މީހަކު ހިލޭ ކަމެއްކޮށްދޭން ނުވަތަ ހަދިޔާއެއްދޭން ހުށަހަޅައިފިނަމަ ވިސްނަންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މީހަކު ހިލޭ ކަމެއްކޮށްދޭން ނުވަތަ ހަދިޔާއެއްދޭން ހުށަހަޅައިފިނަމަ ވިސްނަންޖެހޭނެ ބައެއް ކަންކަން-

ބައެއް މީހުން އައިސް އެއްވެސް އަގެއް ނުނަގައި ހިލޭ ކަންކަން ކޮށްދޭން އުޅޭނެއެވެ. އަދި ހަދިޔާތައްވެސް ދޭނެއެވެ. މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. 

ވިސްނައިލާށެވެ! ވަރަށް މަދު މީހަކު ނޫނީ މިއަދު އުޅެނީ އެމީހެއްގެ އަމިއްލަ ބޭނުންތަކަށް މަދުވެގެންނެވެ. އަދި ދަތިޙާލުގައި ގިނަ ބައަކު އުޅެމުންދާކަންވެސް އެނގޭނެއެވެ. އެއިގެ އިތުރުން ތިބާއަސްވުރެ މާ ދަތިޙާލުގައި ގިނަ ބައަކު އުޅެމުން އަންނަކަންވެސް އެނގޭނެއެވެ. 

އެހެންކަމަށްވާއިރު ކޮންމެހެން ތިބާއަށް ހިލޭ ކަމެއް ކޮށްދޭން ނުވަތަ އެއްޗެއް ދޭން ބޭނުންވާންވީ ކީއްވެގެން ހެއްޔެވެ؟ އެ ސަބަބަށް އަބަދުވެސް ވިސްނަންވާނެއެވެ. ޚާއްޞަކޮށް އަންހެނުން މިކަމަށް އިތުރަށް ސަމާލުކަންދޭންވާނެއެވެ.

ވީމާ މީހަކު އެފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެކަން ޤަބޫލުކުރަންވާނީ ވަރަށް ބޮޑަށް ވިސްނައިފައެވެ. ސަބަބަކީ ދިން އެއްޗަކާއި ނުވަތަ ކޮށްދިން ކަމަކާއި ނުބައްދަލު ބަދަލަކަށް އެދިފާނެ ކަމެވެ. ދިން ހަދިޔާ ނުވަތަ ކޮސްދިން ކަމަކީ މަސްބާނަން ބުޅީގައި އަޅާ އެންގަނޑު ފަދަ ކަމަކަށްވެދާނެތީއެވެ. ޢިއްފަތްތެރިކަމަށް އަރައިގަތުމަށް ނުވަތަ ނަޒާޙަތްތެރިކަން ދުއްވައިލުމަށް ކުރި ކަމަކަށްވެދާނެތީއެވެ. 

އަހުރެންގެ ނަޞޭޙަތަކީ އެމީހަކީ ކާކުކަމާއި އެމީހާގެ ގޮތް ރަނގަޅަށް ނުއެނގޭ މީހުން ހިލޭ ދޭ އެއްޗެތީގައި ނުހިފުމެވެ. އެފަދަ މީހުން ލައްވައި އެއްވެސް ކަމެއް ނުކުރުވުމެވެ. 

އެއްވެސް މީހަކު ހުންނަ ގޮތަކުން އޭނާގެ ހިތެއް ނުއެނގޭނެއެވެ. ބޭރުފުށުން މީހާ ކިތަންމެ ޒީނަތްތެރިވެގެން ހުރިނަމަވެސް އެމީހާގެ ހިތަކީ ޠޯހިރު އެއްޗަކަށް ނުވެދާނެއެވެ. ވީމާ އެންމެ ބުއްދިވެރި ގޮތަކީ ރައްކައުތެރިވެގެން ހުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން