ހަމަ ކޮންމެ ވަގުތަކުވެސް ދުނިޔެއިން ބޭރުވާންޖެހި ބަރުޒަޚުގެ ޢާލަމަށްދާން ޖެހިދާނެކަން އެނގޭއިރު ތައްޔާރުވާން ކުރީ ކޮންކެމެއް؟: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ހަމަ ކޮންމެ ވަގުތަކުވެސް ދުނިޔެއިން ބޭރުވާންޖެހި ބަރުޒަޚުގެ ޢާލަމަށްދާން ޖެހިދާނެކަން އެނގޭއިރު ތައްޔާރުވާން ކުރީ ކޮންކެމެއް؟: ބިލާލް އައްސަދު

ކިތަންމެ ހަގު ޢުމުރުގައިވެސް މީހަކު މަރުވެދާނެއެވެ. ޢުމުރުން ގިނަދުވަސްވެ މުސްކުޅިވަންދެން ދުނިޔޭގައި ހުންނަން ފުރުޞަތު ލިބިއްޖެނަމަ މަރުވުމަށް ތައްޔާރުވާން ކުރަންޖެހޭ ަމސައްކަތް ގިނަކުރަންވާނެއެވެ. ނަމަވެސް ގިނަ ބައަކަށް އެކަން އޮންނަނީ ނުކުރެވިފައެވެ.

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ޔަޤީންކުރަން ޖެހޭނެ ކަމަކީ މަރުވުމުން އެމީހާ ވަޅުލެވޭނީ ދުނިޔޭގައި ހުރެ ކުރި ހެޔޮ އަމަލުތަކާއި އަދި ނުބައި އަމަލުތަކާއިވެސް އެކުގައިކަމެވެ. އެހިސާބުން ގިނަ މީހުންނަށް ދުނިޔޭގެ ފަތް ބަންދުވީއެވެ.

މަރުވެ ވަޅުލެވުމުންވެސް ފަތް ބަންދު ނުވާނެ ބައަކު ތިބޭނެއެވެ. އެއީ މަރުވި ނަމަވެސް އެމީހަކަށް އެކަމަކުން ސަވާބު ލިބެމުންދާނެ ފަދަ ހެޔޮ އަމަލެއް ކޮށްފައިވާ މީހުންނެވެ. މިސާލަކަށް ޢިލްމު ފަތުރަން މަގުފަހިކުރުން، މިސްކިތެއް އެޅުން، މީސްތަކުންނަށް ފެން ލިބޭނެ މަގު ފަހިކޮށް ދިނުން މީހުންނަށް ފައިދާކުރާނެ ގަސް އިންދާފައިވުން، ފަދަ ކަންކަމެވެ. ދެން ޞާލިޙް ދަރިންގެ ދުޢާއެވެ. އަދި މިޒާމަނުގައި ދިރި ދެމިހުންނާނެ ވަޤުފް ފަންޑު އުފައްދައި ހިންގޭނެ ގޮތް ހަދައިދިނުން ފަދަ ކަންކަމެވެ.

ކަން ހުރީ މިހެން ނަމަވެސް ބަރުޒަޚުގެ ޢާލަމަށް ދިއުމަށް ތައްޔާރުވަނީ ވަރަށް މަދު މީހެކެވެ. ގިނަ މީހުންނާއި މަރު އައިސް ކުރިމަތިލަނީ އެއްވެސް ވަރަކަށް ތައްޔާރު ނުވެ ތިއްބައެވެ! އެއީ އެންމެ ހިތާމަވެރި ނިމުމެވެ. ގަދަ އަޅައި މަސައްކަތްކުރަންވީ އެފަދަ މީހުންގެ ތެރެއިން ނުވުމަށެވެ.

ކައްވަޅަކީ ނުވަތަ ބަރުޒަޚުގެ ޢާލަމީ އަހަރެމެންގެ ދާއިމީ ހަޔާތުގެ ފުރަތަމަ މަރުހަލާއެވެ. އަދި އަހަރެމްނެ ދުނިޔޭގައި ތިބެ ކުރި މަސައްކަތުގެ ނަތީޖާ ވެސް އެނގިގެންދާ މަރުހަލާއެވެ. އެކަން އެނގެނީ ރަސޫލް (ﷺ)ގެ ޙަދީޘްފުޅުންނެވެ. "ކައްވަޅު އެމީހަކަށް ފަސޭހަ ވެއްޖެ ނަމަ ފަހުން ކުރިމަތިލާންޖެހޭ ކަންކަން އިތުރަށް ފަސޭހަވެގެން ދާނެ ކަމަށާއި ކައްވަޅު އުނދަގޫ ވެއްޖެ ނަމަ ދެން ކުރިމަތިލާން ޖެހޭ ހަޔާތުގެ ކަންކަން އިތުރަށް އުނދަގޫވެގެންދާނެ ކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅެވެ.

ކައްވަޅުގައި ކުރެއްވޭ 3 ސުވާލަށް ޖަވާބު ދެވި އެމީހާއަށް ސުވަރުގެއިން ދެއްވަވާނެ ޖާގަ ދެއްކެވޭ މީހުން ބުނާނެތެވެ. ޤިޔާމަތްވުން އަވަސްކުރައްވަވާނދޭވެ!" ނަމަވެސް ޖަވާބު ނުދެވި، އެމީހަކަށް ނަރައިން ލިބޭނެ ޖާގަ ދައްކަވާ މީހުން އެދޭނީ ދުވަހަކުވެސް ޤިޔާމަތް ނުވުމަށެވެ. އެއީ އާޚިރަތް ދުވަހު ލިބޭނެ ޢަޛާބު މާ ބޮޑުވާނެތީއެވެ.

މީގެ 13 ވަރަކަށް އަހަރުކުރިން އުޅުނު ވަރަށް މުއްސަނދި އަންހެނަކު ބޭނުންވީ އޭނާ މަރުވުމުން އޭނާގެ އަގުބޮޑު ކާރާއިއެކު ވަޅުލެވޭށެވެ. އޭނާ އެދުނު ގޮތަށް މީސްތަކުން އެކަންތައް ކޮށްދިނެވެ. ބޮޑު ކައްވަޅެއް ކޮނެފައި އޭނާގެ ޤަބުރާއި ޖެހިގެން ކާރުވެސް ވަޅުލިއެވެ. ސުވާލަކީ އެ ކާރު އެތަނުގައި ވަޅުލުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

އެތަން ބަލަން ހުރި މީހަކު ވަގުތުން ބުންޏެވެ. އަހަރެން މަރުވެއްޖެ ނަމަ އަހަރެންގެ ހުރިހާ މުދަލެއް ވިއްކާލައި ޞަދަޤާތް ކުރުމަށްފަހުގައި ނޫނީ އަހަރެން ވަޅުވެސް ނުލަން ވަޞިއްޔަތް ކުރަމެވެ. މީސްތަކުންނޭވެ! އޭނާ އެކުރީ ވަރަށް ފައިދާހުރި ވަޞިއްޔަތެކެވެ. އެ ވަޞިއްޔަތަށް އޭނާގެ ދަރިން، ވާރިސުން އަމަލުކޮށްފިނަމަ އޭނާ ކައްވަޅަށް ދާނީ އޭނާގެ ހުރިހާ މުދައު ހިފައިގެންނެވެ. އޭނާއަށް ކައްވަޅުގައިވެސް އާޚިރަތް ދުވަހުގައިވެސް އޭނާގެ މުދަލުން ފައިދާކުރާނެއެވެ.

ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދުނިޔޭގައި ހުރެ އަމިއްލަ އަށް ވީހައި ގިނައިން ޞަދަޤާތް ކުރަމުން ދިއުމެވެ. ގިނައިން ލިބޭނަމަ ގިނައިންނެވެ. މަދުން ލިބޭނަމަ ލިބޭ މަދު މިންވަރުންނެވެ. މީގެ އިތުރުން އެމިހާ އެކުރި ފަދައިން އެމީހެއްގެ މުދައު އެކުގައި ނުވަތަ މުދަލުން ބައެއް ޞަދަޤާތްކުރަން ވަޞިއްޔަތް ކުރަންވީއެވެ.

--ބިލާލް އައްސަދުގެ ދަރުސަޚުން

މިއަދު އޮންލައިން