ގުޅުނު މާހަގު ބައިވެރިޔާ ވަކިވުމުން އޭނާ ކުށްވެރި ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ގުޅުނު މާހަގު ބައިވެރިޔާ ވަކިވުމުން އޭނާ ކުށްވެރި ނުކުރާށެވެ!

ބައެއް ފިރިހެނުން އެމީހުން ޝައުޤުވެރިވާ ފަދަ އަންހެނަކު ފެނިއްޖެ ނަމަ ޢުމުރަކަށް ނުބަލައެވެ. އޭނާގެ ޙަޤީޤީ ބޭނުމަކަށް ނިވެސް ވިސްނައެވެ. އެއަންހެނަކާއި ގުޅެނީއެވެ. ފަހުން ނުކުމެދާނެ ނަތީޖާއަކާއިމެދު ނުވެސް ވިސްނައެވެ. 

މިޘާލަކަށް ތަނަވަސްކަން ހުރި ފިރިހެނެކެވެ. އެކަނިހުރި ފިރިހެނެކެވެ. އޭނާ އާއި ކައިވެނިކުރަން އޭނާގެ ޢުމުރުގެ އެތައް ބައިވަރު އަންހެނުން އެބަތިއްބެވެ. ނަމަވެސް އިޚްތިޔާރުކުރަނީ އޭނާއަށްވުރެ ޢުމުރުން އެތައް އަހަރެއް ހަގު އަންހެނެކެވެ. ސަމާލުކަން ދެނީ އޭނާގެ ސިފައަށާއި ޒުވާންކަމަށެވެ. 

ކައިވެންޏަށްފަހު، ނުވަތަ ލޯބިވެގެން ދުވަސްކޮޅަކު އުޅުމަށްފަހު އޭނާގެ ބޭނުންތައް ޙާޞީލްކުރެވުމުން އޭނާ ވަކިވެގެންދަނީއެވެ. އެއީ ޢަމަލުކުރަން ރަނގަޅު ގޮތް ކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް އެއީ އެކަން ހިނގާނެ ގޮތްކަށް ޤަބޫލުނުކުރެވޭނަމަ އެއީ އެފިރިހެނެއްގެ މައްސަލައެކެވެ. އަންހެން މީހާގެ މައްސަލައެއް ނޫނެވެ. 

އިތުރު މިޘާލެއްވެސް ބުނެލާނަމެވެ. ބޮޑު ގޯއްޗެއް އެބައޮތެވެ. އަތުގައި ހުރި ފައިސާއިން އެޅެން އޮތީ ކުޑަކުޑަ ގެއެކެވެ. ނަމަވެސް މާބޮޑު ގެއެއް އަޅަން އުޅެން ހަދައިގެން ގެ ނުއެޅި އޭނާ ބަނގުރޫޓުވުމުން އެކަމާ ކުށްވެރިކުރަންޖެހޭނީ ލިބިފައިވާ ބޮޑު ގޯތި ހެއްޔެވެ؟ ނުވަތަ ގެއަޅަން ކަންކަން ކުރެވުނު ގޮތްހެއްޔެވެ؟ 

ދިރިއުޅުމުގައި ޤަބޫލުކުރަންޖެހޭނެ ކަންކަމުގެ ތެރޭގައި ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއް ކުރަންޖެހޭނީ އެމީހަކާއި އެކަށީގެންވާ ފެންވަރުގައިކަން ޤަބޫލުކުރަން ޖެހޭނެއެވެ. އެކަން ޤަބޫލުނުކުރެވޭނަމަ އެމީހަކަށް އުފާވެރިކަމެއް ނުލިބޭނެއެވެ. ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ. 

ވީމާ ޒަވާޖީ ޙަޔާތަށް ބައިވެރިއަކު ހޯދިނަމަވެސް އެމީހެއްގެ ޢުމުރަށާއި އަދި އެމީހާގެ ކިބައިގައި ހުރި ފެންވަރަށް ބަލަން ޖެހޭނެއެވެ. ނުބަލާނަމަ އެކަމާއި ފަހުން ހިތާމަކުރަން ޖެހުން އޮންނާނީ ދާދި ގާތުގައެވެ. 

- އަލަފް

މިއަދު އޮންލައިން