މަސައްކަތްކުރަންވީ ފުރާނަ ހިއްޕަވަން ސުވަރުގޭގެ މަލާއިކަތުން ފައިބާވަޑައިގަންނަވާނެ މީހަކަށްވާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
މަސައްކަތްކުރަންވީ ފުރާނަ ހިއްޕަވަން ސުވަރުގޭގެ މަލާއިކަތުން ފައިބާވަޑައިގަންނަވާނެ މީހަކަށްވާން!

މީސްތަކުންނޭވެ! ގަދައަޅައި މަސައްކަތްކުރަންވީ ތިމާއަކީ ސުވަރުގޭގެ މަލާއިކަތުން ސުވަރުގޭގެ ފޭރާމާއި ހިއްޕަވައިގެން ފައިބާ ވަޑައިގެން ފުރާނަ ހިއްޕަވާ މީހަކަށްވުމަށެވެ. އެއިރުން ދުނިޔޭގައި އުޅެ ނިމިދިއަ ޙާލަތު ހަނދާނުގައިވެސް ނުހުންނާނެއެވެ. މަރުވީތީ އުފާކުރާ މީހަކުކަމުގައި ވެވޭނެއެވެ. ޤިޔާމަތާއި ހަމައަށް ސުވަރުގޭގެ ބަގީޗާއެއްގައި އޮވެވޭ މީހަކަށް ވެވޭނެއެވެ. އިން ޝާ ﷲ 

ކޮންމެ މީހަކަށްވެސް ދާއިމީ ގޮތެއްގައި ތަޙައްމަލުކުރަންޖެހޭނެ މުޞީބާތަކީ ﷲ ތަޢާލާގެ ކޯފާ އާއި ޢަޛާބެވެ. އެހެން ކޮންމެ މުޞީބާތަކުންވެސް ސަލާމަތްވެވޭނެއެވެ. އެއީ ވަގުތީ ކަމެކެވެ. ދާއިމީ ކަމަކަށް ނުވާނެއެވެ. 

ބައެއް މީހުންނަށް ދުނިޔޭގައި ވަރަށް ބޮޑެތި ތަކްލީފްތައްވެސް އުފުލަންޖެހެއެވެ. އެކަންކަމުގައި ދުނިޔެ ދޫކުރަންވެސް ޖެހެއެވެ. ނަމަވެސް މަރުވާ ހިސާބުން އެކަމުން އެމީހަކަށް ސަލާމަތްކަން ލިބެއެވެ. 

ނަމަވެސް ﷲ ތަޢާލާގެ ކޯފާ އާއި ޢަޛާބުގައިވާ މީހަކު މަރުވިނަމަވެސް ކައްވަޅުގައިވެސް އެމީހަކަސް ދާނީ ޢަޛާބު ލިބެމުންނެވެ. އަދި ޤިޔާމަތް ދުވަހު ވެސް އެމީހަކަށް ވަނީ ގަދަފަދަ ޢަޛާބެވެ. އެހެނީ ﷲ ތަޢާލާ ކޯފާލައްވަވާނީ އެމީހަކަށް އެކަން ޙައްޤުވުމުންނެވެ. 

ވީމާ ދުނިޔޭގައި ކުރިމަތިވާ ކަންކަމާއިމެދު ކަންބޮޑު ނުވާށެވެ! ކޮންމެ މުޞީބާތަކީވެސް ހަމަ ވަގުތީ ކަމެކެވެ. ކޮންމެ މުޞީބާތަކާއިއެކު ރަޙްމަތެއްވާކަން ޤްރްއާނުން އެނގެން އެބަ އޮތެވެ. އެރަހްމަތް ދުނިޔޭގައި މިންވަރުނުކުރެއްވެވިނަމަ އާޚިރަތް ދުވަހު މިންވަރުކުރައްވަވާނެތެވެ! ވީމާ ދުނިޔޭގައި ތިމާއަށ ކިތަންމެ ބޮޑު މުޞީބާތެއް ކުރެއްވެވިނަމަވެސް ހިތާމަކޮށް ކަންބޮޑުވުމެއް ނެތެވެ. 

ބިރުވެތިވާންވީވެސް ކަންބޮޑުވާންވީވެސް ތިމާ މަރުވުމުން ކުރިމަތިލާންޖެހިދާނެ ކަންކަމަށެވެ. ﷲ ތަޢާލާގެ ޢަޛާބަށެވެ. މަރުވުމުން ތިމާގެ ފުރާނައަށްވާނެ ގޮތަކާއިމެދުގައެވެ. ކައްވަޅުގައި އޮންނަން ޖެހޭނީ ނަރަކައިގެ ވަތްގަނޑެއްގައި ކަމަށްވެދާނެ ކަމަށްޓަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން