ކޮންމެ ނަމާދަކީވެސް މުހިންމު ނަމާދެކެވެ. އެންމެ ނަމާދެއްވެސް އަޅައިގެން ނުވާނެއެވެ. މުސްލިމުންނަށް އޮތީ ނަމާދު ޤާއިމުކުރުމެވެ. ނަމާދު ޤާއިމުކުރުމަކީ ފަރުޟު 5 ނަމާދަށް ރައްކައުތެރިވެ ޤަވާއިދުން ކުރަމުން ގެންދިއުމެވެ.
އެހެންކަމާއިއެކުވެސް ފަތިސް ނަމާދަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ނަމާދެވެ. ފަތިސް ނަމާދު ކުރުމުން އެމީހަކަށް އެދުވަހު ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާތީއެވެ. ރިޒްޤް ލިބުމަށް މަގުފަހިކުރައްވަވާތީއެވެ. ދިރިއުޅެން ކުރަން ހުންނަ މަސައްކަތްތައް ކުރަން މަގުފަހިވަގެންދާތީއެވެ.
ފަތިސް ނަމާދަށް ނުހޭލެވޭ މީހުން މިހައި ގިނަވެގެން މިއުޅެނީ ފަތިސް ނަމާދުކުރަން ބޭނުން ނުވާތީއެއް ނޫނެވެ. ނުހޭލެވޭތީއެވެ. ވީމާ ހޭލަން ފަށޭހަވާނެ ގޮތްތަކަށް ވިސްނައި ޢަމަލުކުރަން އެބަޖެހެއެވެ.
އެގޮތުން ކުރެވިދާނެ އެއް ކަމަކީ ނިދުމުގެ ކުރިން ފެނފޮދެއް ބޮއިލުމެވެ. އެއީ ކުޑަކަމުދާން ބޭނުންވެގެންވެސް ހޭލެވޭނެތީއެވެ. ދެވަނަ ކަމަކީ ގަޑި ނުވަތަ ފޯނު ސޯނާކޮށްފައި ތަންކޮޅެއް ދުރުގައި ބޭއްވުމެވެ. އެއީ އެނދުން ތެދުވެ ތަންކޮޅަކަށް ހިނގާލައި ސޯނާ ނިއްވާލަން ނުވަތަ ސޯނާ ކަނޑާލަން ޖެހުމުން ސޯނާވުމުން ނިވާލައި އަލުން އޮށޯވެ ނިދުމުގެ ފުރުޞަތު ކުޑަވެގެންދާނެތީއެވެ.
މިކަންކަން ކުރުމާއިއެކުވެސް ވީހައި އަވަހަކަށް ނިދުމަށް ސަމާލުކަންދޭންވާނެއެވެ. ނިދި ފުރިހަމަވެގެން ހޭލެވުމަކީ ފަތިސްނަމާދުކުރަން އެންމެ ބޭނުންތެރި އެއްކަންތައް ކަމުގައިވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން