ކޮންމެ ދެމަފިރިއަކުވެސް ކިޔައިލާތި!: ހަނދު އަތަށް ލިބިފައިވަނިކޮށް އުޑުގަހުރި ތަރިތައް ގުނަން ހަދައިގެން ހަނދު އަތުން ވީއްލި ގެއްލުން- މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކޮންމެ ދެމަފިރިއަކުވެސް ކިޔައިލާތި!: ހަނދު އަތަށް ލިބިފައިވަނިކޮށް އުޑުގަހުރި ތަރިތައް ގުނަން ހަދައިގެން ހަނދު އަތުން ވީއްލި ގެއްލުން- މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ!

ހަރުބަހެއްގައި ވެއެވެ. "ތިބާގެ އަތަށް ހަނދުލިބުމުން ހަނދަށް ދޭންޖެހޭ ސަމާލުކަން ކުޑަކޮށްލައި އުޑުގައި ހުރި ތަރިތައް ގުނަންވެގެން މުށް ހުޅުވައި އިނގިލި ދިއްކުރަން ހަދައިގެން، އަތުގައި އޮތް ހަނދު ގެއްލިގެންދިއަ ނުދޭށެވެ! އެއިރުން ތިބާވާނީ އެންމެ ބޮޑު މޮޔައަކު ކަމުގައެވެ. އަދި މުޅި ޢުމުރަށްވެސް އެކަމުގެ ހިތާމަކުރަން ނުޖެހިއެއް ނުދާނެއެވެ." 

މިބަސް އެނގުމުން ވަރަށް ބޮޑަށް ވިސްނީމެވެ. އެކަމަކުވެސް ހިތްހަމަޖެހޭވަރުގެ މާނައެއް ނުވިސްނުމުން ތަޖުރިބާކާރު މުސްކުޅިއަކާއި މަޝްވަރާކޮށްލުމުން އޭނާ ކިޔައިދިނެވެ.

"ދަރިފުޅާއެވެ! އެބުނަނީ ތިބާ ދެކެ ލޯބިވާ، އަޅައިލާ، ވަފާތެރި އަންތބަކު ލިބުމުން އޭނާއަށް ސަމާލުކަން ނުދީ މަގުމަތިން ނުވަތަ އެހެން ތަނަކުން ނަމަވެސް ފެންނަހައި އަންހެނުންގެ ފަހަތުން ދުވަން ފަށައިފިނަމަ ލިބިފައިވާ އެރަނގަޅު އަނބިމީހާ ގެއްލިދާނެއެވެ. އެއިރުން ތިބާވާނީ ދުނިޔޭގެ އެންމެ ބޮޑެތި މޮޔައިންގެ ތެރޭގައި ހިމެނޭ މީހަކަށެވެ. އަދި އެކަމަށްޓަކައި މުޅި ޢުމުރުގައިވެސް ހިތާމަކުރަންޖެހޭނެއެވެ." 

ވަގުތުން އެބަހަށް ސެލިޔުޓްކުރީމެވެ! އެބުނަނީ މީހަކަށް ބުނެވޭނެ އެންމެ ތެދުބަސްކަމުގައިވާތީއެވެ. އެހިސާބުން މުސްކުޅިޔާއަށް ހަދިޔާއެއް ދީފައި ބާރަށް ދުއްވާފައި ދިއައީ ގެއަށެވެ. އަނބިމީހާ ގާތު ބުނީމެވެ. އަހުރެންގެ ލޮލަށް އެއްވެސް އެހެން އަންހެނަކު ނުފެންނާނެ ގޮތް ހަދައިދޭށެވެ.  

އެހެންބުނުމުން އަނބިމީހާއަށް ސިހުމެއް ލިބި ވެގެން އުޅޭ ގޮތާއިބެހޭ ގޮތުން ސުވާލުކުރީމާ ކިޔައިދިނީމެވެ. އަދި ދުވަހަކުވެސް އަނބިމީހާ ގެއްލެން ބޭނުން ނޫންކަމަށްވެސް ބުނީމެވެ. 

ކޮންމެއަކަސް އެއިގެ ފަހަކުން އެއްވެސް ހިލޭ އަންހެނަކަށް އެފަދަ ވިސްނުމެއްގައި ނުވެސް ބަލަމެވެ. ބަލައިލަން އުޅެވުނަސް ހިތަށް އަރަނީ ލިބިފައިވާ ހަނދު އަތުން ގެއލިދާނެ ކަމަށެވެ. 

ހިލޭ އަންހެނުންނަށް ބަލައި ފަހަތުން ދުވެވޭ ފިރިހެނުންނަށް މި ބަހުގައި ބޮޑު ބުރަދަނެއްވާ ފަދައިން ހިލޭ ފިރިހެނުންނަށް ބަލައި ފަހަތުން ދުވާ އަންހެނުންނަށްވެސް މިބަހުގައި ހަމަ އެފަދަ ބޮޑު ބުރަދަނެއްވެއެވެ. ޢިބްރަތް ޙާޞިލުކޮށް ކައިވެނިތައް ސަލާމަތްކުރަމާ ހިނގާށެވެ! 

- ޢަލީ ފަޔާޟް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން