ޝައިޠޯނާ އެހާބާރުގަދަ އެއްޗެއްނަމަ އިންސާނުން ފެނުނީމާ ބިރުން ފިލަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ޝައިޠޯނާ އެހާބާރުގަދަ އެއްޗެއްނަމަ އިންސާނުން ފެނުނީމާ ބިރުން ފިލަނީ ކީއްވެ؟

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ޝައިޠޯނާއަކީ މާ ބާރުގަދަ އެއްޗެއްކަމަށެވެ. ޝައިޠޯނާ އަހުރެމެން ލައްވައި ކަމެއް ކުރުވަން ބޭނުންވެއްޖެނަމަ އެކަމެއް ކުރުވޭނެ ކަމަށެވެ. ނަމަވެސް އެއީ ކުރެވޭ ކުށް ހީތަކެކެވެ. އެކަން ބަޔާންކޮށް ޤިޔާމަތް ދުވަހު އިބްލީސް ބުނާނެއެވެ.

"ކަލޭމެން ފާފަތައް ކުރީ ކަލޭމެން އަމިއްލައަށެވެ. ކަލޭމެންގެ މައްޗަކަށް އަހުރެންނަކަށް އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ. އަހުރެންކުރި ހަމައެކަނި ކަމަކީ ވަސްވާސް ދިނުމެވެ." 

ވީމާ އެއްވެސް ފާފައެއް ކުރުމަށްފަހު އެއްވެސް މީހެއްގެ ބޮލުގައި ނުއަޅުވާށެވެ! އެންމެ ކުޑަމިނުން ޝައިޠޯނާގެ ބޮލުގައި އެޅުވުމަކުންވެސް ސަލާމަތެއް ނުވެވޭނެއެވެ. 

ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންތަކުގެ ތެރެއިން އެންމެ ނުބައިކަންބޮޑު މަޚްލޫޤަކީ ލަޢްނަތް ލެއްވެވި އިބިލީހެވެ. މީސްތަކުން މަގުފުރެއްދުމަށްޓަކައި އިބިލީހަސްވަނީ ޚާއްޞަ ބާރުތަކެއްވެސް ދެއްވަވައިފައެވެ. އެއްވެސް އެހެން މަޚުލޫޤަކަށް އިބިލީހަށް އެއްވެސް ގެއްލުމެއްވެސް ނުދެވޭނެއެވެ. ހަމައެކަނި ކުރެވެން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކޮށްގެން އިބިލީހުގެ ކިބައިން ސަލާމަތްވުމެވެ. 

އެހެންކަމާއިއެކުވެސް އިބިލީސް ޢުމަރުގެފާނު ދެކެ ބިރުގަނެއެވެ. ޢުމަރުގެފާނުގެ އަރިއަހަކަށް ނުދެއެވެ. މަގެއްގެ މަތިން ޢުމަރުގެފާނު ފެނުނު ނަމަވެސް އަވަސް އަވަހަށް ބިރުން ގޯޅިއަޅައެވެ. ޢުމަރުގެފާނަކީ ވެސް ހަމަ އިންސާނެކެވެ. ނަމަވެސް މިވަރުގެ ބޮޑު ބިރެއް އިބިލީސް އެގަންނަނީ ކީއްވެގެން ހެއްޔެވެ؟ 

އެކަމުގެ ސަބަބުތަކާއިމެދު ވިސްނައިލާއިރު ފުރަތަމަ ސަބަބަކީ އިބިލީސް ކިތަންމެ ވަރަކަށް ވަސްވާސް ދިން ނަމަވެސް އެއްވެސް ފާފައެއް ޢުމަރުގެފާނު ނުކުރައްވަވާނެކަން އެނގޭތީއެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނޫން ގޮތަކަށް ޢުމަރުގެފާނު އެއްވެސް ކަމެއް ނުކުރައްވަވާނެކަން ޔަޤީންވާތީއެވެ. ޢުމަރުގެފާނު އިސްލާމް ދީނުގައި ސާބިތުވެވަޑައިގެން ހުންނެވި މިންވަރު އިބިލީހަށް އެނގޭތީއެވެ. 

އިބްންއަލްޤައްޔިމް ބަޔާން ކުރައްވާ ގޮތުގައި ފާފަ އަމިއްލައަށް އައިސް 40 ގޮތަކަށް ގޭގެ ދޮރުގައި ޓަކި ޖަހައެވެ. މާނައަކީ މީހަކު ލައްވައި ފާފަ ކުރުވަން ތަފާތު 40 ގޮތަކަށް އެމީހަކާއި ފާފަތައް ކުރިމަތިލައެވެ. ނުވަތަ މީހުން ލައްވައި ފާފަ ކުރުވަން ޝައިޠާނާ ތަފާތު 40 ގޮތަށް މަސައްކަތް ކުރެއެވެ. 

އިބިލީސް ހަމަ އެ ހުރިހާ އުކުޅުތައް ބޭނުންކޮށްގެން ޢުމަރުގެފާނަށްވެސް ވަސްވާސްދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ހަމަ އެންމެ އުކުޅެއްވެސް ކާމިޔާބު ނުކުރެވުނީ ޢުމަރުގެފާނު، އިސްލާމް ދީނުގައި ސާބިތުވެ ހުންނެވި މިންވަރު ބޮޑުކަމުންނެވެ. ވަރުގަދަ ކަމުންނެވެ. ޢުމަރުގެފާނު ވެސް މަސައްކަތްޕުޅު ކުރެއްވެވީ ސުވަރުގެވަޑައިގަތުމަށެވެ. އަހަރެމެންވެސް މަސައްކަތް މިކުރަނީ ސުވަރުގެ ވަނުމަށެވެ. އަހަރެމެންނަށް އެބަ ފާފަ ކުރެވެއެވެ. ވީމާ ދެން އޮތް ހަމައެކަނި ގޮތަކީ ކުރެވޭ ފާފަތަކުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން