ދަތިޙާލުގަ ހުރެ ޞަދަޤާތްކުރާ މީހާއަށް އިމެއް ނެތި ރަހްމަތް ލައްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދަތިޙާލުގަ ހުރެ ޞަދަޤާތްކުރާ މީހާއަށް އިމެއް ނެތި ރަހްމަތް ލައްވަވާނެ!: މުފްތީ މެންކް

ކަންކަމު އެދިގެން ނިކަމެތިން ދިއުމުން އެހީތެރިނުވާ މީހުން ގިނައެވެ. އަދި އަމިއްލަ ޢާއިލާގެ މީހުން ކަންކަމު އެދިގެން ދިއުމުންވެސް މިވަޤުތު ކޮށްދެވެން ނެތްކަމަށް ބުނާ މީހުންވެސް ގިނައެވެ. އެގޮތަށް އެބުނާ ގިނަ މީހުން އެހެން އެބުނަނީ އެމީހުންގެ އަތުގައި އެއްޗެއް ނެތިއެއް ނޫނެވެ. އެމީހުންގެ އަމިއްލަ ބޭނުންތަކަށް މަދުވެދާނެތީއެވެ.  

ބައެއް މީހުން ޞަދަޤާތް ދޭން ވިސްނަނީވެސް އެމީހުންގެ އަމިއްލަ ބޭނުންތައް ފުއްދައި އިތުރަށް ހުރިނަމައެވެ. ފަޤީރަކަށް އެހީތެރިވިނަމަވެސް ތިމާއަށް މަދުނުވާނެ ވަރަށް އަތުގައި ހުރިނަމައެވެ. އެއްވެސް ޙާލެއްގައި މިއީ ކަންތައް ކުރަން އޮތް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި އަހުރެން ބުނާނީ އެއީ ކަންތައް ކޮށްގެން ވާނެ ގޮތެއްވެސް ނޫން ކަމަށެވެ.  

އަތުގައި ފުދި އިތުރުވާވަރަށް ހުރިނަމަ ދިނުމުންވެސް އެއީވެސް ޞަދަޤާތަކަށް ނުވާނެކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެންމެ މަތިވެރި ޞަދަޤާތަކީ އެއްޗަކަށް ތިމާ ބޭނުންވެގެން ހުރެމެ ﷲ ތަޢާލާއަށްޓަކައި އެއްޗެއްޞަދަޤާތް ކުރުމެވެ.  

މިޘާލަކީ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް ދަތިޙާލުގައި ހުރި މީހަކު އެހީތެރިކަމަކަށް އެދުމުން ޞަދަޤާތް ކުރުމެވެ. އަތްމަތި ދަތިނަމަވެސް އަތުގައި ހުރި މިންވަރަކުން ޞަދަޤާތް ކުރުމެވެ.  

ދަތިޙާލުގައި ހުރެވެސް ހެޔޮ ނިޔަތުގައި ﷲ ތަޢާލާއަށްޓަކައި ޞަދަޤާތްކޮށްފި މީހާއަށް ﷲ ތަޢާލާ މިދުނިޔޭގައިވެސް އަދި އެދުނިޔޭގައިވެސް ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ނުވެސް އެނގޭނެއެވެ. އެކަމުގައި އިމެއް ނެތެވެ. އެހެނީ އޭނާގެ އަމިއްލަ ބޭނުންތަކުގެ ކުރިއަށް ﷲ ތަޢާލާގެ މަގު އިޚްތިޔާރުކުރީތީއެވެ. އަމިއްލަ ނަފްސަށްވުރެ ﷲ ތަޢާލާގެ އެންގެވުމަސް ލޯބިކުރީތީއެވެ. ކިތަންމެ ދަތިޙާލުގައި ހުންނަން ޖެހުނަސް އެއީ ތަކްލީފެއްކަމަށް ނުދެކި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އިސްކަން ދިނީތީއެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން