ހުޅަނގުގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކުޑަކުދިން ކިތަންމެ ބޮޑު ނުބައިކަމެއް ކުރިނަމަވެސް ކުދިން ކުށްވެރިއެއް ނުކުރާނެއެވެ. އިޞްލާޙްކުރަން މަސައްކަތެއް ނުކުރާނެއެވެ. އެއްޖިންސުން ގުޅުންހިނަގުން ފަދަ ކަމެއް ކުރިނަމަވެސް މެއެވެ. ބުނާނީ އެކުދިންގެ އެއްވެސް ކުށެއް ނެތް ކަމަށާއި އެއީ އެކުދިންގެ ހަށިގަނޑުގައިވާ ހޯމޯންސްތަކެއްގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށެވެ.
ދެން މިވާގޮތަކީ ހުޅަނގުން ކުރާ ކޮންމެ ކަމެއް ރީތިވާ މީހުން އެކަންކަން ކުރަން ފަށަނީއެވެ. މުޖުތަމަޢުތަކަށް ޢާންމުނުވެ ހުންނަ މިބާވަތުގެ ނުބައި ކަންކަން ޢާންމުވަމުން މިދަނީ އެބުނާ ހޯމޯންސްއެއްގެ ސަބަބުންނެވެ.
މިކަމާއި ބެހޭގޮތުން ވާހަކަދެއްކި މައަކު ބުނެފައިވެއެވެ. "އަދަބާއި ޚިލާފް ކޮންމެ ކަމަކީ ހޯމޯންސްއެއްގެ ސަބަބުން މެދުވެރިވާ ކަމެއް ނަމަ އެމުޖުތަމަޢުއެއްގައި އިޞްލާޙްކުރަން އޮންނާނީ ކޮންކަމެއް ހެއްޔެވެ؟ ކުރަން އޮތް ހަމައެކަނި ކަމަކީ އެހޯމޯންސް ނައްތައިލެވޭނެ ވެކްސިނެއް ހޯދުން ނޫން ހެއްޔެވެ؟"
އެހެން އަންހެނަކު ބުނެފައިވެއެވެ. "މީހުން ކުރާ ނުބައި ކޮންމެ ކަމެއް ކުރަނީ ހޯމޯންސްއެއްގެ ސަބަބުން ކަމަށް ބަލަން ވެއްޖެނަމަ އަދަބުދޭންޖެހޭނެ އެކަކުވެސް ނުހުންނާނެ ނޫން ހެއްޔެވެ؟ މިއީ ކެންސަރަށްވުރެ މާނުބައި ހޯމޯންސްއެއް ނޫން ހެއްޔެވެ؟"
ކޮންމެއަކަސް އުފެދުމުގައި ތަފާތު ކުދިން ތިބޭނެއެވެ. ރަނޑުކުދިންވެސް ތިބޭނެއެވެ. އަނެއް ޖިންސުގެކުދިން އުޅޭހެން އުޅެން ބޭނުންވާ ކުދިންވެސް އުޅޭނެއެވެ. އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކުއްޖަކަށް ވިސްނައިދީ އިޞްލާޙްކުރަން މަސައްކަތްކުރުމަކީ ބެލެނިވެރިންގެ މަސްއޫލިއްޔަތެކެވެ. އެކުދިންނާއި އަޅާލައި، ވިސްނައިދީގެން ތަރުބިއްޔަތުކުރެވިއްޖެނަމަ މައްސަލަތައް ޙައްލުކުރެވޭނެއެވެ.
މުސްލިމް ބެލެނިވެރިން މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ހޯމޯންސްއަކާއި އަޅުވައި ނިންމައިލެވެން އޮތް މައްސަލައެއް ނަމަ އެއްޖިންސުން ގުޅުން ހިންގުމުން ބޮޑު އަދަބުދޭކަށް އިސްލާމް ދީނަކު ނުއޮންނާނެކަން ޤަބޫލުކުރަންޖެހޭނެއެވެ. އެމީހަކު ޒިންމާ އުފުލަން ނުޖެހޭނެ ކުށަކަށް އަދަބުދޭކަށް އިސްލާމްދީނުގައި ނުއޮންނާނެތީއެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ރިޕޯޓެއްގައިވާ މައްލޫމާތެކެވެ. އަޅުގަނޑުމެންގެ ތެރެއަށް މިފަދަ ކަންކަން ޢާންމުވުން ހުއްޓުވޭނީ މިކަންކަމަށް ބެލެނިވެރިން ހޭލުންތެރިވެގެންކަމަށް ފެންނާތީ ހާމަކޮށްލީއެވެ.
- އަލަފް / މިއަދުނޫސް