ހެޔޮނަޞޭޙަތް ޤަބޫލުނުކޮށް ގޮތްދޫނުކުރުމަކީ ތިމާ އެކަނިވެރިވާންޖެހޭ އެންމެ ބޮޑު ސަބަބު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ހެޔޮނަޞޭޙަތް ޤަބޫލުނުކޮށް ގޮތްދޫނުކުރުމަކީ ތިމާ އެކަނިވެރިވާންޖެހޭ އެންމެ ބޮޑު ސަބަބު!: މުފްތީ މެންކް

މީހެއްގެ ގާތު ޙާލު އަހައިފިނަމަ ކޮންމެވެސް މައްސަލަތަކެއްގެ ވާހަކަތައް ނުދައްކާ މީހަކު ވަރަށް މަދުވާނެއެވެ. މިކަމުން އެނގެނީ ގިނަ ބައަކު ދިރިއުޅެމުން ގެންދަނީ މައްސަލަތަކެއްގެ ތެރޭގައި ކަމެވެ. ދެން ބަލައިލަންވީ މައްސަލަތަކަށެވެ. މައްސަލަތައް ކުރިމަތިވާ ސަބަބަށެވެ.

ގިނަ ބައަކު މައްސަލައެއްގެ ގޮތުގައި ފާހަގަކުރާ އެއްކަމަކީ ދަރިއަކު ނުވަތަ ޢާއިލާގެ މަރުވުމެވެ. އެއީ މައްސަލައެއް ކަމަށް ބުނީ ކާކުހެއްޔެވެ؟ އެއީ މައްސަލައެއް ކަމަށް ބުނެވޭނީ ކާކަށް ހެއްޔެވެ؟ އެހެނީ ކޮންމެ މީހަކު ވެސް ދުނިޔެއަށް ފޮނުއްވަވަނީ ދުނިޔޭގައި ލާނެ ނޭވާގެ އަދަދު ކަނޑައަޅުއްވަވައިފައެވެ. ވީމާ ކުރިން މަރުވާނީ ކުރިން މަރުވުމަށް ﷲ ތައާލާ ކަނޑައަޅުއްވަވާފައިވާ މީހެކެވެ. އެގޮތަށް ވިސްނީމާ މައްސަލަތައް ދާނީ ޙައްލުވަމުންނެވެ!

ހުރިހާ ދީންތަކަށް ބެލި ނަމަވެސް ހެޔޮ މިންވަރާއި ނުބައި މިންވަރަށް އިމާންވުން އޮތީ ހަމައެކަނި އިސްލާމް ދީނުގައެވެ. ވާހަކަ ދެއްކުމުގައި ނުބައި މިންވަރު ކަމަށް ބުނި ނަމަވެސް އެއްވެސް ނުބައި މިންވަރެއް ނުއޮންނާނެއެވެ! އެކަމަކުން އަހަރެމެންނަށް ހިތްދަތިކަން ލިބުނު ނަމަވެސް އެއީ ހެޔޮ މިންވަރެވެ! އެހެނީ އެއީ ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި ގޮތެވެ! އަހަރެމެން އެންމެންނަކީ އެކަން އެގޮތަށް ބަލައިގަނެ ޝުކުރުވެރިވާންޖެހޭ ބައެކެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިތުރު އެއްކަންތައް ފާހަގަކޮށްލާނަމެވެ! އެކަމަކުން ތިމާއަށް ހިތްދަތިކަން ލިބުނު ކަންކަމާއިމެދު އަމިއްލައަށް ވިސްނައިލަބަލާށެވެ! 99 އިންސައްތަ ކަންކަމުގައި ހިތްދަތިކަން ލިބުނީ ބަސް ޤަބޫލު ނުކުރެވުމުންކަން އެނގޭނެއެވެ. މައިންބަފައިންގެ ބަސް ޤަބޫލު ނުކުރެވުމާއި އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް އަމަލު ނުކުރެވުން މީގެ ތެރޭގައި ހިމެނެއެވެ. އަދި ގާތް އެކުވެރިންގެ ތެރެއިން ހެޔޮ ލަފާ އެކުވެރިންގެ ބަސް ޤަބޫލު ނުކުރެވުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ދެމަފިރިން އެކަު އަނެކެއްގެ ބަސް ޤަބޫލުނުކުރުންވެސް ހިމެނެއެވެ.

ހަމަ އެއާއިއެކު އަހަރެމެން ޤަބޫލުކުރަން ޖެހޭ އެއްކަމަކީ ދުނިޔޭގައި މައްސަލަތައް ކުރިމަތިވާނެ ކަމެވެ. އަދި ކުރިމަތިވާ ކޮންމެ މައްސަލައަކީވެސް އިމްތިޙާނެއް ކަމެވެ. އަހަރެމެންނަކީ އެ އިމްތިޙާނުން ފާސްވުމަސް ގަދައަޅައި މަސައްކަތްކުރަން ޖެހޭ ބައެއް ކަމެވެ. އާޚިރަތް ލިބުން އޮތީ އެ އިމްތިޙާނުން ފާސްވެގެން ކަމެވެ.

ހަމަ އެއާއިއެކު ﷲ ތައާލާ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އެމީހަކު އިތުރަށް އިމްތިހާން ކުރައްވަވާނެކަން ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ މައްސަލައެއް ކަމަށް މިދެކެވޭ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ކުރަންވީ ހިތާމައެއް ނޫނެވެ. އުފާކުރަންވީއެވެ! ﷲ ތަޢާލާ ކުރައްވަވާ އިމްތިޙާނުން ފާސްވާން ގަދައަޅައި މަސައްކަތްކުރަންވީ އެވެ.

ނަމަވެސް އަހަރެމެންނަށް މިކުރެވޭ ކަމަކީ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަމުން ލިބޭ ހިތާމަ އިތުރުވެ އަޅުކަމާއި ދުރުހެލިވެވެނީއެވެ. އެއީ އިމްތިޙާނުން ފޭލްވުމެވެ. ފާސްވާނީ މައްސަލަތައް އިތުރުވި ވަރަކަށް އަޅުކަން ކުރުން އިތުރުކުރާ މީހާއެވެ! ﷲ ތައާލާ އާއި ކުތައްނަވުމަށް އިތުރަށް މަސައްކަތްކުރާ މީހާއެވެ!

އެންމެންގެ ވެސް ބޯހަރުވާނެއެވެ. އެއީ ބޮލުގައި ވަރުގަދަ ނާށިގަނޑެއް އިންނާތީއެވެ. ނަމަވެސް ބޯހަރުވުން ކިޔަނީ އެމާނައެއްގައެއް ނޫނެވެ. ކީހުން ބުނާ ބަސް ޤަބޫލުނުކުރުމަށެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިނުވުމަށެވެ. ކިތަންމެ ރަނގަޅު ގޮތެއް ބުނެދިން ނަމަވެސް އެގޮތް ޤަބޫލުނުކޮށް ތިމާއަށް ފެންނަ ގޮތަށް ކަންކަން ކުރުމަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން