ޙަރާމް ކަންތައްތައް ކުރެވެމުން އަންނަ މީހުންނޭވެ! ޙަރާމް ކަންކަން ކުރުން މިހާރުން މިހާރަށް ހުއްޓައިލާށެވެ! ޙަރާމްކަމެއް ކުރުން ﷲ ތަޢާލާއަށްޓަކައި ހުއްޓާލައިފި ކޮންމެ މީހަކަށް މިދުނިޔޭގައިވެސް ﷲ ތަޢާލާ ބޮޑެތިވެގެންވާ ނިޢުމަތްތައް ދެއްވަވާނެތެވެ.
ގިނަބައަކަށް ހުއްޓާލަން އެންމެ އުނދަގޫވާ އެއްކަމަކީ ޒިނޭކުރުމެވެ. ނިކަންވިސްނައިލަބަލާށެވެ! ﷲ ތަޢާލާއަށް ބިރުފުޅުން ޔޫސުފްގެފާނު ޒިނޭ ނުކުރެއްވެވުމުން މިޞުރުގެ ވެރިކަން ނުދެއްވަވާހެއްޔެވެ؟ ބޭނުންފުޅުވާވަރަކަށް އަނބިން ހޯއްދެވުމުގެ ފުރުޞަތު ނުދެއްވަވާހެއްޔެވެ؟
މީސްތަކުންނޭވެ! ﷲ ތަޢާލާގެ ރަޙްމަތް ލިބިގެންދާނީ ހަމައެކަނި ވަކި ބައަކަށް ނޫނެވެ. އިޚްލާޞްތެރިކަމާއިއެކު ބިރުވެތިވެ ކިޔަމަންތެރި ކޮންމެ މީހަކަށެވެ. އެއީ ޝައްކުވެސް ކޮށްގެންވާނެ ކަމެއް ނޫންވެ.
ޙަރާމް ކަމެއްކުރުމުން ލިބެނީ ވަޤުތީ އުފަލެކެވެ. އެއުފާވެރިކަން ދެމިގެންދަނީ ދާދިކުޑަކުޑަހިނދުކޮޅަކަށެވެ. އެމީހަކަށް ﷲ ތަޢާލާ ހިތްހަމަޖެހުމާއި އުފާވެރިކަން ދެއްވަވައިފި ކޮންމެ މީހަކަށް އަބަދުވެސް ހުރެވޭނީ އުފަލުންނެވެ. ހިތްހަމަޖެހިގެންނެވެ. އެނިޢުމަތް އެމީހަކާއި ވަކިވެގެނއްް ނުދާނެއެވެ. އިން ޝާ ﷲ
ޙަރާމް ކަންކަން ކުރަން އާދަވެއްޖެ މީހެއްގެ ހިތުގައި ވެރިކަންކުރާނީ ޝައިޠޯނާއެވެ. އެހިސާބުން އެމީހަކަށް ޙައްޤާއި ބާޠިލް ވަކިކުރަން އޮންނާނީ ނުއެނގިފައެވެ. ކޮންމެ ނުބައިކަމެއް އެމީހަކަށް ފެންނާނީ ޒީނަތްތެރިވެގެންވާ ކަމެއްގެ ގޮތުގައެވެ. އަދި ޙަރާމް ކަންކަން ކުރަން ބިރުވެތިވާ މީހަކަށް ކިތަންމެ ކުޑަކުޑަ ފާފައެއްވެސް ފެންނާނީ ބޮޑު ފަރުބަދައެއް ފަދަ ކަމެއްގެ ގޮތުގައެވެ. އެމީހަކު ހުންނާނީ އެފަރުބަދަ އޭނާގެ ބޮލަށްވެއްޓިދާނެ ކަމުގެ ބިރަށެވެ.
ވީމާ ޙަރާމް ކަންކަން ކުރުން ހުއްޓައިލާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ސުވަރުގެ ވަދެވެން އޮތީ ﷲ ތަޢާލާއަށް ބިރުވެތިވެވިގެންނެވެ.
- ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން