މިއަދު ގިނަ ބައަކަށް ހީވަނީ އަނެކާ ބަލިކުރެވޭނީ ހަތިޔާރުން ކަމަށެވެ. ގަދަ ބާރުން ކަމަށެވެ. ނުވަތަ ހަޑިހުތުރު އެއްޗެތި ގޮވުމާއި އަޑުގަދަކުރި ވަރަކުން ކަމަށެވެ. ނަމަވެސް މިއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ.
ބައެއްގެ ތެރޭގައި ހުއްޓައި މީހަކު އައިސް އެއްޗެތިތަކެއް ގޮވައިފިނަމަ އެވަގުތު ވަރަށް ލަދުގަންނާނެއެވެ! ރުޅިވެސް ގަދަވާނެއެވެ! ނަމަވެސް އޭނާ ފަދައިން ރައްދު ނުދޭށެވެ! ޙިކުމަތްތެރިވާށެވެ! އޭނާއަށް ޖަވާބުދޭން ބޭނުންވާނަމަވެސް މަޑުމައިތިރިކަމާއި، އޭނާއަށް އިޙްތިރާމް ކުރުމާއިއެކު ޖަވާބު ދޭށެވެ! އެއިރުން އެމީހާއަށް މާ އަސަރުކުރާނެއެވެ! ދެރަވެސް ވާނެއެވެ. ލަދުވެސް ގަންނާނެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ކުރިމަތިވި ކަމެއްގެ ވާހަކަ މިރޭވެސް ބުނެލާނަމެވެ. އަހަރެން ދިން ދަރުސކާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައަކު ވަރަށް ބޮޑަށް ދިމާކުރިއެވެ. އެމީހުންނަކީ ކަލަކު ވޮޑިގެންވާކަން ޤަބޫލުވެސް ކުރާ ބައެއް ނޫނެވެ. އެމީހުންނަށް ޖަވާބު ދިނީމެވެ. ދެމުން ގެންދިއައީ ވަރަށް ހިކުމަތްތެރިކަމާއިއެކު ރިވެތި ބަހުރުވައިންނެވެ. އެމީހުންނަށްވެސް އިހްތިރާމްކުރަމުންނެވެ. ހާމަކުރަމުން ގެންދިއައީ ކީރިތި ޤްރުއާނުގެ އާޔަތްތަކާއި ޙަދީޘްފުޅުތަކެވެ.
ނަތީޖާ އަކީ ކުއްލިއަކަށް އެއިގެ ތެރެއިން މީހަކު އަހަރެންގެ ދިފާޢުގައި މެސެޖުތައް ޢާންމުކުރަން ފެށުމެވެ. ފުރަތަމަވެސް ބުނި ބަހަކީ ބޯގޮވައިގެން މިއުޅޭ އެތީސްޓުން މިހިރީ ތިމަންނާގެ ބޯވެސް ގޮއްވާލައި މަގުފުރައްދާފައެވެ.
މިކަން މިގޮތަށް މެދުވެރިވީ "މީހަކު ބަލިކުރަން އެންމެ އެންމެ ފަސޭހަވާނެ ހަތިޔާރަކީ ރިވެތި އަޚްލާޤް" ކަމަށް މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވާ ޙިކުމަތްތެރި ބަސްފުޅަށް ޢަމަލުކުރެވުނީތީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން