ކިތަންމެ ބާރުގަދަ މީހަކީ އެއްވެސް ބާރެއް ނެތް މީހަކަށްވާގޮތާ ތިމާއަކީ ބާރުގަދަ މީހަކުކަން ދައްކަން ކުރަންޖެހޭނެ ކަންކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކިތަންމެ ބާރުގަދަ މީހަކީ އެއްވެސް ބާރެއް ނެތް މީހަކަށްވާގޮތާ ތިމާއަކީ ބާރުގަދަ މީހަކުކަން ދައްކަން ކުރަންޖެހޭނެ ކަންކަން އެނގޭތަ؟

ތިމާގެ ކިބައިގައި ހުރި ބާރާއި މޮޅުކަން އެހެން މީހުންނަށް ދައްކައިލުމަށްޓަކައި ގިނަބައަކު ކުރާ ކަމަކީ އެމީހުންގެ ކިބައިގައި ބާރާއި ނުފޫޒު ހުރި މިންވަރު ދެއްކުމެވެ. ތިމާއަކީ ތަނަވަސް މީހަކުކަން ދެއްކުމެވެ. 

ނަމަވެސް މިއީ އެއްވެސް ޙާލެއްގައި އަހުރެން ޤަބޫލުކުރާ ގޮތެއް ނޫނެވެ. އަހުރެން ޤަބޫލުކުރާ ގޮތްވެސް ބުނެލާނަމެވެ. 

ތިމާއަކީ ބާރުގަދަ މޮޅު މީހަކުކަން ދައްކަން ބޭނުންނަމަ ނިކަން ރުޅި މަޑުކޮށްބަލާށެވެ! ރުޅި އަންނަހިނދު ރުޅި ކޮންޓްރޯލްކޮށް ރުޅީގެ މައްޗަށް ގަދަވެގެންބަލާށެވެ! މީހަކު ތިމާއަށް ނުބައި ކަމެއް ކުރުމުން އޭނާއަށް މާފުކޮށްބަލާށެވެ! ތިމާއަށް ޙަސަދަލާ މީހުންގެ މައްޗަށް ތިމާގެ ހިތް ޠޯހިރުކޮށްބަލާށެވެ! 

އެއްވެސް ޝައްކެއް ނެތެވެ. ރުޅި އަންނަޖްހޭނެ ފަދަކަމެއް ކުރިމަތިވުމުން ރުޅި އައުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ރުޅި ކޮންޓްރޯޅް ނުކުރެވި ތިބާގެ މައްޗަށް ރުޅި ބާރުހިންގާތީއެވެ. އެކަމުން އެނގެނީ ތިމާއަކީ އެއްވެސް ބާރެއް ނެތް މީހެއްކަމެވެ. ތިމާގެ މައްޗަށް ބާރުހިންގަނީ ޝައިޠޯނާ ކަމެވެ. ދެން ނިކަން ބުނެބަލާށެވެ! އެފަދަ މީހަކީ ކޮން ބާރެއް ހުރިމީހެއް ހެއްޔެވެ؟ 

ހަމައެގޮތަށް ތިމާ އާއިމެދު ނުބައިކޮށް ކަންކަންކޮށް ދެރަދޭން މަސައްކަތްކުރާ މީހުންނަށް މާފުކުރުމާއި ޙަސަދަވެރިންގެ މައްޗަށް ހިތް ޠޯހިރުކުރުމަކީވެސް ވަރަށް ބާރުގަަދ، ހިތްވަރުގަދަ މީހަކަށް ނޫނީ ކުރެވޭނެ ކަންކަމެއް ނޫނެވެ. އެކަންކަން ނުކުރެވެނީވެސް އެމީހާގެ މައްޗަށް ޝައިޠޯނާ ގަދަވެގަނެފައިވާތީއެވެ. 

މިދެއްކި ވާހަކަކޮޅުގެ ކުރު ޚުލާޞާއަކީ އެމީހަކީ އެއްވެސް އަމިއްލަ ބާރެއް ހުރި މީހަކު ކަމުގައި ވެވޭނީ ޝައިޠޯނާއަށް އެމީހެއްގެ މައްޗަށް ބާރުގަދަވެ ނުގަނެވޭ މީހަކު ކަމުގައިވެވިގެންނެވެ. އެހެން ނޫންނަމަ ހަށިގަނޑުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ތިމާއަކީ ކިތަންމެ ބާރުގަދަ މީހަކު ނަމަވެސް ޙަޤީޤަތުގައި އެމީހަކީ އެއްވެސް ބާރެއް ހުރި މީހެއް ނޫނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން