ކުރެވޭ ކުށް ބައިވެރިޔާ ފާހަގަކުރުމުން ބޮލަށް އުނދަގޫވާ މީހުން ރަނގަޅީ ކައިވެނި ނުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކުރެވޭ ކުށް ބައިވެރިޔާ ފާހަގަކުރުމުން ބޮލަށް އުނދަގޫވާ މީހުން ރަނގަޅީ ކައިވެނި ނުކުރުން!

ތިމާއަށް ހެޔޮލަފާ ތަޤްވާވެރި ބައިވެރިއަކު ލިބިއްޖެނަމަ އޭނާ އެދޭ ކަންކަމަށް ދެކޮޅު ނުހަދާށެވެ! އެހެނީ ކައިވެނިކުރުމަށްފަހު ދެމީހުންނަށްވެސް ބާރުތަކެއް ލިބިގެންދެއެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ބާރަކީ އަނެކާއަށް ކުށެއް ކުރެވޭނަމަ، ނުވަތަ ނުބައި މަގަކުން ދެވޭނަމަ އިޞްލާޙްކުރަން މަސައްކަތްކުރުމުގެ ބާރެވެ! އެއީ ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް ލިބިގެންދާ ބާރެކެވެ!  

ވީމާ ކަމެއް އިޞްލާޙްކުރަން ބުނެފިނަމަ އެއީ ތިބާއާއި ބެހޭ ކަމެއް ނޫންކަމަށާއި އެއީ ތިމާގެ އަމިއްލަ ކަމެއް ކަމަށް ނުބުނާށެވެ! އެގޮތަށް ދެކެން ބޭނުންނަމަ އޮތީ ކައިވެނިނުކޮށް އެކަނި ހުރުމެވެ.  

ހަނދާންކުރާށެވެ! ކަމެއް އިޞްލާޙްކުރަން ބައިވެރިޔާ ބުނެފިނަމަ އެކަމުން އެނގިގެންދަނީ އޭނާ ތިބާ ދެކެ ލޯބިވާކަމެވެ. ލޯބިނުވާނަމަ ތިބާ އުޅެން ބޭނުންވާ ގޮތަކަށް އުޅެން ދޫކޮށްލައިގެން ހުންނަންވީ ނޫންހެއްޔެވެ؟ އޭނާއަށް އެކަމުން ގެއްލުމެއް ނުލިބޭނަމަ އެކަމާއި ވިސްނުމުގެ ބޭނުމެއްވެސް ނެތެއް ނޫންހެއްޔެވެ؟  

ވީމާ ބައިވެރިޔާ ތިމާގެ ކިބައިން އުނި ސިފަ ދައްކާނަމަ ފޫހިވާންވީއެއް ނޫނެވެ. ލޯބިވުން އިތުރުކުރަންވީއެވެ. ޝަކުވާ ކުރުމުން ބޮލަށް އުނދަގޫވާވީއެއް ނޫނެވެ. އެކަމަކަށް ފުންކޮށް ވިސްނައި ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރަންވީއެވެ.  

ހުރިހާ ކަމެއް ތިމާއަށް ކުރެވެނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލުކުރެވޭނަމަ އެއީ އެމީހެއްގެ ކިބައިގައި ހުރި ވަރަށް ބޮޑު އުނިކަމެކެވެ. ހަމައެއާއިއެކު ތިމާގެ ކިބައިގައި ހުންނަ އުނިސިފަތަކާއި ކުރެވޭ ކުށްތައް އެންމެ ބޮޑަށް ފާހަގަކުރެވޭނީ ބައިވެރިޔާއަށްކަން ޤަބޫލުކުރަންވާނެއެވެ. ބާއްޖަވެރި، ކާމިޔާބު ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ.

 

- އަލަފް

މިއަދު އޮންލައިން