މުސްލިމް އަޚުންނޭވެ! ތާބިޢީ ބޭކަލުންގެ އަރިހުން އައިސްފައިވާ ގޮތުގައި ޝައިޠާނާއަށް އެންމެ އުނދަގޫ ކަމަކީ ބުއްދިވެރި މުއުމިނަކު މަގުފުރެއްދުމެވެ. ބުއްދިވެރި މުއުމިނަކަށް ވަސްވާސް ދިނުމަށް ވުރެ، ސަތޭކަ ޖާހިލުން މަގުފުރެއްދުން ޝައިޠާނާއަށް ފަސޭހަވެގެން ވެއެވެ. ވީމާ، ބުއްދިވެރި ކޮންމެ މުސްލިމަކު ވެސް ދުނިޔޭގެޙަޔާތް ވޭތިކުރަންވާނީ އުޚްރަވީ ޙަޔާތް ބާއްޖަވެރިވާނެ ގޮތަށެވެ. މި ކަމަށް އިޝާރަތް ކުރައްވައި ކީރިތި ރަސޫލާ z ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ބުއްދިވެރި އަކީ ތިމާ ގެ އަމިއްލަ ނަފުސު ގެ ލަގަން ކޮންޓްރޯލްކޮށް، މަރުވުމަށް ފަހު އަންނަން އޮތް ދުވަހަށް ޓަކައި ހެޔޮ ޢަމަލު ކުރާ މީހާ އެވެ. އަދި ނުކުޅެދުންތެރި އަކީ ތިމާގެ އަމިއްލަ ނަފުސު ގެ ލަގަން ހިތް އެދޭހާ ގޮތަކަށް ދޫކޮށްލައިގެން ހުރެ، الله ގެ ޙަޟްރަތުން އުއްމީދުތައް ކުރާ މީހާއެވެ."
އެންމެހައި މުއުމިނުންނޭވެ! ބުއްދި އަކީ އިންސާނާގެ ފާރަވެރިޔާ އެވެ! އޭނާގެ ކަރާމަތާއި އަބުރާއި ޝަރަފުގެ ތަޅުދަނޑި އެވެ. ބައެއް ދަންނަބޭކަލުންނާއި ޙަކީމުންގެ ކިބައިން އައިސްފައިވެ އެވެ. ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހުސްކުރާނެ އެވެ. އެއީ އޭނާ އަމިއްލައަށް އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް ނަފްސުގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އިސްތިޣުފާރުކޮށް މުނާޖާ ދެންނެވުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ނަފްސުގައި ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަޚުންނާ އެކު ހޭދަކުރާ ވަގުތެވެ. މިކަންކަމަކީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އިންސާނާ އަށް މަގު ދައްކައިދޭނޭ ކަންކަމެވެ.
މުސްލިމް އަޚުންނޭވެ! ޢިލްމުވެރީންގެ އަރިހުން ވާރިދުވެގެންވެއެވެ. ދުނިޔޭގެ އެއްވެސް އެދުމެއް ނެތް، ބުއްދިވެރިކަމުގެ ސިފަ މަލާއިކަތުންނަށް الله ދެއްވާފައިވެއެވެ. އަދި ބުއްދިވެރިކަމާ ނުލައި ދުނިޔޭގެ އެދުން ޖަނަވާރުންގެ ކިބައިގައި ލައްވާފައިވެއެވެ. ނަމަވެސް މި ދެބައި އިންސާނާ އަށް ދެއްވާފައިވެއެވެ. އެމީހެއްގެ ދުންޔަވީ އެދުމާއި، ދަހިވެތިކަމުގެ މައްޗަށް ބުއްދިވެރިކަން އިސްކޮށްފި މީހާގެ ހެޔޮކަން ބޮޑު ވެގެންވެއެވެ. އަދި އެ މީހެއްގެ ބުއްދިވެރިކަމުގެ މައްޗަށް ދުނިޔޭގެ އެދުމާއި، ދަހިވެތިކަން އިސްކޮށްފި މީހާ ޖަނަވާރުންގެ ދަރަޖައަށް ވެއްޓިދެއެވެ.
އިސްވެދިޔަ ވާހަކަތަކުން އެނގި ފާޅުވަނީ ބުއްދި އަކީ ނިޢުމަތެއް ކަމެވެ. އެއާ މެދު އިންސާނާ އޭނާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތަށް ޝުކުރުވެރިވާން ޖެހޭނެއެވެ. ބުއްދިއަށް އުނިކަން ލިބޭ ޒާތުގެ ކަންކަމުން ދުރުހެލިވާން ޖެހޭނެއެވެ. ޖުވާ ކުޅުމާއި، ރާބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޙަރާމްތަކެތި ކެއުން ފަދަ ކަންކަމީ ދެ ދުނިޔޭގައި ވެސް ގެއްލުންހުރި ކަންކަމެވެ. ބުއްދިވެރި ހެޔޮ ލަފާ މުޖުތަމަޢެއް ބިނާކުރެވޭނީ މުޖުތަމަޢުގެ އެންމެހައި އަފްރާދުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ވާގިވެރިވެގެންނެވެ. މުއުމިނުންގެ ސިފައަކީ އެއީއެވެ. ނަމަވެސް ހިތާމައަކީ މިއަދު މިފަދަ ކަންކަމާ މެދު މުޖުތަމަޢުގެ އެއް ބަޔަކު ޣާފިލުވެފައިވާ ކަމެވެ.
- ޚުޠުބާ