ސޯޝަލް މީޑިއާގަ ލައިކްކުރަން ފޮނުވާލާ ހިތަކީ ތިމާގެ އަމިއްލަ ހިތް ކަމުގަ ވިޔަނުދޭށެވެ! ލިބޭނެ ހިތްދަތިކަން މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސޯޝަލް މީޑިއާގަ ލައިކްކުރަން ފޮނުވާލާ ހިތަކީ ތިމާގެ އަމިއްލަ ހިތް ކަމުގަ ވިޔަނުދޭށެވެ! ލިބޭނެ ހިތްދަތިކަން މާބޮޑުވާނެ!

ރަނގަޅަށް ވިސްނައިލާށެވެ! ދެމަފިރިން ކަމުގައިވީނަމަވެސް ދެލޯބިވެރިން ކަމުގައިވީނަމަވެސް އެކަކު އަނެކަކަށް މަކަރުހެދުން ނުވަތަ ބޭވަފާތެރިވުން ފެށިގެންދަނީ އެކަހެރި ބައްދަލުވުމަކުންނޭވެ. ސޯޝަލް މީޑިއާގައި ބުނެލެވޭ ބަހަކުންނެވެ. ކޮށްލެވޭ ލައިކަކުންނެވެ. 

މީސްތަކުން މަގުފުރެދުން ޝައިޠޯނާ މިވަނީ މިހައި ބޮޑަށް ލުއިފަސޭހަކޮށްދީފައެވެ. ހިތާމައަކީ އެކަންކަން ގިނަބައަކަށް ބަލައި ނުގަނެވޭކަމެވެ. ވިސްނައިލުމެއް ނެތި ފެންނަހައި އެއްޗަކަށް ކޮމެންޓްކޮށް ލައިކްކުރެވޭކަމެވެ. 

ލައިކްކުރަން މިފޮނުވާލަނީ ކުޑަކުޑަ ހިތެކެވެ. އެހިސާބުން އެކަން ވެގެންދަނީ އަމިއްލަ ހިތް ހަދިޔާކުރުން ފަދަ ކަމަކަށެވެ. އެހިސާބުން އޭނާ ބުނާ ދެތިން ބަހަކުން އަމިއްލަ ހިތް އޮންނަނީ އޭނާއަށް ދެވިފައެވެ. އެހިތުގެ ކޮންޓްރޯލް އެމީހަކާއި ޙަވާލުކުރެވިފައެވެ. 

ވިސްނާށެވެ! މަސްވެރިން ކަނޑަށް ނުކުމެ ދައުއަޅާ އުޞޫލުން ސޯޝަލް މީޑިއާގައި ކަންކަންކުރާ މީހުން އެބައުޅެއެވެ. ބުނެލާނީ ގިނަ ބައަކަށް ވަރުކަމުދާ ބަހެކެވެ. އެބަސްބުނަން އަމިއްލައަށް ނުއެނގޭ މީހުން ސޯޝަލް މީޑިއާގައި އެހެން މީހުން ބުނެފައި ހުންނަ ބަސްތައް ބަދަލުކޮށްލައި އެއީ ތިމާ ބުނި ބަހަކަށް ހަދައިގެންވެސް އެބަ ޕޯސްޓްކުރެއެވެ.

މިވާހަކަކޮޅު ދައްކަން މިޖެހެނީ މިކުރެވެނީ ކިހައި ވަރެއްގެ ބޮޑުކަމެއްކަން ނުއެނގި ތިބެ މިފަދަ މަޅިތަކުގައި ނުވަތަ ދަމައިލެވޭ ދައުތަކުގައި ޖެހި އަމިއްލަ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓައިލެވޭ މީހުން ގިނަވަމުން އަންނާތީއެވެ. ފަހުން އެކަންކަމަށް ހިތާމަކޮށް ކަރުނައަޅަންޖެހޭ މީހުން ގިނަވަމުން އަންނާތީއެވެ. 

ނަޞޭޙަތަކީ ރަނގަޅު ބަހެއް ފެނިއްޖެ ނަމަ ކިޔައިލާށެވެ. ޢިބްރަތް ޙާޞިލްކުރާށެވެ. މަޢުލޫމާތު މުއްސަނދިކުރާށެވެ. ނަމަވެސް އެއީ ކާކުކަމާއި އޭނާގެ އަޚްލާޤް ޔަޤީން ނުކުރެވޭ މީހުންގެ ބަސްތަކަށް ކޮމެންޓް ނުކުރާށެވެ!

 

- އަލަފް 

މިއަދު އޮންލައިން