. މި ނިޒާމްގެ ތެރެއިން ކުރިއަށްދާނީ. މި ނިޒާމުގެ ތެރެއިން ސަރުކާރަކަށް ބަޔަކު ގެންނަން ހޮވާފައި މި އޮތީ. އެހެންވީމަ އަޅުގަނޑު އެދެނީ، އަޅުގަނޑު އެދެނީ، މީގެން ބޭރުން ކަންކަން ނުކޮށް، ރިވެތި އުސޫލުން ކުރިއަށް ގެންދަން ފުރުސަތު ދިނީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ރައްޔިތުންނަށްވީ ކޮންމެ ވައުދެއް ފުރިހަމަކަމާ އެކު އަދާކޮށްދީ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، އިންތިހާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރުގައި ވަނީ، މި މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު މަޖިލީހުން އެ ގަރާރު ފާސްކޮށްފައި ވާއިރު، މެންބަރުން ހާޒިރުނުވެގެން ޖަލްސާގެ ކޯރަމް ހަމަނުވާތީ އެ މަސައްކަތް އިތުރަށް މަޖިލިސް ތެރެއިން ކުރިއަށް ދިއުން އޮތީ ހުއްޓިފަ އެވެ.

ނަޝީދުގެ ޑިމޮކްރެޓްސްގެ ފަރާތުން ނިޒާމީ ވޯޓާ ގުޅޭ އިސްލާހެއް ވެސް ގާނޫނުއަސާސީއަށް މިހާރު ވަނީ ހުށަހާޅާފަ އެވެ. އެއީ، މަޖިލީހަށް ބާރު ލިބިގެން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފަހު، އިތުރު ވޯޓެއް ނުނަގައި ނިޒާމް ބަދަލު ކުރުމުގެ ކަންކަން ކުރުމަށް ފަހިވާ ގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މި ދަނޑިވަޅުގައި ނިޒާމީ ވޯޓެއް ނެގުމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ޑިމޮކްރެޓްސްގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު ވެސް ތަސްދީގު ކުރައްވާނީ، މަޖިލީހުގެ 3/4 ވޯޓުން ފާސްކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ފަހު ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

 

މިއަދު އޮންލައިން