އިސްލާމް ދީނަކީ ﷲ ތަޢާލާ ބާވައިލެއްވެވި ޙައްޤު ދީންކަމާއި ދުނިޔޭގައި އޮތް ހަމައެކަނި ޙައްޤު ދީނަކީ އިސްލާމްދީންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
އިސްލާމް ދީނަކީ ﷲ ތަޢާލާ ބާވައިލެއްވެވި ޙައްޤު ދީންކަމާއި ދުނިޔޭގައި އޮތް ހަމައެކަނި ޙައްޤު ދީނަކީ އިސްލާމްދީންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟

އިސްލާމް ދީނަކީ ﷲ ތަޢާލާ ބާވައިލެއްވެވި ޙައްޤު ދީންކަމާއި ދުނިޔޭގައި އޮތް ހަމައެކަނި ޙައްޤު ދީނަކީ އިސްލާމްދީންކަން އެނގެނީ ކިހިނަކުންތޯ ބައެއް މީހުން ސުވާލުކުރެއެވެ. އެކަމުގައި ހުރި ސައިސާއި ގުޅޭ ކަންކަމުގެ ތެރެއަށްދާކަށް ނެތީމެވެ. ބަހެއް ބުނެލަން ބޭނުންވަނީ ކޮންމެ މީހަކަށްވެސް ފަސޭހަކަމާއިއެކު ޤަބޫލުކުރެވޭނެ މިންވަރުންނެވެ. 

ފުރަތަމަ ކަމަކަށް އިސްލާމް ދީން ތަޢާރަފްވިގޮތަށް ބަލާށެވެ. 

ރަސޫލްކަމާއިގެން މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވެވުނު ޒަމާނަކީ މީސްތަކުންނާއި މުޢާމަލާތުކުރާނެ އެއްވެސް ޒަމާނީ ވަސީލަތެއް ލިބިފައިވާ ޒަމާނެއް ނޫނެވެ. ޓީވީއެއް އިންޓަރނެޓެއް ހުރި ޒަމާނެއް ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސަލައްމަ އަކީ (ﷲ ތަޢާލާ އުނގަންވައި ދެއްވެވި އެއްޗެއް ފިޔަވައި) އެއްވެސް ޢިލްމެއް އުނގެނިވަޑައިގެން ހުންނެވި ބޭކަލެއް ނޫނެވެ. 

ދީނަށް ގޮވައިލައްވަވަން ފެށްޓެވީ ޢަރަބި ކަރައިގެ މެދުގައި ހުންނަވައިގެންނެވެ. ފުރަތަމަ ކިޔަމަންވަމުން، ދީނަށް ވަންނަމުން އައީ ނިކަމެތި ފަޤީރުންނެވެ. 

އެއިރުވެސް ދުނިޔޭގައި އެތައް ބައިވަރު ދީންތަކެއް އޮތެވެ. އެތައް ހާސް އަހަރެއްގެ މާޒީ އޮތް ދީންތަކެއްވެސް އޮތެވެ. އެކަމަކުވެސް އެންމެ ބާރަށް ކުރިއަރަމުން އައީ އިސްލާމް ދީނެވެ. މީސްތަކުން ދިއައީ ދުނިޔޭގެ ކަންކޮޅުތަކުން އައިސް އިސްލާމްދީނަށް ވަންނަމުންނެވެ. 

މިއަދު މިވަނީ އިންސާނުން ކުރިއަރައިފައެވެ. ޓެކްނޮލޮޖީގެ ގޮތުންވެސް ކުރިއަރައިފައެވެ. ދަނީވެސް ކުރިއަރަމުންނެވެ. އިންސާނުންގެ ސިކުނޑިތައް ދަނީ ހުޅުވެމުންނެވެ. އެހެންކަމާއިއެކުވެސް ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުން އަންނަނީ އިސްލާމް ދީނެވެ. މުސްލިމުންގެ ޢަދަދު މިހާރުވަނީ 2 ބިލިއަނަށް އަރައިފައެވެ. 

މިއަދު އިސްލާމްދީނަށް ވަންނަމުން އަންނަނީ ނުކިޔަވައި ތިބި ޖާހިލުން ކަމަށް ބުނެވޭކަށް ނެތެވެ. ދުނިޔޭގެ އެންމެ މަޝްހޫރު، އެންމެ ބޮޑެތި ޢިލްމުވެރިންވެސް އަންނަނީ އިސްލާމްވަމުންނެވެ. އެމީހުން އިސްލާމް ދީން އިޚްތިޔާރުކުރަނީ ހުރިހާ ދީންތަކެއްގެ ކަންކަން ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހުގައެވެ. އެންމެ މަތިވެރި ދީނަކީ އިސްލާމްދީންކަމަށް ޔަޤީންކުރެވިގެންނެވެ.

ދެންބަލައިލަންވީ އިސްލާމް ދީނުގެ ޙަސަދަވެރިން އިސްލާމް ދީން ނިކަމެތިކުރަން ކުރަމުން ގެންދާ މަސައްކަތްތަކަށެވެ. އެކަންކަމަށް ބަލައިފިނަމަ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތް ކުރެވެނީ ވަރަށް ކުޑަކުޑަ މިންވަރަކަށެވެ. އެހެންކަމާއިއެކުވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަނީ އިސްލާމް ދީނެވެ. 

ފެންނަތް އޮތް ހަމައެކަނި ސަބަބަކީ ތިމަން ﷲ ގެ ދީން ތިމަން ﷲ ޙިމާޔަތް ކުރައްވަވާނެ ކަމަށާއި މަތިވެރިކުރައްވަވާނެ ކަމަށް އޮތް ވަޙީބަސްފުޅެވެ. ހަމައެއާއިއެކު ޢަދާވާތްތެރިން އެވަރަށް މަސައްކަތްކުރާއިއރުވެސް ކީރިތި ޤުރްއާނުން އެއްވެސް ކުށެއް ނުދެއްކެއެވެ. އެހެންވެ ކުށް ހޯދަން އުޅޭ މީހުން އިސްލާމްވުންވެސް އަންނަނީ އިތުރުވަމުންނެވެ. 

ވީމާ މާބޮޑެތި ތަފްޞީލުތަކަށް ނުގޮސް ހަމައެކަނި މިބަޔާންކުރި މިންވަރަށް ވިސްނައިލިނަމަވެސް އެނގި ޔަޤީންވާނީ އިސްލާމް ދީނަކީ ﷲ ތަޢާލާ ބާވައިލެއްވެވި ޙައްޤު ދީންކަމާއި ދުނިޔޭގައި އޮތް ހަމައެކަނި ޙައްޤު ދީނަކީ އިސްލާމްދީންކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން