އެއްވެސް ބުރަކަމަކާނުލާ ޘަވާބު ހޯދެން އޮތް އަދި އެންމެ ފައިދާހުރި ޢަމަލު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
އެއްވެސް ބުރަކަމަކާނުލާ ޘަވާބު ހޯދެން އޮތް އަދި އެންމެ ފައިދާހުރި ޢަމަލު!: މުފްތީ މެންކް

މިފާހަގަކޮށްލަނީ އެކަމެއް ކުރަން އެއްވެސް ބުރައެއް އުފުލަން ނުޖެހި ތިމާއަށް ދެދުނިޔޭގައިވެސް އެންމެ ބޮޑަށް ފައިދާކުރާނެ ޢަމަލުގެ ވާހަކައެވެ. އިތުރު އެއްވެސް ކަމެއް ނުކޮށް ހަމަ ދިރިއުޅެމުން ގެންދަންވީއެވެ. ދާނީ ޘަވާބު ލިބެމުންނެވެ! ކުރިއެރުންވެސް ލިބެމުންނެވެ. އިން ޝާ ﷲ

އެކަމުގެ ވާހަކަ ބުނުމުން އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ހީކޮށް ފޫހިނުވާށެވެ! ފުންކޮށް ވިސްނައިލާށެވެ!

އަޅެނިކަން ބުނެބަލާށެވެ! ތިމާއަކީ އިޚްލާޞްތެރިއަކަށް ވުމަށް، ހެޔޮ ލަފާ މީހަކަށް ވުމަށް އެއްވެސް ޚަރަދެއް ކުރަން ޖެހޭނެ ހެއްޔެވެ؟ އެއްވެސް ތަކުލީފެއްވެސް އުފުލަން ޖެހޭނެ ހެއްޔެވެ؟ ނުޖެހޭނެ ނޫން ހެއްޔެވެ؟

އެހެންކަމަށްވާއިރު ފުރަތަމަ ކުރަންޖެހޭނީ އަތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ، އެއްވެސް ތަކުލީފެއްވެސް އުފުލަން ނުޖެހި ކުރެވޭނެ ކަންކަން ނޫން ހެއްޔެވެ؟ ހަމަ އެއާއިއެކު ޙައްޖު ވެވޭނީ ވެސް ޢުމުރާ ވެވޭނީވެސް އަދި އެހެނިހެން އަޅުކަންތައްތައް ފުރިހަމަ ކުރެވޭނީ ވެސް އިޚްލާޞްތެރިވެގެންނެވެ. ހެޔޮ ލަފާ މީހަކަށްވެވިގެންނެވެ.

ހަމައެއާއިއެކު އަމިއްލަ ދިރިއުޅުމުގައި ކުރިއެރުން ލިބޭނީ ވެސް ހަމަ އިޚްލާޞްތެރިވީވަރަކުންނެވެ. އިޚްލާޞްތެރިންނަށް ﷲ ތަޢާލާ ބޮޑެތި ބިޔަ ފުނިފުނީގެ މިންވަރަށް ސަވާބުތައް މިންވަރުފުޅު ކުރައްވަވަތެވެ. ނަމަވެސް ހިތާމައަކީ ހަމަ ހިލޭ އެމީހަކު ބޭނުންހައި ވަރަކަށް، ޚާއްޞަކޮށް އެއްވެސް މަސައްކަތެއް ނުކޮށް ލިބެން އޮތް މިހައި ބޮޑެތި ސަވާބުފުނިތައް ޖަމާ ކުރުމުގެ ޝައުޤުވެރިކަން މީހުންގެ ކިބައިގައި ނެތް ކަމެވެ.

މީސްތަކުން މިއަދު އެންމެ ބޮޑަށް ފޭލްވަމުން މިދަނީ އަމިއްލަ ޖީބުން އެއްވެސް ޚަރަދެއް ނުކޮށް ހޯދެން އޮތް ބޮޑު މަންފާ ނުހޯދާތީއެވެ. އަބަދުވެސް ފެންނަނީ ބޮޑެތި ޚަރަދުތައް ކުރަން ޖެހޭ އަދި ތަކްލީފް އުފުލަން ޖެހޭ ކަންކަން ނުކުރެވިގެން އުޅޭތަނެވެ.

މިސާލަކަށް ހައްޖަށް ދާން ފައިސާ ހަމަނުވެގެން، ފައިސާ ހަމަވެއްޖެ ނަމަ ކޯޓާ ނުލިބިގެން ނޫނީ ޢުމުރާއަކަށް ދިއުން ފަދަ ކަމެއް ނުކުރެވިގެން އުޅޭތަނެވެ.

ޙއްޖަށް ދާން މަސައްކަތްކުރާށެވެ! ޢުމުރާވާންވެސް މަސައްކަތްކުރާށެވެ! އަދި އެހެން ހުރިހާ އަޅުކަންކުރަންވެސް މަސައްކަތްކުރާށެވެ. ކުރިން ބުނިފަދައިން ހުރިހާ އަޅުކަމެއް ވެސް ކުރެވޭނީ އިޚްލާޞްތެރިވެވިގެންނެވެ. އަމިއްލަ ދިރިއުޅުން ކުރިއަރުވައި އުފާވެރި ދިރިއުޅުމެއް އުޅެވޭނީވެސް ހަމަ އިޚްލާޞްތެރިވެގެންނެވެ. އިޚްލާޞްތެރި ނުވެވި ޙާޞިލުކުރެވޭނެ އެއްވެސް ކާމިޔާބީއެއް، ލިބޭނެ ކުރިއެރުމެއް އަދި އުފާވެރިކަމެއްވެސް ނެތެވެ. ވީމާ ފުރަތަމަ ކަމަކަށް އިޚްލާޞްތެރިވާށެވެ!

ވިސްނާށެވެ! އިޚްލާޞްތެރިވުމަށް ކުރާ މަސައްކަތް އިތުރުކުރުމެވެ. ދެދުނިެވެސް ލިބުންވަނީ އިޚްލާޞްތެރިވެވުނު ވަރަކުންނެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން