ކަންކަމަށް އެދިގެން އަންނަ މީހުންގެ ބޭނުން ފުއްދައިދިނުމުގެ ފައިދާ މިހައި ބޮޑުކަން އެނގޭނަމަ އަބަދުވެސް ހުންނާނީ ފުރުޞަތަކަށް ބަލަބަލައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކަންކަމަށް އެދިގެން އަންނަ މީހުންގެ ބޭނުން ފުއްދައިދިނުމުގެ ފައިދާ މިހައި ބޮޑުކަން އެނގޭނަމަ އަބަދުވެސް ހުންނާނީ ފުރުޞަތަކަށް ބަލަބަލައެވެ!

މީހަކު ކަމަކަށް އެދިގެން އަތުވެއްޖެނަމަ އެކަމެއް އޭނާ އެދުނު ގޮތަށް ކޮށްދޭން، ނުވަތަ އޭނާގެ ބޭނުން ފުއްދައިދޭން މަސައްކަތްކުރަންވާނެއެވެ. މިޘާލަކަށް މީހަކު ކަމަކަށް 10،000 ރުފިޔާއަށް އެދިއްޖެނަމަ ތިބާގެ އަތުގައި ދެވެން ހުރިނަމަ އެ ޢަދަށް ދޭށެވެ. މީހެއްގެ ބޭނުން ފުއްދައިދިނުމަކީ އެއީއެވެ. ދެވެން ނެތްނަމަ ދެވެން އޮތްވަރަކުން ދިނުމަކީ މައްސަލައެއް ނޫނެވެ. 

އެއަށްވުރެ މަދުން ދީފިނަމަ އޭނާއަށް ޖެހޭނީ އިތުރު މީހެއްގެ ކިބައިން އެހީތެރިކަމަށް އެދޭށެވެ. އެއިރުން އޭނާގެ ބޭނުން ފުއްދައިދިނުމުން ތިބާއަށް ދެއްވަވާނެ ޘަވާބުން އުނިވެގެންދާނެއެވެ. 

މީހުންގެ ބޭނުންތައް ފުއްދައިދިނުމަކީ ވަރަށް ހިތްވަރުގަދަ މީހުންނަށް ކުރެވޭނެކަމެކެވެ. މީހެއްގެ ބޭނުން ފުއްދައިދިނުމުން ތިމާއަށް ﷲ ތަޢާލާ ދެއްވަވާނެ ބޮޑު ރަޙްމަތަށް ޝައުޤުވެރިވެވޭ މީހަކަށް ނޫނީ އެކަމެއް ނުކުރެވޭނެއެވެ. ޔަޤީންކުރަންވީ ކަމަކީ އެހެން މީހުންގެ ބޭނުންތައް ފުއްދައިދިނުންމަތީގައި މީހަކު ހުރިނަމަ އެމީހާގެ ބޭނުންތައް ފުއްދަވައި ދެއްވެވުން މަތީގައި ﷲ ތަޢާލާ ވޮޑިގެންވާނެ ކަމެވެ.

މިވިސްނުމުން ވިސްނާ މީހަކަށް އެހެން މީހުންގެ ބޭނުންތައް ފުއްދައިދިނުމަކީ ބޮޑުކަމަކަށް ނުވާނެއެވެ. އެމީހަކު އެކަންކުރާނީ ކުރާ ހިތުންނެވެ. އެމީހާ އަބަދުވެސް ހުންނާނީ އެހެން މީހެއްގެ ބޭނުން ފުއްދައިދިނުމަށް ފުރުޞަތެއް ލިބުމުގެ ދަހިވެތިކަމުގައެވެ. 

އަހުރެން ދެކޭ ގޮތުގައި އެހެން މީހުންނަށް އެހީތެރިވެދިނުމަކީ މީހަކަށް ކުރެވޭނެ އެންމެ ފައިދާބޮޑު އެއްކަންތަކެވެ. އެއީ ކުރިން މިބުނި ފަދައިން އެހެން މީހުންގެ ބޭނުންތައް ފުއްދައިދިނުންމަތީގައި މީހަކު ހުރިނަމަ އެމީހާގެ ބޭނުންތައް ފުއްދަވައި ދެއްވެވުން މަތީގައި ﷲ ތަޢާލާ ވޮޑިގެންވާނެތީއެވެ. އެމީހެއްގެ ބޭނުންތައް ފުއްދަވައިދެއްވެވުމުގައި ﷲ ތަޢާލާ ވޮޑިގެންވާނަމަ އެމީހަކަށް ދަތިވާނެ ކަމެއް ނުއޮންނާނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން