މީހުން ނުބައިބަސް ބުނަނީ ތިމާއަށް ހުރިހާ ކަމެއް ގޯސްކޮށް ކުރެވޭތީ ކަމަށް ޤަބޫލުކޮށް މާޔޫސްނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މީހުން ނުބައިބަސް ބުނަނީ ތިމާއަށް ހުރިހާ ކަމެއް ގޯސްކޮށް ކުރެވޭތީ ކަމަށް ޤަބޫލުކޮށް މާޔޫސްނުވާށެވެ!

ކިތަންމެ ރަނގަޅަށް ކިތަންމެ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރިނަމަވެސް، އަނެކާއަށް ބޭނުންވާ ކަންކަން ކޮށްދިން ނަމަވެސް އެކަމުގެ ވަޒަން ނުކުރާނެ އަދި ތިބާއަށް ނަފްރަތުކުރާނެ ބައަކު އަބަދުވެސް ތިބޭނެކަން ދަންނަންވާނެއެވެ. 

ތިމާއަށް ނަފްރަތުކުރާބައަކު ތިބުމަކީ ތިމާއަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭކަމަށް ޤަބޫލުކުރަންޖެހެންވީ ސަބަބެއް ނޫނެވެ. ޤަބޫލުކުރަންވީ ތިމާއަށް ޙަސަދަވެރިވާ ބައަކު ތިބޭނެކަމެވެ. ވާދަވެރިން ތިބޭނެ ކަމެވެ. ދެރަދީ ނިކަމެތިކޮށްލަން ބޭނުންވާ ބައަކު ތިބޭނެ ކަމެވެ. 

ވީމާ މީހަކު ބުނާ ބަހަކަށް ތިމާގެ ކަރުއެލުވައިނުލާށެވެ! ތިމާ ކުރާ ކޮންމެ ކަމެއްވެސް ކުރަންވީ ތިމާއަށް ކުރެވުނު އެންމެ ރަނގަޅަކަށެވެ. އެއީ ވަކިމީހަކަށް ނުވަތަ ވަކި ބައަކަށްޓަކައެއް ނޫނެވެ. ކުރާ ކޮންމެ ޢަމަލެއްވެސް އިޚްލާޞްތެރިކަމާއިއެކު ކުރަން ﷲ ތަޢާލާ އަންގަވާފައިވާތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރުމަށެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށްވުމަށްޓަކައެވެ. 

ކޮންމެ ދެމަފިރިއަކަށްވެސް ބުނެލަން ބޭނުންވަނީ ފުރަތަމަ ކަމަކަށް ތިމާ އިޚްލާޞްތެރިވާށެވެ! ބައިވެރިޔާ އެކަން ޤަބޫލުކުރޭތޯ ނުވަތަ ނުކުރޭތޯ ބެލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ބަލަންވީ ﷲ ތަޢާލާގެ މަގުގައި ކަންކަން ކުރެވޭތޯއެވެ. ﷲ ތަޢާލާއަށް އިޚްލާޞްތެރިވެވޭތޯއެވެ. 

ﷲ ތަޢާލާއަށް އިޚްލާޞްތެރިވާ މީހަކު އަނެކާއަށް ދެރައެއް ނުދޭނެއެވެ. އަނެކާގެ ހިތުގައި ޖެހޭނެ ކަމެއްވެސް ނުކުރާނެއެވެ. އަބަދުވެސް މަސައްކަތްކުރާނީ އަނެކާއަށް ހެޔޮއެދިގެންނެވެ. 

ﷲ ތަޢާލާއަށް އިޚްލާޞްތެރިވެވިއްޖެ މީހަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވަވާނެތެވެ. އިމްތިޙާނު ކުރެއްވެވުމުގެ ގޮތުން ކަމެއް ކުރިމަތިކުރެއްވެވިނަމަވެސް ފަހުން ބަދަލުގައި މާބޮޑަށް މާއުފާވާނެ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން